އިއްތިހާދު ރޫޅިއްޖެ ނަމަ ވެރިކަމުގެ ސައްޙަކަން ގެއްލޭނެ ކަމަށް ސިޔާސީ ލީޑަރުން ވަނީ ވިދާޅުވެފައި

އިއްތިހާދަކުން ވެރިކަމަށް އައުމަށްފަހު އިއްތިހާދުގެ ބައިވެރިން ވެރިކަމުގެ ތެރެއިން ދުރުކޮށް، އިއްތިހާދު ރޫޅިއްޖެނަމަ އެ ވެރިކަމުގެ ޤާނޫނީ ހައިސިއްޔަތު ގެއްލިގެން ދާނެކަމަށް ސިޔާސީ ހުރިހާ ލީޑަރުންވެސް ގެންދަވަނީ ވިދާޅުވަމުންނެވެ.
ދިވެހި ޖުމްހޫރިއްޔާގެ މިހާރުގެ ނާއިބް ރައީސް ޑރ މުހައްމަދު ޖަމީލް އަޙުމަދުވެސް ވަނީ އިއްތިހާދަކާއެކު ވެރިކަމަށް އަންނަ ބަޔަކު އެ އިއްތިހާދު ރޫޅާލައިފިނަމަ އެ ވެރިކަމެއްގެ ޤާނޫނީ އަދި އަޚްލާޤީ ހުއްޖަތެއްވެސް ނޯންނާނެކަމަށް ވިދާޅުވެފައެވެ.
2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުވެސް ކާމިޔާބުކުރީ 2008 ވަނަ އަހަރެކޭ އެއްގޮތަށް ގުޅިފައިވާ އިއްތިހާދަކުން ކަމީ ދެބަސްވެވެން ނެތް ހަޤީޤަތެކެވެ. ނިމިގެންދިޔަ ދެ ރިޔާސީ އިންތިޚާބުގައިވެސް ފުރަތަމަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް، އިންތިޚާބު ކާމިޔާބު ކުރަން ޤާނޫގައި ބުނާ އަދަދަށް ވޯޓް ލިބިވަޑައިނުގަތުމުން ދެވަނަ ބުރަކަށް ނިކުންނެވީ ތިންވަނައަށް އެންމެ ގިނަ ވޯޓް ލިބިވަޑައިގެންނެވި ކެންޑިޑޭޓް އޮނަރަބް ޤާސިމް އިބްރާހީމް އާއި ގުޅި އިއްތިހާދު ވެގެންނެވެ.
ރައީސް އަބުދުﷲ ޔާމީން ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޖުމްހޫރީ ޕާޓީއާއި އެމްޑީއޭއާއި އަދާލަތު ޕާޓީ އަދި ޕީޕީއެމް ގުޅިގެން ނިކުންނެވީ ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް އަރުވަމުންނެވެ. އަދި 2008 ވަނަ އަހަރު ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމަށް ކުރިމަތިވި ފަދަ ހިތްދަތި ގޮތްތަކެއް އެމަނިކުފާނުގެ އިއްތިހާދެއްގައި ދިމާނުވާނެކަމުގެ ފުރިހަމަ ޔަޤީންކަން ރައީސް ޔާމީނު ދެއްވިއެވެ.
ރައީސް ޔާމީނުގެ މިހާރުގެ ނާއިބް ނުވަތަ އޭރުގެ ރަނިންގ މޭޓް ޑރ މުހައްމަދު ޖަމީލް އަޙްމަދު ވަނީ އެއްވެސް ރައްޔިތަކަށް ތަފާތު ނުވާނެގޮތެއްގެ މަތިން އިއްތިހާދުގެ ވެރިކަމެއް އެކުލަވާލައްވާނެކަމުގެ ޔަޤީންކަން ދިވެހި ރައްޔިތުންނަށް ދެއްވާފައެވެ. އަދި އެފަދަ ސަރުކާރެއް އެކުލަވާލާ ކުރިއަށް ގެންދެވޭނެ ކެތްތެރިކަމާއި ބާރު އެބޭފުޅުންގެ ކިބާގައި ހުރިކަމަށްވެސް އެދުވަހު ވިދާޅުވިއެވެ.
ރައީސް ޔާމީނުގެ ވެރިކަމަށް އަހަރުވެސް ނުފުރެނީސް، ވެރިކަމަށް އައުމަށް ޖުމްހޫރީ ޕާޓީއާއި ޕީޕީއެމްއާއި ދެމެދު އާލަމްތަކުގެ ވެރި މާތް ﷲ ހެކިކޮށް ވެފައިވާ އެއްބަސްވުމުގައި ނުހިމެނޭ ކަމެއް މަތިކުރުމަށް ފަހު ޖުމްހޫރީ ޕާޓީއާއި ޕީޕީއެމްއާއި ދެމެދު ވެފައިވާ އެއްބަސްވުން ޕީޕީއެމް އިން އިސްވެ ވަނީ އުވާލާފައެވެ.
2008 ވަނަ އަހަރު އެކުލަވާލެވުނު ރައީސް ނަޝީދުގެ "ވަތަން އެދޭ" އިއްތިހާދުވެސް ކުޑަދުވަސްކޮޅެއްގެ ތެރޭގައި ވަނީ ރޫޅިފައެވެ. ހަމަ އެއާއެކު އެ ވެރިކަމުގެ ޤާނޫނީ ހައިސިއްޔަތާއިމެދު މިހާރު ސަރުކާރުގައި ތިއްބެވި ފަރާތްތަކުން އޭރު ސުވާލުތައް އުފައްދަން ފެށިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނާއިބް އަދި މަޝްހޫރު ޤާނޫނީ ވަކީލް ޑރ މުހައްމަދު ޖަމީލް އަޙްމަދު ވިދާޅުވެފައިވަނީ އިއްތިހާދަކާއެކު ވެރިކަމަށް އަންނަ ބަޔަކު ވެރިކަމަށް އަންނަނީ ގުޅިގެން ޚިދުމަތްކޮށް، ރައްޔިތުން އެދޭ ބަދަލު ގެނައުމަށްކަމަށާ ނަމަވެސް އެފަދަ އިއްތިހާދެެއް ރޫޅިއްޖެނަމަ އެ ވެރިކަމަކާއި މެދު ސުވާލް އުފެދޭނެކަމަށެވެ.
އަދި އިއްތިހާދުގެ ބައިވެރިން ސަރުކާރުގެ ތެރެއިން ދުރުކޮށް، އަމިއްލަ ވެރިކަމަކަށް އެ ވެރިކަން ބަދަލުކުރާ ހިސާބުން ވެރިކަމުގެ ޤާނޫނީ އަދި އަޚްލާޤީ ހުއްޖަތުވެސް ނެތިގެންދާނެކަމަށް ޑރ ޖަމީލު ވަނީ ވިދާޅުވެފައެވެ. ޑރ ޖަމީލު މިމޭރުމުން ވާހަކަފުޅު ދައްކަވާފައިވަނީ ރައީސް ނަޝީދުގެ ސަރުކާރުން ޖުމުހޫރީ ޕާޓީއާއި އަދާލަތު ޕާޓީ ވަކިވުމާއި ގުޅިގެން 28 މެއި 2010 ގައި ވީޓީވީ އަށް ދެއްވާފައިވާ އިންޓަރވިއު އެއްގައެވެ.
ޑރ ޖަމީލް އިތުރަށް ވިދާޅުވެފައިވަނީ ރާއްޖޭގައި އޮތީ ރިޔާސީ ނިޒާމެއް ނަމަވެސް ވެރިކަމަށް އައީ އިއްތިހާދެއްގެ ތެރެއިން ނަމަ އެ އިއްތިހާދު ދެމެހެއްޓުމަކީ ޑިމޮކްރަޓިކް މުޖްތަމައުއެއްގައި ވަރަށް މުހިންމުކަމެއްކަަމަށެވެ. އަދި އެފަދަ އިއްތިހާދެއް ރޫޅޭ ހިސާބަކީ އަލުން ރައްޔިތުންނާއި ހަމައަށްދާންޖެހޭނެ ސަބަބެއްކަމަށާ ވެރިކަމުގައި ދެމި ތިބުމުގެ ހުއްޖަތެއް އެބަޔަކަށް ނޯންނާނެކަމަށްވެސް ޑރ ޖަމީލު ވަނީ ވިދާޅުވެފައެވެ.
ޑރ ޖަމީލް މިހެން ވިދާޅުވެފައިވާއިރު ރައީސް ޔާމީނު ވެރިކަމަށް ގެނައުމަށް އިއްތިހާދުވެ އެންމެ ބުރަ މަސައްކަތްކުރި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްވެސް ވަނީ ސަރުކާރު ހިންގާ ޕީޕީއެމްއާއެކު ޖުމްހޫރީ ޕާޓީން ހަދާފައިވާ ކޯލިޝަން ރޫޅާލައިފަވާ ކަމަށް ޕީޕީއެމުން ބުނި ދުވަހުން ފެށިގެން މި ސަރުކާރުގެ ގާނޫނީ ހައިސިއްޔަތެއް ނެތް ކަމަށް ވިދާޅުވެފައެވެ.
ގާސިމް ވިދާޅުވީ ރައީސް ޔާމީން ވެރިކަމަށް ގެނައުމުގައި ޖޭޕީން ބުރަ މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށާއި ޕީޕީއެމްއާއެކު ހެދި އެއްބަސްވުމަކީ ފަސް އަހަރު ވުމުގެ ކުރިން ބާތިލް ނުކުރެވޭނެ ގޮތަށް ހަދާފައިވާ އެއްބަސްވުމެއް ކަމަށެވެ.
ކުރީގެ ރައީސް ނަޝީދު ވެސް ވިދާޅުވީ އިއްތިހާދަކާއެކު ވެރިކަމަށް ވަޑައިގެންނެވި ރައީސް އަބްދުﷲ ޔާމިންގެ އިއްތިހާދު ރޫޅުމާއެކު މި ވެރިކަމުގެ ގާނޫނީ ހައިސިއްޔަތުވެސް ގެއްލިފައިވާ ކަމަށެވެ. އަދި މިރާއްޖޭގައި ގާނޫނީ ހަމަތަކުގެ މަތިން ރައްޔިތުން ބޭނުންވާ ފަދަ ވެރިކަމެއް ކުރެވެން އެބަޖެހޭކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
އިއްތިހާދުގެ ވެރިކަމެއް ރޫޅިއްޖެނަމަ ޢަމަލްކުރާނެ ގޮތާއި އަދި އެފަދަ ވެރިކަމެއްގެ ޤާނޫނީ ހައިސިއްޔަތާއިމެދު ގިނަ ސިޔާސީ ލީޑަރުންގެ ވިސްނުން އެއްގޮތްކަން މިވަނީ ހާމަވެފައެވެ. ނަމަވެސް ގިނަ ޕާޓީތައް އެކުލެވޭ ވެރިކަމުގެ ނިޒާމެއް ރާއްޖޭގައި ޤާއިމް ކުރި ފެހި ޤާނޫނު އަސާސީގައި މިފަދަ އެއްވެސް ހާލަތެއްގައި އަމަލުކުރާނެ އެއްވެސް ގޮތެއް ބަޔާންކޮށްފައެއް ނެތެވެ. ޖުމޫހޫރީ ޕާޓީއާއި އެމްޑީޕީ ގުޅިގެން އެންމެ ފަހުން ބޭއްވި ޖަލްސާގައި ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުގައި، ފެހި ޤާނޫނު އަސާސީން ރާއްޖޭގައި ޤާއިމް ކޮށްފައިވާ ވެރިކަމުގެ ނިޒާމް ބަދަލު ކުރުމާއި ބެހޭގޮތުން ވަނީ ވާހަކަފުޅު ދައްކަވާފައެވެ.
ތިރީގައި އެވަނީ މިރިޕޯޓް އެކުލަވާލުމަށް އެއްކުރި ވީޑިއޯތަކާއި އިންޓަރވިއުތަކާއި އަދި އެކި ބޭބޭފުޅުންގެ ވާހަކަފުޅުތަކުގެ މައްޗަށް ތައްޔާރުކޮށްފައިވާ ވީޑިއޯ ރިޕޯޓެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ