ޑީއާރުޕީގެ އެއް ނާއިބު ޒައީމް ކަމަށް ކުރިމަތިލައްވަން ރައްޔިތުންގެ މަޖިލީހުގެ އއ. ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދު ނިންމަވައިފި އެވެ.
އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ކައުންސިލް މެމްބަރުކަން ވެސް ކުރައްވަމުން ގެންދަވާ އަލީ ވަހީދު ބުދަ ދުވަހު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ އެ ޕާޓީގެ ނާއިބު ޒައީމް ކަމަށް ކުރިމަތިލައްވަން އޭނާ ނިންމަވައިފައިވާ ކަމަށާއި މަގާމުތަކަށް ބޭފުޅުން އިންތިހާބު ކުރުމަށް އަންނަ މަހު ބާއްވާ ކޮންގްރެސް އަކީ ޑީއާރުޕީގެ މުސްތަގުބަލާއި ދިވެހި ގައުމުގެ އުއްމީދާ ގުޅިފައިވާ މުހިންމު ބައްދަލުވުމަކަށް ވާނެ ކަމަށެވެ.
"އަމާން އައްސޭރިއަކަށް ދިވެހި ގައުމު މިސްރާބު ހިފުމަށްޓަކައި ދެން ދިވެހި ރައްޔިތުންގެ ޕާޓީގެ ކެޔޮޅަކަށް އަންނަ މީހެއްގެ އެންވެރިއެއްގެ ގޮތުގައި މަސައްކަތް ކުރުމަކީ އަޅުގަނޑުގެ އަޒުމެވެ. އަޅުގަނޑުގެ އަތުގައި އޮތީ އިހުލާސްތެރި ހިތެކެވެ. ކުރިއަށް ދިއުމުގެ ވިސްނުމެކެވެ. ކެރޭ ޒުވާން ޖޯޝެވެ،" މާސް ކޮމިއުނިކޭޝަނުން ޑިގްރީ ހާސިލު ކުރައްވާފައިވާ ރާއްޖެ އާއި މި ސަރަހައްދުގެ އެންމެ ޒުވާން ޕާލަމެންޓޭރިއަންގެ ގޮތުގައި ހިމެނިވަޑައިގަންނަވާ އަލީ ވަހީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގައުމަށް ހިދުމަތް ކުރުމުގައި ބޭނުންވަނީ މީހާގެ އުމުރެއް ނޫން ކަމަށާއި މީހާގެ ހަމުގެ ކުލަ އާއި މީހާގެ އިސްކޮޅެއް ވެސް ނޫން ކަމަށެވެ. އޭގެ ބަދަލުގައި ބޭނުންވަނީ މީހާގެ ތެދުވެރިކަމާއި އިހުލާސްތެރިކަމާއި ހިކުމަތު އަމަލީ ކަމަށެވެ.
"ޕާޓީ އަށް ހިދުމަތް ކުރަން ބޭނުންވަނީ ހަމައެކަނި ބަރު ޖީބެއް ނޫނެވެ. ކެރޭ ފަހުލަވާނުންނެވެ. ނުގުޑާ ފަދަ އަޒުމެކެވެ. އިލްމީ ވިސްނުންތަކެވެ. އުފެއްދުންތެރި ތަސައްވުރެކެވެ. ލޮބުވެތި ހިތެކެވެ،" އަލީ ވަހީދު ވިދާޅުވި އެވެ. "ވެރިކަން ގެއްލުމުން ވެރިކަމުގެ އުފަލާ ލައްޒަތުގެ ވެރި އަހުން ގެއްލުނު ހިނދު، ދިވެހި ރައްޔިތުންގެ ޕާޓީގެ ދިފާއުގައި ސާބިތުވެ ތިބީ މަދު ބައެކެވެ. ޕާޓީއަށްޓަކައި މޭގަ އޭރު ވެސް އަތް ޖަހާލީމެވެ. ދެން ޖަހާލާ ނަމެވެ."
ޑީއާރުޕީގެ މަގާމުތަކަށް ކުރިމަތިލުމުގެ މުއްދަތު މި މަހުގެ ނިޔަލަށް ހަމަވާއިރު އަލީ ވަހީދަކީ އެ ޕާޓީގެ އިސް މަގާމަކަށް ކުރިމަތިލައްވާނެކަން މިހާތަނަށް އިއުލާން ކުރެއްވި ފުރަތަމަ ބޭފުޅާ އެވެ.
ޑީއާރުޕީގެ ނާއިބު ޒައީމް ކަމަށް ކުރިމަތިލައްވަން ތޮއްޑޫ މެމްބަރު އަލީ ވަހީދު ނިންމަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ