ކާމިޔާބާއެކު ކިބުރުވެރިނުވުމަށް ޕީޕީއެމްގެ މެންބަރުންނަށް މައުމޫން އިލްތިމާސްކުރައްވައިފި

ކަމެއް ކާމިޔާބު ވުމުން ތިމާއަކީ އެންމެ މޮޅު މީހާ ކަމުގެ އިހްސާސް ބައެއް ފަހަރު އިންސާނުންނަށް ކުރެވޭ ކަމަށާއި، ކާމިޔާބީގެ ސަބަބުން ހިތަށް ވަންނަ ފޮނިކަން ނުވަތަ ކިބުރުވެރިކަމަކީ މީހާ ހަލާކުކޮށްލާ އެއްޗެއް ކަމުގައި ޕީޕީއެމްގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ ޕީޕީއެމަށް ތިން އަހަރު ފުރުމާއި ގުޅިގެން އެކަން ފާހަގަކުރުމަށް އެޕާޓީން މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި "ކާމިޔާބު 3" ޖަލްސާގައި ވާހަަކަފުޅު ދައްކަވަމުންނެވެ.
މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ޕީޕީއެމް އުފެދި މިވޭތުވި ތިން އަހަރުގެ ތެރޭގައި އެޕާޓީއަށް ލިބުނު އެންމެ ބޮޑު ކާމިޔާބަކީ މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބު އެޕާޓީގެ ކެންޑިޑޭޓަށް ކާމިޔާބު ކުރެއްވުން ކަމަށެވެ. ނަމަވެސް ކާމިޔާބާއިއެކު ނާކާމިޔާބުވެސް ކުރިމަތިވާނެ ކަން ގަބޫލުކޮށް ހިތްތިރި ކުރަންޖެހޭ ކަމުގައި ރައީސް މައުމޫން ވިދާޅުވި އެވެ.
"ނާކާމިޔާބުވުމަކީ ކާމިޔާބުވުމުގެ ސިއްރުކަމުގައި ބުނާ އަޑު އަޅުގަނޑުމެން އަހަމު. އަދި އެއީ ހަގީގަތެއް ކަމުގައި އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ. އަޅުގަނޑުމެންގެ އަމިއްލަ ތަޖުރިބާތަކުންވެސް ނާކާމިޔާބުވުމަކީ ކާމިޔާބުވުމުގެ ސިއްރުކަމުގައި ނުވަތަ ތަޅުދަނޑި ކަމުގައި ނުވަތަ ކާމިޔާބަށް މަގުފަހިކޮށްދޭ ކަމެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ތަޖުރިބާ ވަނީ ކުރެވިފައި. މިރޭ އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އޭގެ އިދިކޮޅު އެއީވެސް ހަގީގަތަކަށްވެދާނެ ކަން އަޅުގަނޑުމެން ދަންނަމާތޯއޭ. މިދެންނެވީ ކާމިޔާބީއަކީ ނާކާމިޔާބުވުމުގެ ތަޅުދަނޑިއަށްވެސް ވެދާނެއޭ،" މައުމޫން ވިދާޅުވި އެވެ.
"ބައެއް ފަހަރު ކާމިޔާބުވުން ހިތަށް އަރާފާނެ އަޅުގަނޑުމެން މިތިބީ މާމަތީގައިއޭ. އެއްވެސް ބަޔަކަށް އަޅުގަނޑުމެންނާ ދެކޮޅަށް ކަމެއް ނުކުރެވެނެއޭ. އަޅުގަނޑުމެންގެ މައްޗަށް ކާމިޔާބެއް ނުހޯދޭނެއޭ. މި ޝުއޫރަކީ އިންސާނުންނަށް ވަރަށް ފަސޭހައިން އަންނަ ޝުއޫރެއް،" މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ ޕީޕީއެމްގެ ފިކުރަކީ ރައްޔިތުންގެ ގައުމީ ފިކުރު ކަމަށެވެ. އެގޮތަށްވީ އިސްލާމްދީނާއި މިނިވަންކަމާއި ސިޔާދަތާއި ދިމިގްރާތީ ނިޒާމް ހިފަހައްޓާ ޕާޓީއަކަށް ޕީޕީއެމުން ވުމުން ކަމަށްވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ ޕީޕީއެމްގެ އުސޫލުތަކަކީ ރައްޔިތުން ކުރިންސުރެއް ބަލައިގެންފައިވާ ހަރުދަނާ އުސޫލުތަކެއް ކަމަށެވެ. ޕީޕީއެމްގެ ކާމިޔާބީގެ އަސްލަކީ އެއީ ކަމަށާ އެ އުސޫލުތަކާއި އެއްގޮތަށް އަބަދުވެސް އަމަލުކުރާ ޕާޓީއެއްގެ ގޮތުގައި ޕީޕީއެމް އޮތުމަކީވެސް ވަރަށް މުހިއްމު ކަމެއް ކަމުގައި ވިދާޅުވި އެވެ.
"މިކަން މިހެން ވެގެންދާނީ ޕީޕީއެމްއަކީ ޕީޕީއެމްގެ އަސްލު އުސޫލުތަކުގައި ހިފަހައްޓާ ޕާޓީއަކަށް ވެގެން. ޕީޕިއެމްއަކީ ހަމަޔާއި އިންސާފަށް ލޯބިކުރާ އަދި އަޅުގަނޑުމެންގެ އަމަލުތައް ދެފުއް ފެންނަ ގޮތަށް ކުރާ، ރައްޔިތުން ކުރިމަތީގައި ޒިންމާދާރުވާ ޕާޓިއަކަށް ވެގެން،" މައުމޫނު ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ޕީޕީއެމް ބައިބައިކުރަން ވަރަށް ގިނަ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެފަދަ ކަންކަމުން ޕާޓީއަށް ގެއްލުން ނުލިބި ކުރިއަށްދެވޭނީ ޕާޓީގެ މެދުގައި ވަރުގަދަ އެކުވެރިކަމެއް ބާއްވައިގެން އެންމެން އެކުގައި އެއްބައެއްގެ ގޮތުގައި މަސައްކަތް ކޮށްގެން ކަމަށްވެސް ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ މުސްތަގުބަލްގައިވެސް ޕީޕީއެމްއަކީ އެއްބައިވަންތަ އެކުވެރި ބަޔަކު އުޅޭ ޕާޓީއެއްގެ ގޮތުގައި އޮތުމަކީ އެމަނިކުފާނުގެ އުއްމީދު ކުރައްވާ ކަމެއް ކަމަށެވެ. އަދި ޕީޕީއެމަކީ އެންމެ މެންބަރުން ގިނަ ޕާޓީއަށް ވުމަށް އެދިވަޑައިގަންނަވާ ކަމަށާއި ސަރުކާރު ހިމާޔަތްކޮށް ވަރުގަދަކޮށް ދަމަހައްޓާ ޕާޓީއެއްގެ ގޮތުގައި ދެމިއޮންނަ ޕާޓީއަކަށް ޕީޕީއެމް ވެގެންދާތަން ދެކެން ބޭނުންވާ ކަމުގައިވެސް ރައީސް މައުމޫން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ