އަބްދުﷲ ގާޒީގެ ސުލޫކީ މައްސަލަ ކޯޓުން ބާތިލްކޮށްފި

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި މައްސަލަ ސިވިލް ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.
ސިވިލް ކޯޓުން މިއަދު ބާތިލް ކޮށްފައި ވަނީ އަބްދުﷲ ގާޒީގެ ސުލޫކީ މައްސަލައެއް ސާބިތުވާކަމަށް ޖޭއެސްސީގެ ތަހުގީގު ކޮމެޓީން ނިންމި ނިންމުމާއި އަދި އެ ނިންމުމަކީ ރަނގަޅު ނިންމުމެއްކަމަށް ކޮމިޝަނުން ނިންމި ނިންމުމެވެ.
އަބްދުﷲ ގާޒީގެ ސުލޫކީ މައްސަލައެއް ސާބިތުވާކަމަށް ޖޭއެސްސީން ނިންމާފައި ވަނީ ޖުލައި 16، 2009 ވަނަ ދުވަހުގެ ރޭ 8:00 ޖެހީއިރު ދިޓީވީގެ ޚަބަރުގައި "ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދާއި މުހައްމަދު ނަޝީދުގެ ކެބިނެޓުން މިހާރު ކުރަމުންދާ ކަންތައްތަކަކީ ސަރުކާރެއް ނޭވާހޮޅިއަށް އެޅިގެން އުޅޭއިރު ކުރައްވާނެ ކަންތައްތަކެއް ކަމުގައި ޖިނާއީ ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ވިދާޅުވެއްޖެ" މިގޮތަށް ޚަބަރުގައި ބުނެފައި ވާތީ އެވެ.
ސިވިލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނަނީ އަބްދުﷲ ގާޒީގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލަ ސާބިތުވާކަމަށް ޖޭއެސްސީން ކަނޑައެޅުމުގައި، ތަހުގީގު ކޮމެޓީން ރިއާޔަތްކުރި ހެކީންގެ ބަޔާންތަކަށް ބަލާއިރު އެއިން އެއްވެސް ބަޔާނަކުން ދިޓީވީގެ ޚަބަރުގައި ކިޔާފައިވާ އިބާރާތް އަބްދުﷲ ގާޒީ ވިދާޅުވިކަމަށް އެނގެން ނެތްކަމަށެވެ.
އެ ހުކުމްގައި ބުނަނީ އަބްދުﷲ ގާޒީގެ ސުލޫކީ މައްސަލައެއް ސާބިތުވާކަމަށް ޖޭއެސްސީން ނިންމިއިރު އޭނާއަށް ދިފާއުގައި ކަންކަން ހުށަހަޅައި މައްސަލައަށް ޖަވާބުދާރީ ވުމުގެ ފުރުސަތު ދީފައި ނުވާކަމަށެވެ. އަދި ސުލޫކީ މައްސަލަ ސާބިތުވާކަމަށް ނިންމުމަށްފަހު އެކަމާ މެދު ޝަކުވާއެއް އޮތްނަމަ އެ ކޮމިޝަނަށް ދިޔުމަށް އޭނާއަށް ފުރުސަތު ދީފައި އޮތް އޮތުމަކީ އަބްދުﷲ ގާޒީ އަށް އޭނާގެ މައްޗަށް ކުރެވިފައިވާ ތުހުމަތާއި ގުޅިގެން ބަސްބުނުމަށާއި އަމިއްލަ ދިފާއު ހުށަހަޅަން ދެވުނު ފުރުސަތެއްކަމުގައި ބެލެވޭނެ ހަމައެއް ނެތްކަމަށް ވެސް އެ ހުކުމްގައި ވެއެވެ.
ޖޭއެސްސީން އަބްދުﷲ ގާޒީގެ މައްޗަށް ފިޔަވަޅު އަޅަން ނިންމާފައި ވަނީ "ފަނޑިޔާރުންގެ ސުލޫކީ މިންގަނޑު" ގެ ނަމުގައި އެ ކޮމިޝަނުން ހަދާފައިވާ ގަވާއިދެއްގެ ދަށުންނެވެ.
ސިވިލް ކޯޓުގެ ހުކުމްގައި ބުނަނީ އަބްދުﷲ ގާޒީގެ މައްޗަށް ތުހުމަތު ކުރެވުނު ކަމަކީ އެ ގަވާއިދު ވުޖޫދަށް އައުމުގެ ކުރިން ހިނގާފައިވާ ކަމެއްކަމަށް ވާތީ އެ މައްސަލައިގައި އަބްދުﷲ ގާޒީއަށް ފިޔަވަޅު އެޅުމަށް އެ ގަވާއިދު ބޭނުން ނުކުރެވޭނެ ކަމަށެވެ.
އެ ހުކުމްގައި ބުނަނީ އަބްދުﷲ ގާޒީގެ މައްޗަށް ފިޔަވަޅު އެޅުމަށް ނިންމާފައި ވަނީ ފަނޑިޔާރުންގެ ގާނޫނުގެ ދަށުން ނޫންކަމަށާއި އެއީ އިދާރީ ގޮތުން އަޅާ ފިޔަވަޅެއްކަމަށް ދޭހަވާގޮތަށް ޖޭއެސްސީން ބުނެފައިވާކަމަށެވެ. އަދި ފަނޑިޔާރުންނާއި މެދު ފިޔަވަޅު އަޅަންޖެހޭ ހާލަތުގައި އެ ފިޔަވަޅުތަކަކީ ކޮބައިކަން ސާފުބަހުން ފަނޑިޔާރުންގެ ގާނޫނުގައި ބަޔާންކޮށްފައި ވާއިރު، ގާނޫނީ އިމުގެ ބޭރުން އެއީ އިދާރީގޮތުން ކުރާ ކަމެއް ކަމަށް ބުނެ އެފަދައިން ފިޔަވަޅު އެޅުމުގެ ބާރު ޖޭއެސްސީއަށް ލިބިގެން ނުވާކަމަށް ވެސް އެ ހުކުމްގައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ