އިސްލާމިކް މިނިސްޓްރީން ދީނީ ކަންތައްތައް މައުމޫނު ދައުރުގައި އޮތް ގޮތަށް އިޢާދަކުރަނީ!

ކުރީގެ ރައީސް މައުމޫނު ޢަބްދުލް ޤައްޔޫމުގެ ދައުރުގައި އެންމެ ބޮޑަށް ދީނީ ބައިބައިވުންތައް އުފެދިގެން ދިޔައީ މިސްކިތްތަކުގެ އިމާމުންނަށް ވަކި ގޮތަކަށް ނަމާދު ކުރުމަށް މަޖުބޫރު ކޮށްފައި އޮތުމެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން ޖަމާޢަތަށް ބަޔަކު މީހުން އެރުން ހުއްޓާލިއެވެ. އެއީ ނަމާދަކީ މާތް ޞާޙިބާ ޞައްލަﷲ ޢަލަހި ވަސައްލަމް ދަސްކޮށްދެއްވި ގޮތަށް ކުރަން ޖެހޭ އަޅުކަމަކަށް ވުމުންނެވެ. އެހެންކަމުން، އެ ސުންނަތާ ޚިލާފަށް އަޅުކަމަކަށް މަޖުބޫރު ކުރުމަކީ ޝިރުކެއްކަމަށް ދެކިގެންނެވެ.ކޮންމެއަކަސް މި ދެންނެވީ މައުމޫނު ދައުރުގައި ބައިބައިވުން އުފެދިގެން ދިޔަ މައިގަނޑު އެއް ސަބަބެވެ. ނަމަވެސް މައުމޫނު ދައުރުގެ ފަހުކޮޅުގައި، ޢަދާލަތާއި ދީނީ ޖަމްޢިއްޔާތަކާއި ޝެއިޚުންގެ މަސައްކަތުން އެކަމުގައި ސަރުކާރުން ދޫ ދެއްވިއެވެ. އިމާމުންނަށް މިނިވަންކަން ލިބިގެން ދިޔައެވެ. މިއާ ގުޅިގެން ޖަމާޢަތުގެ ނަމާދު ދޫކޮށްލި މީހުން އަނެއްކާވެސް މިސްކިތްތަކުގެ ޖަމާޢަތާ ގުޅެން ފެށިއެވެ.ނަމަވެސް، މިހާރު އަނެއްކާވެސް ތާރީޚް އިޢާދަވާހެން ހީވާން ފަށައިފިކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ. ފަތިސް ނަމާދުގައި ޤުނޫތު ކިޔުމާއި ބިސްމި ބާރަށް ކިޔުމަށް މަޖުބޫރު ކުރުވާ ކަހަލަ ރާގަކަށް ސާކިއުލާރ އެއް މިނިސްޓުރީން ރަށްރަށަށް ފޮނުވަމުންދާ ކަމަށް ގިނަ ބަޔަކު ބުނަމުންދެއެވެ. އެގޮތުން، އެމްއެންބީސީގެ ޚަބަރެއް އަޅުގަނޑުވެސް ބަލައިލީމެވެ. މިނިސްޓުރީން ވާހަކަ ދެއްކެވި ބޭފުޅާ ހާމަކުރައްވާ ގޮތުން، އެއީ މަޖުބޫރު ކުރުވުމެއް ނޫނެވެ. އެއީ ބައެއް މިސްކިތްތަކުގައި ގިނަ މީހުން ބޭނުންވަނީ ޤުނޫތު ކިޔަން ކަމަށް ވެއްޖެނަމަ އެގޮތަށް އެ މިސްކިތްތަކުގައި ކިޔުމަށް އެންގީ ކަމަށެވެ. އަދި ބިސްމީގެ މައްސަލާއާ މެދު ވިދާޅުވަނީ އެއީ އެއްވެސް އިރެއްގައި އިޚްތިޔާރު ދީފައިވާ ކަމެއް ނޫންކަމަށެވެ. އެހެންކަމުން، އުޞޫލަކީ ބާރަށް ކިޔަން ޖެހޭނެ ކަމެވެ. މިހެން ރަށްރަށަށް އަންގަން ޖެހުނު ސަބަބެއްކަމަށް އޭނާ ވިދާޅުވަނީ އެއީ އައްޑޫގައި ހިނގާ ދިޔަ މައްސަލައެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ. ނަމަވެސް އައްޑޫގައި ހިނގާ ދިޔައީ ކޮން މައްސަލައެއް ކަމެއް ވިދާޅެއް ނުވެއެވެ.ކޮންމެއަކަސް މަތީގައި އެވަނީ މިނިސްޓުރީގެ ބަހެވެ. މިނިސްޓުރީގެ މި ނިންމުމާ މެދު އަނެއްކާވެސް ރައްޔިތުންގެ މެދުގައި އިތުރު ބައިބައިވުންތަކެއް އުފެދިއްޖެކަމަށް ގިނަ ބަޔަކު ބުނަމުން ދެއެވެ. މިކަން އޮންލައިން ނޫސްތަކުން ސާފުވާނެކަމަށްވެސް އެބައިމީހުން ބުނެއެވެ. އަދި މިސްކިތްތަކުގައި އިތުރަށް ހަމަނުޖެހުން ހިނގަން ފަށައިފި ކަމަށްވެސް އޮންލައިން ނޫސްތަކުން ޚަބަރުދެއެވެ. ކުރިން ޖަމާޢަތާ ވަކިން ބަޔަކު ނަމާދަށް އަރަން ފެށީވެސް ސަރުކާރުން ޝިރުކަށް ގޮވާލާކަމަށް ބުނެއެވެ. މިހާރު އަނެއްކާވެސް އެ ގޮވެލި އިތުރުވެއްޖެއެވެ.ޙަޤީޤަތަކީ، ޢަދާލަތާއި ބައެއް ދީނީ ޖަމްޢިއްޔާތަކުން އިމާމުންނަށް ހޯއްދަވައި ދެއްވި މިނިވަންކަން ގެއްލިގެން އަނެއްކާވެސް ހިނގައްޖެކަމެވެ. އެބައިމީހުންގެ ޖިހާދު ފެނަށް ހިނގައްޖެކަމެވެ. މައުމޫނު ދައުރުގައި އިމާމުންނަށް މިނިވަންކަން ހޯއްދަވައިދެއްވަން މަސައްކަތްކުރިން ބައެއް މީހުން ބުނަނީ، އެބައިމީހުން މިފަހަރު މާ ވަރުގަދައަށް އެކަމާ ދެކޮޅަށް ނުކުންނާނެ ކަމަށެވެ. އަދި އެކަމުގެ އިންޒާރު ވެސް ބައެއް ނޫސްތަކުގައި ރަތް އަކުރުންވަނީ މިނިސްޓުރީއަށް އަމާޒު ކޮށްފައެވެ.ކޮންމެއަކަސް، ތާރީޚު އިޢާދަވަނީއެވެ. މައުމޫނު ދައުރުގައި ދީނީ ކަންތައް އޮތް ގޮަތަށް ބަދަލުވެގެންދަނީއެވެ. އަދި ހަމައެފަދައިން އޭރުވެސް ދެކޮޅަށް ތެދުވި މީހުން ތިބީ، ތެދުވާން ތައްޔާރަށެވެ. އެހެންކަމުން، މިނިސްޓުރީގެ މި ނިންމުމުގެ ސަބަބުން ވާނީ އެއްބައިތޯ ނުވަތަ އިތުރަށް ބައިބައިތޯ މީ މިނިސްޓުރީން ވިސްނާލުން މުހިއްމު ސުވާލެއްކަމަށް ދެކެމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ