ތިނަދޫ ނަމުގެ މައްސަލަ ރައްޔިތުން މަޖިލީހަށް ފޮނުވުމަކީ އެކަށީގެންވާ ކަމެއް: ޕްރެސް ސެކްރެޓަރީ

ތިނަދޫގެ ނަމަށް "ހަވަރު" އިތުރުކުރަން ހުށަހެޅި މައްސަލައިގާ ގޮތެއް ނިންމުމަށާއި ތިނަދު އާ ގުޅުން ހުރި އެހެން މައްސަލަތަކުގައި ގޮތްތަކެއް ކަނޑައެޅުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަކީ އެކަށީގެންވާ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުދަ ދުވަހު ބުނެފި އެވެ.
ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހަންމަދު ޒުހައިޒު ވިދާޅުވީ ތިނަދޫގެ ނަމުގެ މައްސަލައިގާ އެ ރަށަށް ފޮނުވި ހާއްސަ ވަފުދުގެ ރިޕޯޓާ މެދު އަންނަ ހޮނިހިރު ދުވަހު ތިނަދޫގައި ބާއްވާ ކެބިނެޓް ބައްދަލުވުމުގައި މަޝްވަރާ ކުރެއްވުމަށް ފަހު އެ މައްސަލައިގާ "މަޖިލީހުގެ ދައުރެއް އޮންނަ ގޮތަށް ތިނަދޫގެ މައްސަލަ ނިންމެވުމަކީ އެކަށީގެންވާ ކަމެއް" ކަމަށެވެ.
"އެ ރިޕޯޓް މިހާރު ކެބިނެޓް އޮފީހަށް ލިބިވަޑައިގެންފައި އޮތީ. އެ ރިޕޯޓާ މެދު އަދި މަޝްވަރާ ބަދަލުކުރައްވާ މަޝްވަރާއެއް ކުރެއްވުމަށް ކެބިނެޓްގެ ޖަލްސާއެއް އަދި ބޭއްވިފައެއް ނެތް. އެހެންވީމާ އެ މަޝްވަރާތަކަށް ފަހު އެފަދަ އަމަލެއް (ރައްޔިތުން މަޖިލީހުގެ ލަފައެއް ހޯއްދަވަންޏާ) އެގޮތަށް އެކަން ކުރައްވާނީ. އެކަމަކީ ވެސް އެކަށީގެންނުވާ ކަމެއް ނޫން. އެކަށީގެންވޭ ކެބިނެޓުން ނިންމެވުން މަޖިލީހުގެ ދައުރަކާ އެކު އެކަންތައް ކުރައްވަން،" ނަމަވެސް އެ ރިޕޯޓްގައި ހުރި ކަންތައްތަކުގެ ތަފުސީލެއް ނުދެއްވި އެވެ.
ރައްޔިތުން މަޖިލީހުގެ ދައުރެއް އޮންނަ ގޮތަށް އެ މައްސަލަ ނިންމެވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ޒުހައިރު ވިދާޅުވި އިރު ރައީސް ތިނަދުއަށް ފޮނުއްވި ހާއްސަ ވަފުދަށް އެ ރަށުގެ ރައްޔިތުން ހުށަހަޅާފައި ވަނީ "ހަވަރު" އިތުރު ކުރުމުގެ މައްސަލައިގައި އެ ރަށުގައި ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ކަމަށް ތިނަދޫ ކައުންސިލުން ބުންޏެވެ.
ޒުހައިރު ވިދާޅުވީ އަންނަ ހޮނިހިރު ދުވަހު އެ ރަށުގައި ބާއްވާ ކެބިނެޓް ބައްދަލުވުމުގައި ދެ ސެޝަން ކުރިއަށް ގެންދާނެ ކަމަށެވެ. އެގޮތުން ފުރަތަމަ ސެޝަން ކުރިއަށް ގެންދާނީ "ރައީސުލްޖުމްހޫރިއްޔާ އާއި ވަޒީރުންނާއި ވުޒާރާތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގަންނަވާ ގޮތަށް ކަމަށާއި މެންދުރު ފަހު ދަންފަޅީގައި ބައިވެރިވެ ވަޑައިގަންނަ ވާނީ ރައީސުލްޖުމްހޫރިއްޔާ އާއި ވަޒީރުން އެކަނި" ކަމަށެވެ.
އެ ބައްދަލުވުމަށް މާލެއިން ސާޅީހަކަށް ބޭފުޅުން ވަޑައިގަންނަވާ އިރު ޒުހައިރު ވިދާޅުވީ ތިނަދޫ ރައްޔިތުންނަށް ކުރިއްސުރެ ދިމާވެފައިވާ ގިލަންވެރިކަމުން ސަލާމަތް ކުރުމަށްޓަކައި އަންހެނުންނަށް ހާއްސަ މަޝްރޫއެއް ކަނޑައެޅުމާއި ތިނަދޫގެ ތައުލީމީ ހާލަތު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާތީ ތައުލީމީ ފުރުސަތުތަކެއް ކަނޑައެޅުމުގެ އިތުރުން އެ ރަށުގައި ބިންވެރިކުރުމުގައި ހާއްސަ ސަމާލުކަމެއް ދޭނެ ގޮތްތަކެއް އިއުލާން ކުރައްވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ