ފާސް ކުރަންވީ 20 ބިލިޔަން ރުފިޔާގެ ބަޖެޓެއް: ގާސިމް

އަންނަ އަހަރަށް ފާސް ކުރަން ޖެހޭ ބަޖެޓަކީ 20 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށް ބަޖެޓް ކޮމެޓީގެ މުގައްރިރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމެޓީގައި ވާހަކަ ވާހަކަދައްކަވަމުން އެ ކޮމެޓީގެ މުގައްރިރު ގާސިމް އިބްރާހިމް ވިދާޅުވީ އެމަނިކުފާންގެ ޓާގެޓަކީ 20 ބިލިއަން ރުފިޔާގެ ބަޖެޓަކަށް ބަޖެޓް ހެދުން ކަމަށެވެ.
"20 ބިލިއަން އެއީ އަޅުގަނޑުގެ ޓާގެޓް، މިއަހަރުގެ ބަޖެޓް އޮނަންޖެހޭނެ ކަމުގެ، 20 ބިލިއަން ދިވެހި ރުފިޔާ،" ގާސިމް އިބްރާހިމް ވިދާޅުވި އެވެ.
ނަމަވެސް މިއަހަރު އެކަން ނުވާނެ މޭރުމުން ގާސިމް ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ. އަދި އެގޮތަށް ބަޖެޓް ބޮޑު ކުރުމަށް ހުށައަޅާފައެއް ވެސް ނުވެ އެވެ. ގާސިމް ވިދާޅުވެފައި ވަނީ ގައުމުގެ އިގްތިސާދީ ހާލަތު އޮތް ގޮތުން ބަޖެޓް ބޮޑުކުރާނަމަ އެކަމާމެދު ވަރަށް ބޮޑު ވިސްނަވަން ޖެހޭ ކަމަށެވެ. އެގޮތުން ދައުލަތައް ލިބޭ ފައިސާ ހެޔޮ ގޮތުގައި މެނޭޖްކޮށް ހަރަދުކުޑަކޮށް ހޭދަކުރަން ޖެހޭ ކަމަށް ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ކައުންސިލްތަކަށް ބާރުތައް ދިނުމަށް ވާހަކަދައްކާއިރު ވަރަށް ވިސްނަންޖެހޭ ކަމަށާއި އެގޮތުން ބަލާނަމަ ބައެއް ކައުންސިލްތަކަށް ބާރުތައް ދިނުމަކީ ބޮޑު ގެއްލުމަކަށް ވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ. އަދި ރަނގަޅަށް މަސައްކަތް ކުރާ ކައުންސިލްތައް އުޅޭކަން ވެސް ގާސިމް ވަނީ ފާހަގަކޮށްފަ އެވެ.
މިއަދުގެ ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން ކާށިދޫ ދާއިރާގެ މެމްބަރު އަބުދުއްﷲ ޖާބިރު ވަނީ މިއަހަރުގެ ބަޖެޓް 34 މިލިއަނަށް ބޮޑުކުރުމަށް ގޮވާލާފަ އެވެ. އޭނާ ވިދާޅުވީ ރާއްޖެ ތަރައްގީ ކުރެވެން އޮތީ ބަޖެޓް އިތުރަށް ބޮޑުކޮށްގެން ކަމަށެވެ. އެގޮތުން އޭނާ ވަނީ އެޑިއުކޭޝަން އާއި ސިއްހީ ދާއިރާއަށް އެއް ބިލިއަން ރުފިޔާގެ ބަޖެޓަކާއި މިނިވަން މުއައްސަސާތަކަށް 500 ބިލިއަން ރުފިޔާ ދިނުމަށް ވާހަކައި ފާހަގަކޮށްފަ އެވެ.
މިއަދު ހެނދުނު ދަންފަތީގައި މެމްބަރުންގެ ވާހަކަތަކާއި ސުވާލުތަކަށް ފަހު ނިންމާފައި ވަނީ މެންދުރު ދަންފަޅީގައި މިނިވަން މުއައްސަސާތަކަށް ބަޖެޓް ދިނުމާއި ގުޅޭގޮތުން ވޯޓަށް ދިޔުމަށެވެ.
އަންނަ އަހަރަށް ލަފާކޮށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުން މަޖިލީހަށް ހުށަހެޅުއްވީ16.4 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް އާ ސަރުކާރުން މަޖިލީހުގެ ބަޖެޓަށް ގެނައިސްލާހުތަކާއެކު ބަޖެޓް ވަނީ 17.5 ބިލިއަނަށް ބޮޑުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ