އުމަރު ވަކިކުރި މައްސަލާގައި ޑީއާރުޕީގެ ވަކީލަކީ ހުސްނުއް ސުއޫދު

ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރު އުމަރު ނަސީރު އެ ޕާޓީން ވަކިކޮށްފައިވާތީ ޑީއާރުޕީއާ ދެކޮޅަށް އޭނާ ސިވިލް ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލާގައި ޑީއާރުޕީގެ ވަކީލަކަށް މަޝްހޫރު ގާނޫނީ ވަކީލު ހުސްނުއް ސުއޫދު ހަމަޖައްސައިފި އެވެ.
އަމީން އާންމު އަބްދުއްރަޝީދު ނާފިޒް ވިދާޅުވީ އުމަރުގެ މައްސަލާގައި ޑީއާރުޕީގެ ފަރާތުން ކޯޓުގައި ވަކާލާތުކުރުން ކުރީގެ އެޓާނީ ޖެނެރަލް އަދި އެމްޑީޕީގެ މެމްބަރު ސުއޫދާ ހަވާލު ކުރުމަށް ނިންމާފައިވާ ކަމަށް އެނގިވަޑައިގަންނަވާ ކަމަށެވެ.
އެޓާނީ ޖެނެރަލް ކަމުން އިސްތިއުފާ ދެއްވުމަށް ފަހު މިހާރު އަމިއްލަ ލޯ ފާމްގައި މަސައްކަތް ކުރައްވަމުން ގެންދަވާ ސުއޫދު ވެސް މިއަދު ވިދާޅުވީ އުމަރު މައްސަލާގައި ޑީއާރުޕީގެ ވަކީލަކީ އޭނާ ކަމަށެވެ. އަދި މިދިޔަ ހަފުތާގެ ހޯމަ ދުވަހު ބާއްވަން އޮތް އެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުމަށް ވެސް ވަޑައިގަންނަވަން އޮތީ އޭނާ ކަމަށް ސުއޫދު ވިދާޅުވި އެވެ. އެ އަޑުއެހުން އެހެން ނަމަވެސް ވަނީ ކެންސަލްކޮށްފަ އެވެ.
"ތަސްމީނާއެކު އަޅުގަނޑު ވާނީ އަނގަ ބަހުން އެއްބަސްވެފައި. އެކަމަކު އަދި އެ މައްސަލަ އަށް އަޅުގަނޑު އައްޔަން ކުރި ކަމުގެ ލިޔުމެއް [ޑީއާރުޕީ] ނުދޭ. މިދިޔަ މަހުގެ 28 ގައި ބާއްވަން އުޅުނު އަޑުއެހުމަށް ވެސް ޑީއާރުޕީގެ ފަރާތުން ދާން އޮތީ އަޅުގަނޑު،" ސުއޫދު ވިދާޅުވި އެވެ.
ޑީއާރުޕީއާ ދެކޮޅަށް އުމަރު ދައުވާ ކުރައްވަނީ އެ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް އޭނާ މަގާމުން ވަކި ކޮށްފައިވާ ކަމަށް ވިދާޅުވެ އެވެ. އޭނާ މައިގަނޑު ގޮތެއްގައި ވިދާޅުވަނީ ޕާޓީގެ އާންމު މެމްބަރަކު ވަކިކުރާ އުސޫލުން، މެމްބަރުންގެ ކަންތައްތައް ބަލަހައްޓާ ކޮމެޓީން، ޑެޕިއުޓީ ލީޑަރަކު ވަކި ނުކުރެވޭނެ ކަމަށެވެ. އުމަރު ވިދާޅުވާ ގޮތުގައި އަސާސީ ގަވާއިދުގައިވާ ގޮތުން ޑެޕިއުޓީ ލީޑަރަކު ޕާޓީން ވަކި ކުރެވޭނީ ޕާޓީގެ ގައުމީ ޖަލްސާއިން ފާސްކޮށްގެންނެވެ.
އުމަރުގެ އެ ވާހަކަތަކާ މަޝްހޫރު ގާނޫނީ ވަކީލު އަދި ޑީއާރުޕީގެ ކައުންސިލް މެމްބަރު ކުރީގެ އެޓާނީ ޖެނެރަލް އައިޝަތު އާޒިމާ ޝަކޫރު ވެސް އެއްބަސްވެ ވަޑައިގަންނަވަ އެވެ. އޭނާ ވިދާޅުވާ ގޮތުގައި ޑީއާރުޕީން އުމަރު ވަކި ކުރައްވާފައި ވަނީ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށެވެ. އެ ގޮތުން ޕާޓީގެ އާންމު މެމްބަރަކާ މެދު އަމަލުކުރާ ގޮތަށް ލީޑަރާއި ޑެޕިއުޓީ ލީޑަރުންނާ މެދު އަސާސީ ގަވާއިދުގައިވާ ގޮތުން އަމަލު ނުކުރެވޭނެ ކަމަށް ކައުންސިލްގައި އާޒިމާ ވިދާޅުވެފައިވާ ކަމަށް އެނގިފައިވެ އެވެ. އުމަރުގެ ވަކީލަކީ މުހަންމަދު ދީދީ ނަމަކަށް ކިޔާ ބޭފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ