އެމްއެންބީސީގެ ހަވާލުގައި ހުރި އެއްވެސް މުދަލެއް ނުވިއްކަން ކޯޓުން އަމުރުކޮށްފި

މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން [އެމްބީސީ] އިން މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން [އެމްއެންބީސީ]ގެ މައްޗަށް ދައުވާ ކުރާ މައްސަލައިގައި ހުކުމް ކުރަންދެން އެމްއެންބީސީގެ ހަވާލުގައި ހުރި އެއްވެސް މުދަލެއް ނުވިއްކުމަށް ސިވިލް ކޯޓުން މިރޭ އަމުރުކޮށްފި އެވެ.
މުދާ ނުވިއްކުމުގެ އަމުރުކަށް އެމްބީސީގެ ފަރާތުން އެދިފައި ވަނީ ޓީވީއެމްގެ މުދާތަކެއް ވިއްކުމަށް އެމްއެންބީސީން އިއުލާން ކުރުމާ ގުޅިގެންނެވެ.
އެމްބީސީން ނެރެދިނުމަށް އެދުނު އަމުރާ މެދު ގޮތެއް ނިންމުމަށް ބޭއްވި ޝަރީއަތުގައި އަމުރު އިއްވަމުން ގާޒީ އާއިޝާ ސުޖޫން މުހައްމަދު ވިދާޅުވީ ކޯޓުން ގޮތެއް ކަނޑައެޅުމުގެ ކުރިން އެމްއެންބީސީގެ ހަވާލުގައިވާ މުދާ ވިއްކައިފި ނަމަ އެކަމަކު ސަބަބުން އެމްބީސީގެ ހައްގަށް އުނިކަމެއް އަތުވެދާނެ ހާލަތެއް މެދުވެރިވުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އެހެންކަމުން ޝަރީއަތް ނިމެންދެން އެމްއެންބީސީގެ ހަވާލުގައި ހުރި އެއްވެސް މުދަލެއް ނުވިއްކުމަށް ގާޒީ ސުޖޫން އަމުރު ކުރެއްވި އެވެ.
"މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަނުން ވިއްކުމަށް އިއުލާން ކުރި މުދާ އަދި އެ ކުންފުނީގައިވާ އެހެންވެސް މުދަލެއް އެއްވެސް ފަރާތަކަށް ވިއްކައިގެން، ބަދަލުކޮށްގެން، ދޫކޮށްލައިގެން ނުވަތަ ނައްތާލައިގެން ނުވާނެކަމުގައި އަންގައި އަމުރުކޮށްފިން،" ސިވިލް ކޯޓު ހިންގުމާ މިވަގުތު ހަވާލުވެ ހުންނެވި ގާޒީ ސުޖޫން ވިދާޅުވި އެވެ.
އެމްއެންބީސީން އެ މައްސަލައިގައި މިއަދު ބުނެފައި ވަނީ މުދާ ވިއްކުމަށް އިއުލާންކޮށްފައި ވަނީ އެމްއެންބީސީގެ ބޯޑުން ނޫން ކަމަށެވެ. އަދި މަސްލަހަތަށް ޓަކައި ޝަރީއަތް ނިމެންދެން އެ އިއުލާނަށް އަމަލު ނުކުރުމަށް ނިންމާފައިވާ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ.
ޓީވީއެމް އާއި ދިވެހި ރާއްޖޭގެ އަޑާއި އެ ދެ ތަނުގެ މުވައްޒަފުންނާއި މުދާ ހޯދުމަށް އެމްބީސީން ދައުވާ ކުރާ މި މައްސަލައިގެ ހުރިހާ އަޑުއެހުމެއް މިހާރު ވަނީ ނިންމާލައިފަ އެވެ. އަދި ކޯޓުން ބުނެފައި ވަނީ އެ މައްސަލައިގައި ވަރަށް އަވަހަށް ހުކުމް ކުރާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ