ދިވެހިރާއްޖެއަށް ޑިމޮކްރަސީ ތައާރަފްކުރެވި ބޭއްވި އިންތިހާބުތަކުގެ ނަތީޖާ އަށް ބަލާއިރު އައްޑޫ އަކީ އެމްޑީޕީގެ ސަޕޯޓަރުން ގިނަ ސަރަހައްދެއްގެ ގޮތުގައި ލޭބަލް ކުރެވިފައިވާ ސިޓީއެވެ. ރައީސް މައުމޫނުގެ ދިގު 30 އަހަރުގެ ވެރިކަން ފުރޮޅާލުމުގައި އައްޑޫ ރައްޔިތުންގެ ހިއްސާ ބޮޑެވެ. އެމީހުންގެ ޤުރުބާނީ ވެސް ބޮޑެވެ. މިއީ ސިޔާސީ ގޮތުން ބަދަލު ނުކުރެވޭނެ ހަގީގަތްތަކެވެ.
އައްޑޫ ރައްޔިތުން މައުމޫނާއި ދެކޮޅަށް ނިކުމެ ވޯޓުން “ތަޅައި” މައުމޫނު ބަލިކުރި އިރު އައްޑޫ އިން ކިރިޔާ ވެސް މައުމޫނަށް ތާއީދު ކުރި ބަޔަކު ތިބީ ފޭދޫގައެވެ. އެހެން ނަމަވެސް މިއަދު އެ މަންޒަރު ވެސް ބަދަލު ވެއްޖެއެވެ.
ފޭދޫގައި ތިބި މައުމޫނުގެ ސަޕޯޓަރުންގެ އަދަދު ހަތަރެސްފައިގެ އިނގިލިން ވެސް ގުނާލެވިދާނެއެވެ. 30 އަހަރު ވަންދެން ފޭދޫގެ ރައްޔިތުން ގުނބޯ ހައްދައިގެން މައުމޫނު ވެރިކަން ކުރެއްވީ އެރަށުގެ ރައްޔިތުންނަށް ތަފާތު ހުވަފެންތައް ދައްކަވަމުންނެވެ.
ޒަމާނުއްސުރެ ބިމުގެ ދަތިކަން ކުރިމަތިވެފައިވާ ފޭދޫގެ ރައްޔިތުންގެ އެންމެ ބޮޑު އެދުމަކީ އެރަށުގެ ބިން ހިއްކައި ދިނުމެވެ. އެކަމަށް އެދުމުން މައުމޫނުގެ ވެރިކަމުގައި އެރަށުގައި ކޮންމެ 5 އަހަރަކުން ކަނޑަތަކެއް ޖެހިއެވެ. ފޭދޫއަށް ނިސްބަތްވާ ދޮށީ އުމުރުގެ ރައްޔިތުން ބުނާގޮތުގައި މައުމޫނުގެ 30 އަހަރުގެ ވެރިކަމުގައި 10 ވަރަކަށް ފަހަރު ބިން ހިއްކުމަށް ކަނޑަތައް ޖެހިއެވެ.
ކަނޑަތައް ޖަހައި ހުވަފެންތަކެއް ދައްކަވައިގެން ފޭދޫގެ ރައްޔިތުންނަށް މައުމޫނު ދެއްވީ “ދޯކާ” އެކެވެ. އެމީހުން ބޭނުންކުރެއްވީ ވޯޓު ކޮޅު ހޯދުމަށެވެ.
އެހެން ނަމަވެސް މިއަދު އެހެންތޯއެވެ. ކައުންސިލް އިންތިހާބުގައި ފޭދޫއިން ޕީޕީއެމްގެ ކެންޑިޑޭޓަށް ނާކާމިޔާބު ވިޔަސް ރައީސް ޔާމީންގެ އެރަށް ތަރައްޤީ ކުރުމަށް ހުރަހެއް ނާޅުއްވައެވެ.
ފޭދޫގެ ވަށައިގެން ބިން ހިއްކައިފިއެވެ. ފެނާއި ނަރުދަމާގެ މަޝްރޫޢު ރޮކެޓް ސްޕީޑްގައި ކުރިއަށް ގެންގޮސް އިސާހިތަކު ނިންމާލަފާނެއެވެ. ބޯހިޔާވަހިކަން ފޭދޫގެ ރައްޔިތުންނަށް ޔަޤީން ވެގެންދާނެއެވެ. ފަތުރުވެރިކަމަށް ފޭދޫ ވެސް ހުޅުވިގެންދާނެއެވެ. ފޭދޫގެ ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ޔަޤީން ވާނެއެވެ .
4 އަހަރު ދުވަހުގެ ތެރޭގައި ފޭދޫ ރައްޔިތުންނަށް ރައީސް ޔާމީން ގެނެސްދެއްވި ތަރައްޤީ އާއި ދެކޮޅު ހެދުމަށް މައުމޫނު ފޭދޫ ރައްޔިތުންނަށް ގޮވާލިއަސް އެމީހުން އެކަމަށް އިޖާބައެއް ނުދޭނެއެވެ.
މައުމޫނުގެ ވެރިކަމުގައި ޖެހީ ކަނޑަތަކެވެ. ހެއްދެވީ އިތުރުފުޅުތަކެވެ. އެހެން ނަމަވެސް މިއަދު މަޝްރޫޢުތައް ރޮކެޓް ސްޕީޑްގައި ކުރިއަށް ދަނީއެވެ. އެވެސް ކަނޑަޖެހުމެއް ނެތިއެވެ.
އެހެންވީމާ ފޭދޫގެ ރައްޔިތުން ރައީސް ޔާމީން އެއްލަކިން ހޮވަން މިއަދު ނިކުންނަން ފަހެއް ނުޖެހޭނެއެވެ. ސަރުކާރުން މިގެންނަވާ ތަރައްޤީއަށް ޝުކުރު އަދާކުރަމުން އެމީހުން ބާރަށް އަތްޖަހާނެއެވެ.
މައުމޫނަށް މިއަދު ފޭދޫގެ ރައްޔިތުން ތާއީދު ނުކުރަނީ ކީއްވެ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ