ކޮވިޑް-19: ތަކަންދޫން ކަރަންޓީނަށް ގެންދިޔައީ ޕޮޒިޓިވް ނުވާ ކުއްޖެއް!

ހއ. ތަކަންދޫން ކޮވިޑް-19 އަށް ޕޮޒިޓިވްވި ތިން މީހުންގެ ތެރެއިން ކަރަންޓީނަށް ގެންދިޔަ ކުޑަކުއްޖާ އެ ބައްޔަށް ޕޮޒިޓިވް ނޫން ކަމަށާއި ޕޮޒިޓިވްވި ކުއްޖާ ހުރީ ރަށުގައި ކަމަށް އެ ރަށުން މިއަދު ބުނެފި އެވެ.
ތަކަންދޫން ޕޮޒިޓިވްވި މީހުންނަކީ މިދިޔަ މަހު 15 ވަނަ ދުވަހު ކާވިޔާ ބޯޓުން ދަތުރު ކުރި ބައެކެވެ. އެ މީހުން ކޮވިޑް-19 އަށް ޓެސްޓް ކުރީ އެ ބޯޓުން ދަތުރުކުރި ހއ. އުލިގަމު މީހަކު އެ ބައްޔަށް ޕޮޒިޓިވް ވުމުންނެވެ.
ތަކަންދޫން ކޮވިޑް-19 އަށް ޕޮޒިޓިވް ވެގެން ހައިޑަވޭ އައިލެންޑް ރިސޯޓުގެ ކަރަންޓީނަށް ގެންދިޔައީ އުމުރުން 29 އަހަރުގެ އަންހެނަކާއި 37 އަހަރުގެ އަންހެނެއްގެ އިތުރުން ހަތް އަހަރުގެ ކުޑަ ފިރިހެން ކުއްޖެކެވެ. އެ ފިރިހެން ކުއްޖާއަކީ 29 އަހަރުގެ އަންހެންމީހާގެ ދަރި އެވެ.
ނަމަވެސް އެ މީހާގެ އާއިލާ އިން "މިހާރު" އާ ވާހަކަ ދެއްކި މީހަކު ބުނީ، ކުޑަ ފިރިހެންކުއްޖާ އެ ބައްޔަށް ޕޮޒިޓިވްވި ކަމަށް އިއްޔެ އެންގުނީ އޮޅުމަކުން ކަމަށް އެޗްޕީއޭ އިން މިއަދު އަންގާފައިވާ ކަމަށެވެ. އެކަމަކު، އަދިވެސް އެ ކުއްޖާ ހުރީ ޕޮޒިޓިވް ވެފައިވާ މަންމައާ އެކު ކަރަންޓީންގައި ކަމަށް އާއިލާ އިން ބުނެ އެވެ.
ކާވިޔާ އިން ދަތުރުކުރި މީހުންގެ ތެރޭގައި ހިމެނޭ ފަސް އަހަރުގެ އަންހެން ކުއްޖަކު ކޮވިޑް-19 އަށް ޕޮޒިޓިވެފައިވާ ކަމަށާއި އެ ކުއްޖާ ގޭގައި އެކަހެރި ކުރުމަށް އެޗްޕީއޭ އިން ދެންމެ އަންގާފައިވާ ކަމަށް އެ އަންހެންކުއްޖާގެ އާއިލާ އިން ބުންޏެވެ. ކާވިޔާ ބޯޓުން އެ އަންހެންކުއްޖާއާ އެކު، މަންމަ އާއި ބޭބެ ވެސް ދަތުރުކުރި އެވެ. އެކަމަކު، އެ މީހުންގެ ނަތީޖާ ނެގެޓިވް އެވެ.
އެކަމާ ގުޅޭގޮތުން ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒްއާ ސުވާލު ކުރުމުން ވިދާޅުވީ ބަލާފައި ވަކި އެއްޗެއް އަންގާނެ ކަމަށެވެ.
އިއްޔެ ކަރަންޓީނަށް ގެންދިޔަ ތިން މީހުން ފިޔަވައި ތަކަންދޫގައި ތިބި ކާވިޔާ ބޯޓުން ދަތުރުކުރި 33 މީހުން އަލުން ޓެސްޓް ކުރުމަށް މިއަދު ވަނީ ސާމްޕަލް ވެސް ނަގައިފަ އެވެ.
ކޮވިޑް-19 އަށް ބަޔަކު ޕޮޒިޓިވް ވުމުން، ގާތްގަނޑަކަށް 300 އެއްހާ މީހުން ދިރިއުޅޭ ތަކަންދޫ ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފަ އެވެ. ޒަރޫރީ ބޭނުމަކަށް ނޫނީ ނުކުމެ އުޅުން މަނާކޮށް އަރަށް އަރައިފޭބުން ވެސް މިހާރު މަނަލެވެ.
އަތޮޅުތަކުން މި ބަލި މިހާތަނަށް ފެނިފައި ވަނީ ތަކަންދޫގެ އިތުރުން ހއ. އުލިގަމާއި ށ. ނަރުދު އާއި ށ. މިލަންދޫ އަދި ކ. ތުލުސްދޫންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ