ޖުމްހޫރީ ޕާޓީގެ ލީޑަރު އޮންރަބަލް ގާސިމް އިބްރާހީމް ސްރީލަންކާގެ ރައީސް މައިތްރިޕާލާ ސިރިސޭނާއާ ބައްދަލުކުރައްވައިފި އެވެ.
މި ބައްދަލުކުރުން އޮތީ މިއަދު ހެނދުނުގެ ވަގުތެއްގައި ސްރީލަންކާގެ ވެރިރަށް ކޮޅުނބުގަ އެވެ.
މި ބައްދަކުރެއްވުމުގައި ގާސިމް އިބްރާހީމްގެ އިތުރުން ޖޭޕީގެ ޕާލިމަންޓް ގުރޫޕުގެ ނައިބު ލީޑަރު އަދި ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު އާއި ޖޭޕީގެ ނައިބް ލީޑަރު ޑރ. ހުސައިން ރަޝީދު ހަސަން ބައިވެރިވެ ވަޑައިގެންނެވި އެވެ.
ގާސިމް އިބްރާހީމް ވަނީ މިދިޔަ ބުރާސްފަތި ދުވަހު ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމް ސިންހައާއިވެސް ބައްދަލުކުރައްވައިފަ އެވެ.
ރާއްޖޭގެ ސިޔާސީ މަޝްރަހުގައި މިހާރު ހިނގަމުންދާ ކަންތައްތަކާއި ގުޅޭ މައުލޫމާތު ލަންކާ ސަރުކާރާއި ލަންކާގައި ތިއްބަވާ ބޭރުގެ ޑިޕްލޮމޭޓުންނާ ހިއްސާކުރެއްވުމަށް އެމްޑީޕީ-ޖޭޕީ ގެ އިސް ވަފުދެއް ލަންކާއަށް ފުރާވަޑައިގަތީ މިދިޔަ ބުދަ ދުވަހުގެ ރެއެވެ.
ގާނޫނު އަސާސީގެ ދިފާއުގައި ދިވެހިން ގުޅިގެން ކުރަމުންދާ މަސައްކަތުގައި އެކުލަވާލާފައިވާ އިއްތިހާދުގެ ވަފުދު ލަންކާއަށް ފުރާވަޑައިގަތްއިރު މި ވަފުދުގައި ހިމެނިވަޑައިގަންނަވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމު އިބްރާހިމް، ނާއިބު ލީޑަރު ޑރ. ހުސެއިން ރަޝީދު ހަސަނާއި، ޕާލިމެންޓްރީ ގްރޫޕުގެ ނާއިބު ލީޑަރު އަބްދުﷲ ރިޔާޒާއި އެމްޑީޕީގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދުގެ އިތުރުން މާލޭ ސިޓީގެ މޭޔަރު މުހައްމަދު ޝިހާބު އެވެ. މި ވަފުދުގެ ބައެއް ބޭފުޅުން ވަނީ އިއްޔެ މާލެ އައިސްފައި ވެއެވެ.
ލަންކާއަށް ފުރާ ވަޑައިގަތުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ގާސިމް އިބްރާހިމް ވިދާޅުވީ މި ދަތުރުގެ ބޭނުމަކީ ރާއްޖޭގެ ސިޔާސީ މަސްރަހާއި ބެހޭ ގޮތުން ބޭރު ގައުމުތަކުގެ ސަފީރުންނާއި ބައްދަލުކޮށް ރާއްޖޭގެ ސިޔާސީ މަސްރަހާއި ބެހޭ ގޮތުން މަޝްވަރާކުރުން ކަމަށެވެ. އަދި ރާއްޖޭގެ ޑިމޮކްރަސީއާއި ޑިމޮކްރެޓިކް އުސޫލުތައް ހަރުދަނާކޮށް، މިނިވަން މުއައްސަސާތައް ބާރުވެރިކުރުމާއި ބެހޭ ގޮތުން ބޭރު ގައުމުތަކުގެ ސަފީރުންނާއި ބައްދަލުކޮށް މަޝްވަރާކުރައްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.
ގާސިމް ސްރީލަންކާގެ ރައީސާއި ބައްދަލު ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ