ބައިމީހާ މޮޅުކޮށް ދެންތިބި މީހުން ނިކަމެތިކޮށްލުމުގެ ސިޔާސަތު ނުހިންގުމަށް ގާސިމް ގޮވާލައިފި

ތިމާގެ ބައިމީހާއަށް މޮޅުގޮތް ހޯދައިދީ ދެން ތިބި މީހުން ނިކަމެތިކޮށްލުމުގެ ސިޔާސަތު ނުހިންގުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
މިއަދު ރާއްޖެގައި ފާހަގަކުރަމުންދާ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އާއްމު ކުރެއްވި ބަޔާނުގައި ގާސިމް ވިދާޅުވީ ޖުމްހޫރީ ދުވަހުގެ ހަގީގީ އުފަލާ ފޮނިމީރުކަން އެއްވެސް ތަފާތުކުރުމެއްނެތި އެންމެހައި ރައްޔިތުންނަށް ހަމަހަމަ ގޮތެއްގައި ލިއްބައި ދިނުމަށާއި އަދި ތިމާގެ ބައިމީހާއަށް މޮޅުގޮތް ހޯދައިދީ ދެން ތިބި މީހުން ނިކަމެތިކޮށްލުމުގެ ސިޔާސަތު ނުހިންގުމަށް ގައުމުގެ އެންމެހާ މަސްއޫލުވެރިންނަށް ގޮވާލާ ކަމަށެވެ.
ގައުމު ތަރައްގީކުރުމުގެ ނަމުގައި އެތައް މަޝްރޫއެއް ރާވައި ތަންފީޒުކުރެވިދާނެ ކަމަށާއި ނަމަވެސް ގައުމު ރައްޔިތުންނަށް މަންފާހުރި ޚިދުމަތެއް އަމާނާތްތެރިކަމާއެކު ދިނުމުގެ ހެޔޮ ނިޔަތެއް ނެތްނަމަ ގައުމުގެ މިއަދަށާ މާދަމާއަށްޓަކައި ކާމިޔާބު މަސައްކަތްތަކެއް ނުކުރެވޭނެކަމަށް ވެސް ގާސިމް އިބްރާހިމްގެ ބަޔާނުގައިވެ އެވެ.
ދެވަނަ ޖުމްހޫރިއްޔަތުގެ ވެރިކަމަށް ބައިގަރުނު ހޭދަ ކުރުމާ ހަމައަށް ދަތުރުކުރާއިރު ވެރިކަމުގެ ނިޒާމު ރާއްޖޭގައި ޒަމާނީވެ ފައްކާވަމުން ދަނީ ފަހުރުވެރިވާ މިންވަރެއްގައި ކަމަށް ވެސް ގާސިމް ވިދާޅުވެފައި ވެއެވެ.
ގައުމުގެ ކަންކަން ހެޔޮމަގުން ހިނގާނީ ގައުމުގެ އެކި ކަންކަމާ ހަވާލުވެ ތިބި އެންމެން އެކީ އެއް ނިޔަތެއްގައި އިހްލާސްތެރިވެގެން ކަމަށާއި ކުލަކުލައިގެ ގާނޫނީ އަސާސީތަކާ އެކި ނަންނަން ކިޔާ ގާނޫނުތައް ބަޔަކު ހައިރާންވާހައި މޮޅަށް ލިޔެ އެކަށައެޅިދާނެ ކަމަށް ވެސް ގާސިމްގެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ