މެމްބަރު އަރީފް އެމްޑީއޭއިން ވަކިކުރަން ނިންމައިފި

މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސެއިން އަރީފް ވަކި ކުރަން އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމެޓީން މިއަދު ނިންމައިފި އެވެ.
އެމްޑީއޭގެ ފިޔަވަޅު އަޅާ ކޮމެޓީން ބުނީ އެމްޑީއޭގެ އަސާސީ ގަވާއިދުގައި ޕާޓީ ތަމްސީލް ކުރެއްވުމާއި ޕާޓީގެ ސިޔާސަތުތައް ދިފާއުކޮށް އެ ސިޔާސަތުތައް ކުރިއަރުވައި ވޯޓު ދިނުމަށް އޮންނައިރު، އެމްޑީއޭގެ މެމްބަރެއްގެ ގޮތުގައި ހުންނަވާ ތަކުރާރުކޮށް އަރީފް އެކަންކަމާ ހިލާފުވެވަޑައިގެންފައިވާ ކަމަށެވެ.
މީގެ ކުރިން ސަރުކާރު ކޯލިޝަނުން ނެރޭ ވިޕްލައިންތަކާ ތަކުރާރުކޮށް ހިލާފުވެވަޑައިގަތުމުން އެމްޑީއޭއިން ވަނީ އޭނާއަށް ނަސޭހަތްތެރިވެ، އިތުރަށް އެފަދަ ކަމެއް ނުކުރެއްވުމަށް އަންގަވައިފަ އެވެ.
މަޖިލީހުގައި ޕާޓީ ތަމްސީލު ކުރުމާއި ޕާޓީގެ ހިޔަލުފާޅު ކުރުމާއި ޕާޓީގެ ސިޔާސަތުތައް ދިފާޢްކޮށް އެސިޔާސަތުތައް ކުރިއަރުވައި އަދި ވޯޓް ދިނުމުގައި ޕާޓީގެ ސިޔާސަތު ތަކަށްމީގެ ކުރިން އޭނާއަށް ނަސޭހަތްތެރިވެ، އެފަދަ އަމަލުތައް ތަކުރާރު ނުކުރުމަށް ޕާޓީން އެންގި އެވެ.
އަރީފަކީ މަޖިލީހުގައި ނެގޭ ވޯޓުތަކުގައި ކޯލިޝަނުން ނެރޭ ވިޕްލައިނާ ތަކުރާރުކޮށް ހިލާފުވެވަޑައިގަންނަވާ އެމްޑީއޭގެ ހަމައެކަނި މެމްބަރެވެ. އަދި އޭނާއަކީ ދެ ފަޅިވެފައިވާ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފެކްޝަނަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރެވެ.
މަޖިލީހުގައި ސަރުކާރާ ދެކޮޅަށް ވާހަކަ ދައްކަވާ އަރީފް ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ހުށަހެޅުމަށް ސޮއި ވެސް ކުރައްވާފަ އެވެ.
އެމްޑީއޭގެ އަސާސީ ގަވާއިދުގައިވާ ގޮތުން ޕާލެމެންޓްރީ ކައުންސިލުން ނިންމާ ނިންމުން ޕާޓީގެ ފިޔަވަޅު އަޅާ ކޮމެޓީ އަށް ހުށަހަޅަން ޖެހޭއިރު، އެ ކޮމެޓީ އަށް ނަސޭހަތްތެރިވުމާއި، އިންޒާރު ދިނުމާއި ޕާޓީން ވަކި ކުރުމުގެ ބާރު ކޮމެޓީ އަށް ލިބެ އެވެ. ނަމަވެސް ކޮމެޓީން ނިންމާ ނިންމުން ތަންފީޒު ވާނީ ގައުމީ މަޖިލީހަށް ހުށަހަޅައި އެ މަޖިލީހުން ނިންމާ ގޮތެއްގެ މަތިންނެވެ.
އަރީފަކީ މަޖިލިސް އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި މަޖިލިސް ގޮނޑި އަށް އިންތިހާބުވެވަޑައިގެންނެވި ބޭފުޅެކެވެ. ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގަތުމަށްފަހު، އޭނާ ޕީޕީއެމަށް ވެސް ސޮއިކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ