ކޮންމެ 18 މީހަކުން 1 އަކީ ސިވިލް ސަރވަންޓެއް- ރައްޔިތުން ބޭނުންވާ ފެންވަރަށް ޚިދުމަތް ދެވޭތަ؟: ޑރ. ޢަލީ ޝަމީމް

ދިވެހި ރައްޔިތުންގެ ތެރެއިން ކޮންމެ 18 މީހެއްގެ ތެރެއިން އެކަކީ ސިވިލްސަރވިސްގެ މުވައްޒިފެއް ކަމަށާއި އެހެންކަމާއިއެކުވެސް ރައްޔިތުން ބޭނުންވާ ފެންވަރަށް ޚިދުމަތް ދެވޭކަމާއިމެދު ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމް ސުވާލު އުފައްދަވައިފިއެވެ.
ޑރ. ޝަމީމް މިކަމަށް ސުވާލު އުފެއްދެވީ ސިވިލް ސަރވިސް ޓްޜޭނިންގ އިންސްޓިޓިޔުޓުން މިއަހަރަށް ފަށާ ކޯސްތައް އިފްތިތާޙްކުރުމަށް މިއަދު ޓްރޭނިންގ ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައެވެ.
ޑރ. ޝަމީމް ވިދާޅުވީ ސިވިލް ސަރވިސްގެ މުވައްޒިފުން ފޯރުކޮށްދޭ ޚިދުމަތާއިމެދު ރައްޔިތުން ދެކޭ ގޮތް ބެލުމަށް މިއަަހަރު ސަރވޭއެއް ކުރެވޭނެ ކަަމަށާއި އެ ސަރވޭ އިން ނަތީޖާ އެނގިގެންދާނެ ކަމަށެވެ.
ޑރ. ޝަމީމް ވިދާޅުވީ ދިވެހި ސިވިލް ސަރވަންޓުންނަކީ އެންމެ އާދައިގެ މުސާރަ ލިބޭ މުވައްޒިފުން ކަމަށާއި ތަކެއްޗާއި ޚިދުމަތުގެ އަގަށް އައިސްފައިވާ ބަދަލުތަކާއިއެކު ސިވިލް ސަރވަންޓުންނަށްވެސް ރަނގަޅު ގޮތްތަކެއް ހޯދައިދިނުމަށް ސަރުކާރާއިއެކު މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަމަށެވެ. އަދި އަލަށް އުފައްދާފައިވާ ޕޭ ކޮމިޝަނުން ރަނގަޅު ބަދަލުތަކެއް ގެނެސްދޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
"މިމަޤްޞަދު ޙާޞިލުކުރުމަށްޓަކައި މުވައްޒިފުންގެ އެހީތެރިކަމާއި އެއްބާރުލުން ވެސް ބޭނުންވޭ. ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރަން މަސައްކަތްކުރަންޖެހޭ. ވީހައި ޚަަރަދުކުޑަކޮށް ކަންކަން ކުރަން މަސައްކަތްކުރަންޖެހޭ."
ޑރ. ޝަމީމް ވިދާޅުވީ ސަރުކާރުގެ ބައެއް އިދާރާތަކުގައި މުވައްޒިފުން ތިބި ގޮތުގެ އޮޑިޓް މިހާރު ވެސް ހަދާފައިވާ ކަމަށާއި ދެން ހުރި ތަންތަނުގެ އޮޑިޓް ހެދުމަށްވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"ރާއްޖެތެރެއަށް ބަލާއިރު ސަރުކާރުގެ ބައެއް މިނިސްޓްރީތަކަށްވުރެ ރަނގަޅަށް ކަންކަން ހިންގާ ތަންތަންވެސް އެބަހުރި. ހަމަ އެއާއެކު 21 ވަނަ ޤަރުނަށް ނުފެތޭ ތަންތަންވެސް އެބަހުރި."
ޑރ. ޝަމީމް ވިދާޅުވީ އުންމީދަކީ ރާއްޖޭގެ ސިވިލް ސަރވިސް އަކީ ސާކުގެ 8 ޤައުމުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެންމެ ޚިދުމަތްތެރި ސިވިލް ސަރވިސްއަށް ހެއްދެވުން ކަމަށެވެ. އަދި އެއީ ޙާޞިލުކުރެއްވާނެ ނަތީޖާއެއް ކަމަށެވެ.
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިޔުޓުން މިއަދު ވަނީ 2 ކޯހެއް ފަށައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ