މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
 
ބްލެކްމެއިލްކުރިކަމަށް ބުނާ މައްސަލައެއްގައި މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި އެވެ.
 
ރާއްޖެޓީވީއަށް އެނގިފައިވާ ގޮތުގައި ބްލެކްމެއިލްކުރި ކަމަށް ބުނާ މައްސަލައެއްގައި ޒައިދުލް އަމީން ހައްޔަރުކޮށްފައި ވަނީ ބުރާސްފަތި ދުވަހުއެވެ. އަދި އޭނާގެ ބަންދުގެ މުއްދަތަށް 15 ދުވަސް ޖަހާފައި ވަނީ، ބަންދުގެ މުއްދަތު ޖެހުމަށް ހުކުރު ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުންނެވެ.
 
ރާއްޖެޓީވީއަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ތަހުޤީޤްކުރާ މައްސަލައަކާ ގުޅިގެން މާލޭ ސިޓީ ކައުންސިލްގެ މެމްބަރަކު ހައްޔަރުކޮށްފައިވާ ކަމަށާއި އިތުރު ތަފްސީލެއް ދެވެން ނެތް ކަމަށެވެ.
 
"މިވަގުތައް އިތުރު ތަފްސީލެއް ދެވޭކަށް ނެތް" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
 
ޕީޕީއެމްގެ ރައީސް މައުމޫނު އަބްދުއް ޤައްޔޫމްގެ ފެކްޝަނުން ވަނީ، ޒައިދުލް އަމީން ދޫކޮށްލުމަށް ގޮވާލާފަ އެވެ. އެގޮތުން ޒައިދުލް އަމީން ހައްޔަރުކުރުމުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށާއި، އަދި ޒައިދުގެ މައްޗަށް ތުހުމަތުކުރާ ދައުވާއެއް ވެސް ސާފުނުވާ ކަމަށް ރައީސް މައުމޫނު ފެކްޝަނުން ބުނެއެވެ. އެ ފްކަޝަނުން ބުނީ، މި މައްސަލައަކީ ސިޔާސީ ކަމަކަށް ނުހަދާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.
 
ބްލެކްމެއިލްކުރި ކަމަށް ބުނާ މައްސަލައެއްގައި ޒައިދުލް އަމީން ހައްޔަރުކުރި ނަމަވެސް އެ މައްސަލައިގެ ތަފްސީލެއް ލިބިފައެއް ނުވެއެވެ.
 
ޒައިދުލް އަމީނަކީ މާލޭ ސިޓީ ކައުންސިލްގެ ހުޅުހެންވޭރު ދާއިރާގެ މެމްބަރެވެ. އޭގެ އިތުރުން ޒައިދުއަކީ ޕީޕީއެމްގެ ރައީސް މައުމޫނު އަބްދުލް ޤައްޔޫމާ ވެސް ގާތްގުޅުމެއް އޮންނަ ބޭފުޅެކެވެ. ޕީޕީއެމް ދެ ފެކްޝަނަށް ބެހުނުއިރު، ޒައިދު ހުންނެވީ ރައީސް މައުމޫނުގެ ފެކްޝަންގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ