މެމްބަރު ހާމިދުއަށް ގާނޫނީ ވަކީލެއް އައްޔަން ކުރުމަށް ފުރުސަތު ދީފި

ހދ. ހޮނޑައިދޫގައި ބަނގުރާ ގެންގުޅުމުގެ މައްސަލާގައި ދައުލަތުން ދައުވާކުރާ މީހެއްގެ ތެރެއިން ހެންވޭރު ދެކުނުދާއިރާގެ މެމްބަރު ހާމިދު އަބްދުލްގަފޫރުގެ މައްޗަށް ދައުލަތުން ކުރާ ދައުވާ މިއަދު ކޯޓުގައި އުފުލައި ދައުވާއަށް ޖަވާބުދާރީ ވުމަށް ފުރުސަތު ދެއްވައިފިއެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އެއްމަސަލާގެ ޝަރީއަތުގެ އަޑުއެހުމުގެ އަޑުއެހުމަށް ވަޑައިގެންނެވީ މެމްބަރު ހާމިދު އެކަންޏެވެ. އެމައްސަލާގައި ދައުލަތުން ދައުވާ ކުރާ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުއާއި ޖާދުﷲ ޖަމީލު މިއަދުގެ އަޑުއެހުމަށް ހާޒިރުވެފައިއެއް ނުވެއެވެ. އެހެންކަމުން ދައުލަތުގެ ގާނޫނީ ވަކީލާ ވިދާޅުވީ ދައުލަތުން ބޭނުންވަނީ އެތިން ބޭފުޅުންގެ މައްޗަށް އެކުގައި އެދައުވާ ކުރިއަށް ގެންދިއުމަށާއި އެދައުވާ ބިނާވެގެންވަނީވެސް އެތިން ބޭޅުންގެ މައްޗަށް ކަމަށެވެ. ދައުލަތުގެ ވާހަކަފުޅާ ގުޅިގެން ގާޒީ ވިދާޅުވީ މިއަދުގެ އަޑުއެހުމަށް ވަޑައިގެންނެވީ ހާމިދު އެކަނި ކަމުން މިއަދުގެ އަޑުއެހުން ކުރިއަށް ގެންދަވާނީ ކަމަށާއި ނަމަވެސް ދެން ބާއްވާ އަޑުއެހުންތަކުގައި ދައުވާ ރައްދުވާ ހުރިހާ ފަރާތްތައް ހާޒިކޮށް ކުރިއަށް ގެންދިއުމަށް ނިންމަވާ ކަމަށެވެ.
"އަބްދުﷲ ޖާބިރު، ޖާދުﷲ ޖަމީލު، ހާމިދު އަބްދުލްގަފޫރު އިތުރު ބަޔަކާއެކު 16 ނޮވެމްބަރު 2012 ދުވަހު 04:30 އެހައިކަންހާއިރު، ހދ.ހޮނޑާއިދޫ ނަމަކަށް ކިޔާ ފަޅު ތަށުގައި މައްސަތުވާތަކެއްޗާއި ބަނގުރާ ބޭނުންކޮށް، އެތަކެތި ގެންގުޅޭކަމަށް ފުލުހުންނަށް ލުބުނު މައުލޫމާތަކާ ގުޅިގެން، މައުލޫމާތު ލިބުނު ރަށަށް ފުލުހުންގޮސް އެރަށުތެރެ ބަލައި ފާސްކުރަމުން ދަނިކޮށް، އެރަށުގެ އުތުރު ފަރާތުގައި ބާރއެއް ގޮތަށް ހަދާފައިވާ ހަޓް ކައިރިން މި ތިންމީހުން ފެނުނުއިރު، މިތިން މީހުންގެ ތެރެއިން އަބްދުﷲ ޖާބިރުގެ އަތުގައި ބަނގުރާކަމަށް ޝައްކުކުރެވޭ ދިޔާއެއްޗެއް ހުރި ބިއްލޫރި ތައްޓަކާއި، ހާމިދު އަބްދުލްގަފޫރުގެ އަތުގައި އޮތް ޖޯޑެއް އޮއްވައި ފެނިގެން، ފުލުހުން މިދެމީހުންނާ ދިމާއަށް ދާންފެށުމުން މީގެތެރެއިން ހާމިދު އަބްދުލްގަފޫރުގެ އަތުގައި އޮތް ޖޯޑު އެއްލާލައިފައިވާތީއާއި، އަބްދުﷲ ޖާބިރުގެ އަތުގައި ހުރި ތައްޓާއެކު އަބްދުﷲ ޖާބިރުގެ އަތުގައި ފުލުހުން ހިފަހައްޓައި އެތަނުގައި ހުރި މޭޒެއްގެ މަތީގައި އެތަށިބެހެއްޓުމަށްފަހު، އެތަށީގައި ހުރި ތަކެތި ތަހުލީލު ކުރިއިރު، އެތަކެތި ބަނގުރާއަށް ޕޮޒިޓިވް ވެފައިވާތީއާއި، މިތިން މީހުން ތިބި ދިމާގައި ހުރި ގޮނޑިއެއްގެ މަތިން ފެނުނު ބިއްލޫރި ތައްޓާއި، އެދިމާލުގައި ހުރި މޭޒެއްގެ މަތިން ފެނުނު ދެ ބިއްލޫރި ތައްޓާއި، މިމީހުން ތިބި ދިމާގައި ހުރި ހަޓްގެ ކައުންޓަރު މަތިން ފެނުނު SANLEO BORGO ބްރޭންޑްގެ ފުޅިއާއި، HENNESSY ބްރޭންޑްގެ ފުޅިއާއި، ތިން ތިން ބިއްލޫރިތަށީގައި ހިރި ދިޔާތަކެތި ބަނގުއާތްވަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެތަކެތީގެ ތަހުލީލު ރިޕޯޓުން ދައްކާތީ، ދިވެހި ރާއްޖެއަށް ގެނައުން މަނާތަކެތީގެ ގާނޫނުގެ ފަސް ވަނަ މާއްދާގެ (ށ)ގެ އެއް ވަނަ ނަމްބަރާ ހަވާލާދީ، އެގާނޫނުގެ 13 ވަނަ މާއްދާގެ (ޅ)ގެ ދަށުން، އަބްދުﷲ ޖާބިރުއާއި، ހާމިދުއަބްދުލްގަފޫރުއާއި، ޖާދުﷲ ޖަމީލުގެ މައްޗަށް ގާނޫނާ ހިލާފަށް ދިވެހިރާއްޖެއަށް ބަނގުރާ އެތެރެކޮށް ގެންގުޅުމުގެ ކުށުގެ ދައުވާ،" ދައުލަތުން މިއަދު ކޯޓަށް ހުށަހެޅި ދައުވާގައި ބުނެފައިވެއެވެ.
ދައުވާއަށް ޖަވާބު ދާރީވުމަށް ހާމިދުއަށް ފުރުސަތުދެއްވުމުން ހާމިދު ވިދާޅުވީ ކޯޓުން ފޮނުވާފައިވާ ޗިޓްގައި އޮތީ ބަނގުރާ ގެންޅުމުގެ މައްސަލައެއްގައި ކަމަށާއި މި ދައުވާ އެހާސާފުނުވާ ކަމަށެވެ. އެހެންކަމުން ގާނޫނީ ވަކީލެއް އައްޔަންކުރުމަށް ފުރުސަތު ދެއްވުމަށް ހާމިދު އެދިވަޑައިގެންނެވިއެވެ. އަދި ގާނޫނީ ވަކީލެއް އައްޔަން ކުރުމަށްފަހު ދެންއޮންނަ އަޑުއެހުމެއްގައި ދައުލަތުގެ ދައުވާއަށް ޖަވާބުދާރީ ވާނެ ކަމަށްވެސް ހާމިދު ވިދާޅުވިއެވެ.
ގާޒީ ވިދާޅުވީ މައްސަލަ ކުރިއަށް ގެންދެވެންއަންނަނީ ދައުވާ ރައްދުވާ ތިން ފަރާތްވެސް ކޯޓަށް ހާޒިރުވެގެން ކަމަށާއި އެހެންކަމުން ޝަރީއަތަށް އެއްބާރުލުން ދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި ޝަރީއަތުގެ މަޖިލީހަށް ހާޒިރު ނުވާނަމަ ބަންދުގައި ބަހައްޓައިގެން ޝަރީއަތް ކުރިއަށް ގެންދާން ޖެހިދާނެ ކަމަށްވެސް ގާޒީ ވިދާޅުވިއެވެ.
ހޮނޑައިދޫ ބަނދުރާގެ މައްސަލާގައި ދައުލަތުން އެ ތިން ފަރާތުގެ އިތުރުން އެހެން ފަރާތްތަކެއްގެ މައްޗަށްވެސް ދައުވާކޮށްފައިވެއެވެ. މިމައްސަލާގައި ޖާބިރާއި ހާމިދު އަދި ޖާދުﷲގެ އިތުރުން ދައުވާކުރުމަށް ފުލުހުން ޕީޖީއަށް ފޮނުވާފައިވަނީ ރައީސް ނަޝީދުގެ ސްޕްޝަލް އެންވޯއީ އިބްރާހިމް ހުސައިން ޒަކީއާއި ސަރުކާރުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހެއިރާއި ޒުހައިރުގެ އަނބިކަނބަލުން މަރިޔަމް ފާއިޒާއި ޒަކީގެ ދަރިކަލުން މުޙައްމަދު ހަމްދާން ޒަކީގެ މައްޗަށެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށްގެނައި އަބްދުﷲ ޖާބިރު އާއި މުހައްމަދު ޒުހައިރު އާއި މަރިޔަމް ފާއިޒު އާއި ހާމިދު އަބްދުލްގަފޫރު އަދި އިބްރާހީމް ހުސައިން ޒަކީ އަށް ކުޑަކަމުދާތަކެތި ދިނުމަށް އެންގުމުން ކުޑަކަމުދާތަކެތި ދިނުމަށް އިންކާރުކުރި މައްސަލައާ ގުޅިގެން މި 5 މީހުންގެ މައްޗަށް ދައުވާކުރުމަށް ވެސް ޕީ.ޖީ އަށް ފޮނުވާފައިވާފައިވެއެވެ. އަދި އެ މައްސަލަތައް ޕީޖީގެ ފަރާތުން ކޯޓަށްހުށެހެޅި ބައެއް ދައުވާތައް ކޯޓުގައި ތާވަލް ކޮށްފައިވެސްވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ