ސިޔާސީ ޕާޓީތަކުންނާއި އަމިއްލަ ގޮތުން 2013 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން ދިރާސާކުރުމަށް ނިންމާފައިވާކަމަށް ޖަމިއްޔަތުއްސަލަފުން މިއަދު ބުނެފި އެވެ.
ސަލަފުގެ ރައީސް އަބްދުﷲ ބިން މުހަންމަދު އިބްރާހިމް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ޕާޓީތަކުން ވާދަކުރާ ކެންޑިޑޭޓުންނާ ބެހޭ މައުލޫމާތު ހޯދަން މި ހަފުތާ ތެރޭގައި ޕާޓީތަކަށް ސިޓީ ފޮނުވާނެ ކަމަށެވެ. އަދި އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން ޕާޓީ އާއި ގައުމަށް ކޮށްދިން ހިދުމަތްތައް އެނގޭ ގޮތަށް ޕްރޮފައިލްއެއް ފޮނުވައިދިނުމަށް ޕާޓީތަކުގައި އެދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިގޮތަށް ނިންމި މައިގަނޑު ސަބަބަކީ [ގާނޫނު އަސާސީގައިވާ] ދީނީ މާއްދާތަކަށް ލޮޅުން އަރުވައި ބަދަލުކުރުމުގެ ވިސްނުމެއް ގެންގުޅޭތަން ފެންނާތީ. އެގޮތުން ރައްޔިތުންގެ މަޖިލިސް ތެރޭގައި ވެސް ގާނޫނީ ނުކުތާތަކަށް ބާރު ލިބޭ ތަނެއް އަޅުގަނޑުމެންނަކަށް ނުފެނޭ. މިއީ ބިރުވެރިކަމެއް. އެހެންވެ ރިޔާސީ ކެންޑިޑޭޓުން ދިރާސާކޮށް ރައްޔިތުންނަށް ދައްކަން ބޭނުންވީ،" އަބްދުﷲ ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ މައުލޫމާތުތައް ދިރާސާކުރުމަށް ހާއްސަ ކޮމިޓީއެއް ސަލަފުން އެކުލަވާލާނެ ކަމަށް އެ ޖަމިއްޔާ އިން ބުނެ އެވެ.
އަބްދުﷲ ވިދާޅުވީ 2018 ގެ އިންތިހާބުގައި، ދީނާއި ދިވެހި އުއްމަތަށް ވަފާތެރި އިސްލާމީ ޝަހުސިއްޔަތާއި ކަރާމާތް ހިފަހައްޓަން ކެރޭ ގާބިލް މީހަކު ރައްޔިތުންނަށް ދައްކާނެ ކަމަށެވެ.
" 2018 ގައި ސަލަފުން ރައްޔިތުންނަށް ދައްކައިދޭނީ ގައުމަށް ވަފާތެރި ގާބިލް ބޭފުޅެއް،" އޭނާ ވިދާޅުވި އެވެ.
ދީނީ އިލްމުވެރިންތަކެއް ހިމެނޭ ޖަމިއްޔަތުއް ސަލަފުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގައުމުގައި ތިބި ހެޔޮލަފާ ފަރާތްތަކާ މަޝްވަރާކޮށް، ރިޔާސީ ލަގަނުގައި ކުރިއަށް ދެވޭނެ ގާބިލް ވެރިއަކު ހޯދައިދިނުމަކީ އެ ޖަމިއްޔާ އަށް ލާޒިމު ކަމެއް ކަމަށެވެ.
ގައުމުގައި ބޮޑެތި ޖަރީމާތަކާއި ފާހިޝް ކަންތައްތައް އިޝްތިހާރުކޮށް، ދީނުގެ ހުކުމްތަކަށް ފުރައްސާކުރާތަން ރާއްޖެ އިން ފެންނަމުންދާ ކަމަށް ވެސް އެ ޖަމިއްޔާ އިން ބުނެ އެވެ. އަދި އިގްތިސާދު ވެސް އަޑި ނޭނގޭ ވަޅުގަނޑަކަށް ވެއްޓި ޕާޓީތަކުން ރައްޔިތުންނަށް ވެފައިވާ ވައުދުތަކަކީ ވެސް އިންތިހާބާއި ކެމްޕޭން ފަރިހިތަކެއް ކަމަށް އެ ޖަމިއްޔާ އިން ބުނެ އެވެ.
ސަލަފުން ބުނީ އެފަދަ ކަންކަން އިސްލާހުކުރަން މަސައްކަތްކުރާނެ ކަމަށެވެ.
އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން ސަލަފުން ދިރާސާކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ