އިސްތަފާ އިބްރާހިމް މަނިކު ވަގުތުން ދޫކޮށްލަން ހައި ކޯޓުން އަމުރުކޮށްފި

ކުރީގެ ޕްރިޒަންސް ޑިވިޝަންގެ ވެރިޔާ އިސްތަފާ އިބްރާހިމް މުހައްމަދު މަނިކު ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރުކުރުމަށް ކ. މާފުށީ މެޖިސްޓްރޭޓް ކޯޓުން ހުކުރު ދުވަހު ކުރި އަމުރު ބާތިލްކޮށް އޭނާ ބަންދުން ދޫކޮށްލުމަށް ހައި ކޯޓުން މިއަދު އަމުރު ނެރެފި އެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ޖަލުތަކުގައި އަނިޔާކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މީހުންގެ ތަހުގީގަށެވެ.
އިސް ފަނޑިޔާރު އަހްމަދު ޝަރީފް އަލީ އިއްވެވި ހުކުމްގައި ބުނެފައިވަނީ، ތަހުގީގަށް ބޭނުންވާ ހެކި ފޮރުވައި، ހެކިންނަށް ނުފޫޒު ފޯރުވަފާނެ ކަމަށް ދައުލަތުން ތުހުމަތުކުރުމާ ގުޅިގެން އިބްރާހިމް މަނިކު ބަންދުގައި ބެހެއްޓުމަށް މާފުށީ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރަކީ ބަންދުގައި ބެހެއްޓުމާ ބެހޭ ގާނޫނުތަކަށާއި ގާނޫނު އަސާސީއަށާއި ސްޕްރީމް ކޯޓުގެ އުސޫލުތަކަށް ފުރިހަމަ އަށް ރިޔާއަތް ކުރުމެއް ނެތި ނެރެފައިވާ އަމުރެއް ކަމަށެވެ.
އިސް ފަނޑިޔާރު އިއްވި ހުކުމްގައި ބުނެފައި ވަނީ ހެކި ފޮރުވުމަށް ނުވަތަ ހެކި ނައްތާލުމަށް މަސައްކަތް ކޮށްފާނެތީ މީހެއްގެ ބަންދުގެ މުއްދަތު އިތުރުކުރާ އިރު އެކަން ކުރި ޒަމާނާއި ވަގުތާއި ހާލަތުގެ މައްޗަށް ބިނާކުރަން ޖެހޭނެ ކަމަށެވެ. ނަމަވެސް އެ ހާލަތު މިހާރު ބަދަލުވެފައިވާ ކަމަށް އިސްފަނޑިޔާރު ވިދާޅުވި އެވެ.
އެގޮތުން އިބްރާހީމް މަނިކު ޑީޕީއާރުއެސްގައި އަދާކުރެއްވި މަގާމުން ވަކިވެ އޭގެ ފަހުން ވެސް އެތަކެއް ދުވަސްތަކެއް ވެފައިވުމުން ހެކިންނަށް ނުފޫޒު ފޯރުވިދާނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށާއި އެކަމުގެ ފޮސިބިލިޓީ ކުޑަ ކަމަށް ވެސް އިސް ފަނޑިޔާރު ވިދާޅުވި އެވެ. އަދި ހެކިތައް ފޮރުވައި ހެކި ނައްތާލުމަށް މަސައްކަތް ކުރެވިދާނެ ކަމުގެ އެއްވެސް ހެއްކެއް ގަރީނާއެއް ޕްރޮސިކިއުޓާ ޖެނެރަލް އޮފީހަށް ޝަރީއަތުގައި ދެއްކިފައި ނުވާ ކަމަށް އިސް ފަނޑިޔާރު ވިދާޅުވި އެވެ.
އެހެންކަމުން އިބްރާހީމް މަނިކު ބަންދުގައި ބެހެއްޓުމަށް މާފުށީ ކޯޓުން ނެރުނު އަމުރު ބާތިލްކޮށް އޭނާ ވަގުތުން ބަންދުން ވީއްލުމަށް ހައި ކޯޓުން މި މައްސަލަ ބެއްލެވި ހުރިހާ ފަނޑިޔާރުން އިއްތިފާގުވެ އިއްވި ހުކުމްގައި ބުނެފައިވެ އެވެ.
މި މައްސަލައިގައި ހުކުމް އިއްވުމުގެ ކުރިން ހައި ކޯޓަށް ފާހަގަ ކުރެވުނު ނުކުތާތައް އިއްވަމުން އިސް ފަނޑިޔާރު ވިދާޅުވީ އިބްރާހިމް މަނިކު ހައްޔަރު ކޮށްފައި ވަނީ މާލެ އިން ކަމަށް ލިޔެކިޔުންތަކުން އެނގޭ ކަމަށާއި އެހެންވެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ގެންނަން ވާނީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރެއްގެ ކުރި މައްޗަށް ކަމަށެވެ. އަދި އެހެން ކޯޓަކަށް ހާޒިރުކުރެވޭނީ ކްރިމިނަލް ކޯޓުގައި އެ މައްސަލަ ބެލޭނެ ފަދަ ހާލަތެއް ނެތް ކަމުގައި ވަނީ ނަމަ ކަމަށް އިސް ފަނޑިޔާރު ވިދާޅުވި އެވެ.
އަދި މައްސަލައާ ގުޅޭ ހެއްކާއި ގަރީނާތައް ހުރި ފައިލްތައް ތަހުގީގު ކުރާ ފަރާތުގެ އަތުގައިވާ ކަމަށް ދައުލަތުން ބުނާ އިރު ދެން އިތުރަށް އެ ކަންކަމާ ގުޅޭ ހެކިތައް ފޮރުވައި ނައްތާލުމަށް ހެކިންނަށް ނުފޫޒު ފޮރުވިދާނެ ކަމަށް ގަބޫލުނުކުރެއްވޭ ކަމަށް ވެސް އިސް ފަނޑިޔާރު ވިދާޅުވި އެވެ. އަދި ޖަލުގައި ގައިދީންނަށް އަނިޔާކޮށް އިންސާނިއްޔަތާ ހިލާފު ޖަރީމާތައް ހިންގާފައިވާ ކަމަށް ސާބިތުވާ ކަމަށް ފުލުހުންގެ ފޯމެއްގައި ބުނެފައިވާ އިރު އެކަމުގައި އިބްރާހީމް މަނިކު އިހްމާލުވެފައިވާ ކަމަށް ބުނުމުން ގާނޫނީ ގޮތުން ފުށުއަރާ ކަމަށް އިސް ފަނޑިޔާރު ވަނީ ފާހަގަކުރައްވައިފަ އެވެ.
16: 14 - ކުރީ ސަރުކާރުގައި ޖަލުގައި ކުރި އަނިޔާތައް ތަހުގީގުކުރުމަށް ފުލުހުން ހައްޔަރުކޮށްފައި ހުރި އިސްތަފާ އިބްރާހީމް މަނިކު ބަންދުގައި ބަހައްޓަން ކ. މާފުށީ ކޯޓުން ކުރި އަމުރު ހައި ކޯޓުން ބާތިލްކޮށް އޭނާ ދޫކޮށްލަން ދެންމެ އަމުރުކޮށްފި އެވެ.
ހައި ކޯޓުން ބުނީ އިބްރާހިމް މަނިކު ހައްޔަރުކޮށްފައި ވަނީ މާލެ އިން ކަމަށް ލިޔެކިޔުންތަކުން އެނގޭ ކަމަށާއި އެހެންވެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ގެންނަން ޖެހޭނީ މާލޭގެ ކޯޓަކަށް ކަމަށެވެ. އަދި އޭނާ ހައްޔަރުކޮށްފައި ވަނީ އެކަމާ ގުޅޭ ގާނޫނުތަކަށް ފުރިހަމަ އަށް ރިއާޔަތް ކުރުމެއް ނެތި ކަމަށް ވެސް ހައި ކޯޓުން ބުންޏެވެ. އިބްރާހިމް މަނިކު ހައްޔަރުކޮށްފައި ބަހައްޓަން ޖެހެނީ ހެކި ފޮރުވަފާނެތީ ކަމަށް ބުނެފައި ވާއިރު ހައި ކޯޓުން ބުނީ އެކަން ކޮށްފާނެ ކަމުގެ ހެއްކެއް ހުށަހަޅާފައި ނެތް ކަމަށާއި އިސްތަފާ މަގާމުން ވަކިވިތާ އެތައް ދުވަހެއް ވެފައި ވާއިރު އެކަމަށް ވެސް ރިއާޔަތްކުރަން ޖެހޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ