ޖުޑީޝަލް ސާވިސް ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުގެ މާލޭ މެމްބަރު އަދި މަޖިލީހުގެ ރައީސް މުހައްމަދު ޝިހާބު ކަނޑައެޅުމަކީ ގާނޫނު އަސާސީގެ ރޫހާ ހިލާފު ކަމެއް ކަމަށް ކޮމިޝަނުން ނިންމައި އެކަން މަޖިލީހަށް އެންގިތާ އެއް ދުވަސް ފަހުން އެ ނިންމުން އަނބުރާ ގެންގޮސްފި އެވެ.
ކޮމިޝަންގެ މެމްބަރު ހުސްނުއް ސުއޫދު މިއަދު ވިދާޅުވީ ޖުޑީޝަލް ސާވިސް ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެމްބަރަކަށް ޝިހާބު ހަމަޖެއްސުމުން، މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ކޮމިޝަންގެ ޖަލްސާގައި މަޖިލީހުގެ ނިންމުމާ ކޮމެޓީގެ އަޣުލަބިއްޔަތު ދެކޮޅު ހެދި ކަމަށެވެ.
"ކޮމިޝަނުގެ އަޣުލަބިއްޔަތު ވޯޓު ދެއްވައިގެން ނިންމީ މަޖިލީހުގެ ރައީސްގެ މަގާމު ފުރުއްވަމުން ގެންދަވާ ބޭފުޅަކު ކޮމިޝަނަށް ހަމަޖެއްސެވުމާ މެދު އިތުރަށް މަޖިލީހުން ވިސްނުމުގެ ފުރުސަތު އޮތް ކަމަށް. އަދި އެކަން ބަޔާންކޮށް މަޖިލީހުގެ ރައީސަށް ސިޓީއެއް ފޮނުވަން ނިންމީ. އެކަމަކު ހޮނިހިރު ދުވަހު ބޭއްވި ކޮމިޝަންގެ ޖަލްސާގައި ނިންމީ މަޖިލީހުގެ ރައީސަށް ފޮނުވި ސިޓީ އަނބުރާ ގެނައުމަށް،" ސުއޫދު ވިދާޅުވި އެވެ. "އިންތިގާލީ މަރުހަލާގައި އޮންނަ އިލެކްޝަންސް ކޮމިޝަނުގައި މަޖިލީހުގެ ރައީސް ނުހިމެނުމަށް ގާނޫނު އަސާސީގައި ލިޔެފައި ވަނީ ގަސްދުގައި. އެހެންވެ މަޖިލީހުގެ ރައީސަށް އެ ފުރުސަތު ]ކޮމިޝަނުގައި ހިމެނޭނީ[ އިންތިގާލީ މަރުހަލާއަށް ފަހު."
ޖުޑީޝަލް ސާވިސް ކޮމިޝަނުގައި ހިމެނިވަޑައިގަންނަވާ އެހެން މެމްބަރަކު، ނަން ހާމަނުކުރުމަށް އެދިވަޑައިގަންނަވަމުން، ވިދާޅުވީ އެ ކޮމިޝަނުން މަޖިލީހަށް ފޮނުވި ސިޓީ އަނބުރާ ގެނައުމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށްޓަކައި ހޮނިހިރު ދުވަހު ބޭއްވި ބައްދަލުވުމުގައި ސިޓީ އަނބުރާ ގެންނަން ފާސްވީ ބޭނުންވާ ވަރަށް ވޯޓު ނުލިބުމުން ރިޔާސަތުން ވޯޓު ދީގެން ކަމަށެވެ. ކޮމެޓީގައި މިހާރު ރައީސަކު ނުހުންނަވާތީ ނާއިބު ރައީސްގެ ހައިސިއްޔަތުން ރިޔާސަތު ބަލަހައްޓަވަނީ ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން ކަނޑައަޅާފައި ހުންނަވާ އަބްދުﷲ ދީދީ އެވެ.
"އެ ގޮތަށް އެ ދުވަހު ނިމުމުން ޝިހާބު ހުވާ ކުރެއްވުމުގެ ކަންތައްތައް ހަމަޖެއްސެވުމަށް ސުޕްރީމް ކޯޓަށް އަންގަވާފައިވާ ކަމަށް ވެސް އަޅުގަނޑަށް އެނގިފައި ވަނީ. އިންތިގާލީ މަރުހަލާގައި ކޮމިޝަނުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އިންނެވުމަކީ ގާނޫނު އަސާސީގެ ރޫހާ ހިލާފު ކަމެއް ކަމަށް އަދިވެސް އަޅުގަނޑު ދެކެނީ،" އޭނާ ވިދާޅުވި އެވެ.
މި މަހުގެ 14 ވަނަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި ޖުޑީޝަލް ސާވިސް ކޮމިޝަނަށް ޝިހާބު ކަނޑައެޅުމަށް ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 27 މެމްބަރުންގެ ތެރެއިން 25 ބޭފުޅުންގެ ތާއީދާ އެކުގަ އެވެ. އެ ދުވަހުގެ ޖަލްސާގައި ދެއްކެވި ވާހަކައިގައި ބައެއް މެމްބަރުން ވިދާޅުވެފައި ވަނީ ކޮމިޝަނަށް ޝިހާބު ކަނޑައަޅަނީ މާލޭ މެމްބަރުގެ ހައިސިއްޔަތުން ކަމުގައި ވިޔަސް އޭނާގެ ކިބައިން މަޖިލީހުގެ ރައީސްގެ ހައިސިއްޔަތު ގެއްލިގެން ނުދާ ކަމަށެވެ.
ގާނޫނު އަސާސީ ބުނާ ގޮތުން އިންތިގާލީ މަރުހަލާގެ ޖުޑީޝަލް ސާވިސް ކޮމިޝަނުގައި ތިބޭނީ އަށް މެމްބަރުންނެވެ. އެއީ ސުޕްރީމް ކޯޓުން އިންތިހާބުކުރާ ފަނޑިޔާރަކާއި ހައި ކޯޓުން އިންތިހާބުކުރާ ފަނޑިޔާރަކާއި ދަށު ކޯޓުތަކުން އިންތިހާބު ކުރާ ފަނޑިޔާރަކާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ކަނޑައަޅާ މެމްބަރަކާއި އާންމުންގެ ތެރެއިން މަޖިލީހުން ކަނޑައަޅާ މެމްބަރަކާއި ސިވިލް ސާވިސް ކޮމިޝަނުގެ ރައީސާއި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މީހަކާއި ރާއްޖޭގައި ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ލިބިފައިވާ ވަކީލުންގެ ތެރެއިން އިންތިހާބުކުރާ މީހެކެވެ. އެހެން ނަމަވެސް އިންތިގާލީ މަރުހަލާ ނިމުމުން ދެން އިންތިހާބުކުރާ ޖުޑީޝަލް ސާވިސް ކޮމިޝަނުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ބަންޑާރަ ނާއިބު ވެސް ހިމެނިވަޑައިގަންނަވާނެ އެވެ.
ޖުޑީޝަލް ކޮމިޝަންގެ މެމްބަރު ކަމަށް ޝިހާބު ހަމަޖެއްސުން: އެއީ ގާނޫނު އަސާސީގެ ރޫހާ ހިލާފު ކަމެއް ކަމަށް ނިންމުމަށް ފަހު ކުއްލި ގޮތަކަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ