ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) އިން ހަތްލައްކައަށް ވުރެ ގިނަ ރުފިޔާ ހަބް ކުންފުންޏަށް ދެއްކުމަށް ސިވިލް ކޯޓުން ކުރި ހުކުމާއި އެއްގޮތަށް އަމަލުކުރާނެ ކަމަށް ޑީއާރްޕީން ބުނެފި އެވެ.
ވީނިއުސްއަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ޑީއާރުޕީގެ ވަގުތީ ލީޑަރު އަދި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) ވިދާޅުވީ ކޯޓަކުން ހުކުމެއް ކުރުމުން އެއަށް ތަބާވާންޖެހޭނެ ކަމަށެވެ. އެހެންކަމުން ކޯޓުގެ ހުކުމާއި އެއްގޮތަށް ހަބް ކުންފުންޏަށް ދައްކަންޖެހޭ ފައިސާ ދައްކާނެ ކަމަށާއި އެއީ "އެހާ ބޮޑު ކަމެއް ނޫން" ކަމަށް ވެސް ކާނަލް ވިދާޅުވި އެވެ.
"ހަތްލައްކަ ދެން އެއީ އެހާ ބޮޑު އެއްޗެއް ނޫންތާ ދެއްތޯ؟ ކޯޓަކުން ނުބަލާނެތާ ދެއްކީ ކާކުކަމެއް. ކޯޓަކުން ހުކުމް ކުރުމުން އެއަށް އިހްތިރާމްކުރަންޖެހޭނެ،" ކާނަލް ވިދާޅުވި އެވެ.
ހަބު ކުންފުނިން ސިވިލް ކޯޓުގައި ދައުވާކުރީ ޑީއާރްޕީން އެކުންފުނި މެދުވެރިކޮށް ހޯދާފައިވާ ހިދުމަތްތަކުގެ އަގަށްވާ 718،431 ރ. ހޯދުމަށެވެ. ކޯޓުގެ ހުކުމާ އެއްގޮތަށް ފައިސާ ދައްކާނެ ކަމަށް ޑީއާރްޕީން މިއަދު ބުނި ނަމަވެސް މިމައްސަލައިގެ އަޑުއެހުންތަކުގައި ޑީއާރުޕީން ވަނީ ދައުވާ އަށް އިންކާރުކޮށްފަ އެވެ.
ސިވިލް ކޯޓުން މިމަހުގެ އަށްވަނަ ދުވަހު ކޮށްފައިވާ ހުކުމްގައި ބުނެފައިވަނީ ހަބް ކުންފުނިން ދައުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ ލިޔުންތަކުން އެ ފައިސާއަކީ ޑީއާރްޕީން ދައްކަންޖެހޭ ފައިސާތަކެއް ކަން ޝަރީއަތަށް ސާބިތުވާތީ ފައިސާ ދެއްކުމަށް ޑީއާރްޕީގެ މައްޗަށް ހުކުމްކުރާ ކަމަށެވެ. ހަބްގެ ދައުވާގައި ޑީއާރްޕީން އެކުންފުންޏަށް ދައްކަންޖެހޭ ފައިސާ ނުދެއްކި ލަސްވުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ޑީއާރްޕީން ދައްކަންޖެހޭ ޖުމްލަ ފައިސާގެ ތެރެއިން އިތުރަށް 25 އިންސައްތަ ނަގައިދިނުމަށާއި، ހަބްގެ ވަކީލުގެ ފީގެ ގޮތުގައި ހަރަދުކުރި 20،000 ރ. ނަގައިދިނުމަށް ވެސް އެދިފައިވެ އެވެ. ނަމަވެސް މިފައިސާ ނަގައިދެވެން ނެތް ކަމަށް ވެސް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.
ހަބް ކުންފުންޏަކީ ލައިޓިން އާއި ސައުންޑްގެ މަސައްކަތް ކޮށްދިނުމުގައި ރާއްޖޭގައި އެންމެ ފުޅާކޮށް އެ މަސައްކަތް ކުރަމުންދާ އެއް ކުންފުންޏެވެ.
ހަބަށް ހަތްލައްކަ ރުފިޔާ ދައްކަން ކޯޓުން ކުރި ހުކުމާއި އެއްގޮތަށް އަމަލުކުރާނަން: ޑީއާރްޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ