އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ ސިޔާސަތުގެ ދަށުން ސްކޫލްތަކުގެ ނަތީޖާ ރަނގަޅު ކުރުމަށްޓަކައި ނ. އަތޮޅުގެ ސްކޫލްތަކަށް ސްކޫލް އެޑޮޕްޝަން ޕްރޮގްރާމް ފަށައިފިއެވެ.
ނ. އަތޮޅުގެ އެޑޮޕްޝަން ޕްރޮގްރާމްގައި އެ އަތޮޅުގެ ހުރިހާ ސްކޫލަކުން ޕްރިންސިޕަލުން ބައިވެރިވެރިވާ އިރު، އެ އަތޮޅަށް މި ޕްރޮގްރާމް ކުރިއަށްގެންދަނީ އެޑިޔުކޭޝަން މިނިސްޓްރީ އާއި ނ. ވެލިދޫ ހުންނަ ޓީއާރުސީ ވީޑިއޯ ކޮންފަރެންސިންގ ނިޒާމުން ގުޅުވާލައިގެންނެވެ.
ސްކޫލް އެޑޮޕްޝަން ޕްރޮގްރާމަކީ ސްކޫލްތަކުގައި ފަސް މާއްދާއިން ފާސްވާ ދަރިވަރުންގެ އަދަދު އިތުރު ކޮށް އަދި ދަރިވަރުންގެ ނަތީޖާ ރަނގަޅުކުރެވިދާނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާ ކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
އެގޮތުން މި ޕްރޮގްރާމްގެ ދަށުން، ވޭތުވެ ދިޔަ އަހަރުތަކުގެ ސްކޫލްތަކުގެ ވަކި ވަކި ނަތީޖާތަކާއި މެދު މަޝްވަރާކުރެވި، މި ނަތީޖާތަކުގެ އަލީގައި ކުރިއަށް އޮތްތަނުގައި ކިޔަވައިދިނުމުގައި އިތުރަށް ސަމާލުކަންދޭންވީ ކަންކަން ފާހަގަކުރެވި އެކަމަށްޓަކައި މަސައްކަތްކުރެވިގެންދާނެއެވެ.
އަދި މި ޕްރޮގްރާމްގެ ދަށުން ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި މަހަކު އެއްފަހަރު ބައްދަލުކުރެވި، މަހުން މަހަށް ސްކޫލްތަކުގެ ނަތީޖާތައް އަޅާ ކިޔައި، އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ ސިޔާސަތުގެ ދަށުން ކިޔަވައިދިނުމުގައި އިތުރަށް ސަމާލުކަން ދޭންވީ ކަންކަން ފާހަގަކުރެވި ނަތީޖާ ހާސިލްކުރުމަށް މަގުފަހި ވެގެންދާނެ އެވެ.
މިނިސްޓަރ ޑރ. އާއިޝަތު ޝިހާމްގެ ހާއްސަ އިރުޝާދުގެ ދަށުން ކުރިއަށްގެންދާ މި ޕްރޮގްރާމްގެ މައިގަނޑު މަޤްސަދަކީ އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ ސިޔާސަތުގެ ދަށުން ސާނަވީ ތައުލީމް ނިންމުމުގެ އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންނަށް ގޮތްތަކެއް ހޯދައިދިނުމެވެ.
ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި މި ޕްރޮގްރާމް އެންމެ ފުރަތަމަ ކުރިއަށް ގެންދިޔައީ ކ. އަތޮޅުގެ ސްކޫލްތަކަށް ޚާއްސަކޮށްގެންނެވެ. ހާއްސަ ސަމާލުކަން ދީގެން ވޭތިވެ ދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި ކުރެވުނު މަސައްކަތްތަކުން، ކ. އަތޮޅުގެ ހުރިހާ ސްކޫލަކުން ވެސް މިދިޔަ އަހަރުގެ ސާނަވީ ތައުލީމް ނިންމުމުގެ އިމްތިހާނުން ވަނީ ފާހަގަކޮށްލެވޭ ފަދަ ބޮޑު ކާމިޔާބީއެއް ހޯދާފަ އެވެ.
ކ. އަތޮޅުގެ ސްކޫލްތަކުގެ ކާމިޔާބަށް ބަލައި މިއަހަރުގެ ސްކޫލް އެޑޮޕްޝަން ޕްރޮގްރާމް އއ. އަތޮޅާއި، އދ. އަތޮޅު އަދި އައްޑޫސިޓީގައި ވަނީ ފަށާފަ އެވެ. އަދި ބ. އަތޮޅުގެ ސްކޫލްތަކަށް މި ޕްރޮގްރާމް މާދަމާ ފެށުމަށް ހަމަޖެހިފައިވާ އިރު، ހދ. އަދި ލ. އަތޮޅުގެ ސްކޫލްތަކަށް ވެސް މިއަހަރު މި ޕްރޮގްރާމް ފެށުމަށް ވަނީ ހަމަޖެހިފަ އެވެ. މި ފަހަރުގެ ޕްރޮގްރާމް އަމާޒުކޮށްފައިވަނީ އެއް އަހަރު ދުވަހަށެވެ.
ނ. އަތޮޅުގެ ސްކޫލްތަކަށް ސްކޫލް އެޑޮޕްޝަން ޕްރޮގްރާމް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ