ހެޔޮ އަގެއްގައި ކަރަންޓު މީޓަރު ޓެސްޓުކުރުމުގެ ޚިދުމަތް ފެނަކައިން ތައާރަފްކުރަނީ

ހެޔޮ އަގެއްގައި ކަރަންޓު މީޓަރު ޓެސްޓުކުރުމުގެ ޚިދުމަތް ތައާރަފްކުރުމުގެ މަސައްކަތް ފެނަކައިން ފަށައިފިއެވެ. އެކަމާ ގުޅިގެން "ސަން"އާ ވާހަކަދައްކަވަމުން ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަޙުމަދު ސައީދު މުޙައްމަދު ވިދާޅުވީ ކަރަންޓު މީޓަރު ޓެސްޓުކުރުމުގެ ޚިދުމަތް މީގެކުރިން ފޯރުކޮށްދެނީ އެންމެ ކުންފުންޏަކުންކަމަށެވެ. އެހެންކަމުން އެ ޚިދުމަތް ހޯދުމުގައި ރައްޔިތުންނަށް ދަތިތަކެއް ކުރިމަތިވެ ޚިދުމަތް ލަސްވާކަމަށް އޭނާ ވިދާޅުވިއެވެ. "އެހެންވީމަ އަޅުގަނޑުމެންނަށް މި ވިސްނުނީ އަޅުގަނޑުމެންނަކީ ރާއްޖޭގެ ބޮޑު ބަޔަކަށް ކަރަންޓުގެ ޚިދުމަތްދޭބަޔަކަށް ވީތީ އަޅުގަނޑުމެންގެ ކަސްޓަމަރުން ވެސް ކަމެއްގަ އެއްބަޔަކަށް ބަރޯސާވުމުގެ ބަދަލުގަ އަޅުގަނޑުމެން މިކަން ކުރުން ރަނގަޅުވާނެއޭ. އެ ވިސްނުމުގަ މިކަން މި ކުރަނީ،" އޭނާ ވިދާޅުވިއެވެ. ސައީދު ވިދާޅުވީ ލަފާކުރެވޭގޮތުގައި މިމަސް ނިމޭއިރު މީޓަރު ޓެސްޓިން ބެންޗް އިންސްޓޯލްކޮށް އެ ޚިދުމަތް ދޭންފެށޭނެކަމަށެވެ. އެހެންކަމުން އެ ޚިދުމަތް ފެށުމުން ރައްޔިތުންނަށް އެތައް ފަސޭހަތަކެއް ލިބޭނެކަމަށް އޭނާ ވިދާޅުވިއެވެ. "މި އެޑްވާންސް ޓެކްނޮލޮޖީގެ ޒަމާނުގަ މީޓަރެއް ޓެސްޓުކޮށްލަން ނަގާނީ 15 މިނިޓު ނޫނީ 30 މިނިޓު،" އޭނާ ވިދާޅުވިއެވެ. އެ ޚިދުމަތުގެ އަގު އަދި ފެނަކައިން ކަނޑައަޅާފައެއް ނުވެއެވެ. ނަމަވެސް އަންނަ ހަފުތާގައި މި ޚިދުމަތުގެ އަގު އާންމުކުރާނެކަމަށް ސައީދު ވިދާޅުވިއެވެ. މި ޚިދުމަތް ތައާރަފުކުރުމުން މީޓަރު ޓެސްޓުކުރުމުގެ ޚިދުމަތް މިހާރުފޯރުކޮށްދޭ އަގަށްވުރެ އެތައް ގުނައެއް އަގު ހެޔޮވާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ސައީދު ވިދާޅުވީ ފެނަކައިގެ އަމާޒަކީ އަބަދުވެސް ރައްޔިތުންނަށް ލުއިފަސޭހަ ގޮތަކަށް އިތުބާރުހިފޭ ޚިދުމަތެއް ފޯރުކޮށްދިނުންކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ