ހެޕީމާކެޓް: ސްޓާފުންނަކީ ކުންފުނީގެ ބައެއް، ކުރިއަށް އޮތް ދެ މަހު ފުލް މުސާރަ ލިބޭނެ

ރިސޯޓުތައް މާދަމާއިން ފެށިގެން ބަންދު ކުރި ނަމަވެސް، ކުރިއަށް އޮތް ދެ މަހު ހުރިހާ ސްޓާފުންގެ ފުލް މުސާރަ ދޭން ހެޕީމާކެޓުން ނިންމައިފި އެވެ.
ހެޕީމާކެޓް ގްރޫޕުން އަންނަނީ ހަތަރު ރިސޯޓު ހިންގަމުންނެވެ. ޑްރީމް ލޭންޑް ރިސޯޓާއި ތުޅާގިރި އާއި އަންގާގާގެ އިތުރުން ސަފާރީ އައިލެންޑެވެ. ފޯ ސްޓާ ލެވެލްގެ މި ރިސޯޓުތަކުގައި ގާތްގަނޑަކަށް 600 މުވައްޒަފުން މަސައްކަތްކުރެ އެވެ. މީގެ ތެރޭގައި ގިނައީ ދިވެހިންނެވެ.
ހެޕީ މާކެޓްގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ، އޭޕްރީލް މަހާއި މެއި މަހު މުވައްޒަފުންނަށް ފުލް މުސާރަ ދޭން ނިންމީ، ކުރިއަށް އޮތީ ރޯދަމަހަށް ވެފައި މުވައްޒަފުންނަށް ވީހާ ވެސް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ކަމަށެވެ.
"އަޅުގަނޑުމެން ބަލަނީ މުވައްޒަފުންނަކީ ކުންފުނީގެ ބަޔެއްގެ ގޮތުގައި،" އޮފިޝަލް ވިދާޅުވި އެވެ.
ހެޕީމާކެޓުގެ ރިސޯޓުތަކުގެ އިތުރުން ވެލާ ޕްރައިވެޓް އައިލެންޑުން ވަނީ ހާލަތު ރަނގަޅުވަންދެން ފުލް މުސާރައިގެ އިތުރުން ހާއްސަ އެލަވަންސްތަކެއް މުވައްޒަފުންނަށް ދޭން ނިންމައިފަ އެވެ. ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ހުރިހާ ރިސޯޓުތަކެއް ގާތްގަނޑަކަށް ބަންދުކޮށްފައިވާ އިރު ގިނަ ރިސޯޓުތަކެއްގެ މުވައްޒަފުން ވަނީ ނޯޕޭ އަށް ފޮނުވައިފަ އެވެ. މީގެ އިތުރުން ވަޒީފާއާ ބެހޭ ގާނޫނާ ހިލާފަށް މި ދުވަސްވަރު މުވައްޒަފުން ވަކި ކުރާ ކަން ލޭބާ އޮތޯރިޓީން ވަނީ ފާހަގަކޮށްފަ އެވެ.
ރިސޯޓުތަކުގެ މުވައްޒަފުންގެ ހައްގުގައި މަސައްކަތް ކުރާ ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ބުނީ، ކޮވިޑް-19 އާ ގުޅިގެން 11،000 މުވައްޒަފުން މިހާރު ވެސް ނޯޕޭ ލީވަށް ފޮނުވާފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ