އަޔަކްސް އަށް ތަށި ނުލިބޭ ގޮތަށް ނެދަލެންޑްސް ފުޓްބޯޅަ ލީގު ކެންސަލް ކޮށްފި

އެއްވަނައިގައި އޮތް އަޔަކްސް އަށް ތަށި ނުލިބޭ ގޮތަށް ނެދަލެންޑްސް ފުޓްބޯޅަ ލީގު ކެންސަލް ކުރަން އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ނިންމައިފި އެވެ.
އަންގާރަ ދުވަހުގެ ވަގުތެއްގައި ނެދަލެންޑްސްގެ ސަރުކާރުން ވަނީ ސެޕްޓެމްބަރު އެއްވަނަ ދުވަހުގެ ނިޔަލަށް އެއްވެސް ކުޅިވަރު ހަރަކާތެއް އެގައުމުގައި ނުބޭއްވުމަށް އަންގާފައެވެ.
ސަރުކާރުގެ މި ނިންމުމާއެކު ނެދަލެންޑްސްގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ އެ ގައުމުގެ ފުޓްބޯޅަ ލީގާއި ފުޓްބޯޅަ ސީޒަން އެއްކޮށް ހުއްޓާލުމަށް ނިންމާފައެވެ. އަދި ޔުއެފާގެ ލަފާގެ މަތިން މިހާރު ވަނީ މިކަން ފައިނަލް ކޮށްފައެވެ.
ނެދަލެންޑްސް ފުޓްބޯޅަ ލީގު މެދުކަނޑާލިއިރު، އެއްވަނައިގައި 56 ޕޮއިންޓާއެކު އޮތީ އެންމެ ފަހުގެ ޗެމްޕިއަން އަޔަކްސް އެވެ. ދެވަނައިގައި އޮތް އޭޒެޑް އާލްކްމާ އަށްވެސް 56 ޕޮއިންޓު ލިބިފައިވާއިރު، އަޔަކްސް އަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ.
އެކަމަކުވެސް ނެދަލެންޑްސް ފުޓްބޯޅަ ފެޑެރޭޝަނުން ލީގު ނިންމާލީ އަޔަކްސް އަށް ޗެމްޕިއަންކަން ނުލިބޭ ގޮތަށެވެ. އަދި މި ސީޒަނުގައި އެއްވެސް ޓީމެއް ރެލިގޭޓް ނުވާނެ ކަމަށްވެސް ވަނީ ބުނެފައެވެ.
ލީގު ނިންމާލި ނަމަވެސް، އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގަށް ކޮލިފައިވާ ޓީމުތައް ކަނޑައަޅަން ޔުއެފާއިން ވަނީ އަންގާފައެވެ. އެހެންކަމުން މިހާރު އޮތް ތާވަލާ އެއްގޮތަށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ކޮލިފިކޭޝަނުގައި ވާދަކުރާނީ އެއްވަނައިގައި އޮތް އަޔަކްސް އާއި ދެވަނައިގައި އޮތް އޭޒެޑް އާލްކްމާ އެވެ.
ތިންވަނައިގައި އޮތް ފެޔަނޫޑް އަށް ޔޫރޮޕާ ލީގުގެ ގްރޫޕް ސްޓޭޖުން ޖާގައެއް ލިބިފައިވާއިރު، ހަތަރުވަނައިގައި އޮތް ޕީއެސްވީ އާއި ފަސްވަނައިގައި އޮތް ވިލެމް ވާދަކުރާނީ ޔޫރޮޕާ ލީގު ކޮލިފިކޭޝަނުގައެވެ.
ނެދަލެންޑްސް ފުޓްބޯޅަ ލީގު ކެންސަލްކުރިއިރު، ހާލަތު ތަން ނުދޭ ބައެއް ގައުމުތަކުގެ ލީގުތައް ކެންސަލް ކުރަން ހާއްސަ ހުއްދައެއް ދޭން ޔުއެފާއިން ވަނީ ނިންމާފައެވެ. ދެން ލީގުތައް ނިންމާލަން އަމާޒުހިފާފައިވަނީ ބެލްޖިއަމް އާއި ސްކޮޓްލެންޑުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ