މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

ބްލެކްމެއިލް ކުރިކަމަށް ބުނާ މައްސަލާގައި ފުލުހުންގެ ހައްޔަރުގައިހުރި މާލެ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީންގެ ބަންދަށް އަނެއްކާވެސް 15 ދުވަސް ޖަހައިފި އެވެ.
މިއީ ޒައިދުލް އަމީންގެ ބަންދަށް 15 ދުވަސްޖެހި ދެ ވަނަ ފަހަރެވެ.
ޒައިދުލް އަމީންގެ ބަންދަށް 15 ދުވަސް ޖަހާފައިވަނީ އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ހޮނިހިރު ދުވަހުގެ ރޭ އޭނާ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުންނެވެ.
ބްލެކްމެއިލްކުރި ކަމަށް ބުނާ މައްސަލައެއްގައި ޒައިދުލް އަމީންގެ ބަންދަށް ދެ ވަނަ ފަހަރަށް 15 ދުވަސްޖެހި ނަމަވެސް އެ މައްސަލައިގެ ތަފްސީލެއް ލިބިފައެއް ނުވެއެވެ. އަދި ފުލުހުންގެ އިދާރާއިންވެސް އެކަމުގެ މައުލޫމާތު ހާމައެއް ނުކުރެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލާގެ މައުލޫމަތު ހިއްސާކުރެވެން ނެތް ކަމަށެވެ. އަދި ވަގުތުޖެހުމުން މައުލޫމަތު މީޑިއާއަށް ހިއްސާކުރައްވާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
ޒައިދުލް އަމީނަކީ މާލޭ ސިޓީ ކައުންސިލްގެ ހުޅުހެންވޭރު ދާއިރާގެ މެމްބަރެވެ. އޭގެ އިތުރުން ޒައިދުއަކީ ޕީޕީއެމްގެ ރައީސް މައުމޫނު އަބްދުލް ޤައްޔޫމާ ވެސް ގާތްގުޅުމެއް އޮންނަ ބޭފުޅެކެވެ. ޕީޕީއެމް ދެ ފެކްޝަނަށް ބެހުނުއިރު، ޒައިދު ހުންނެވީ ރައީސް މައުމޫނުގެ ފެކްޝަންގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ