ކުރީގެ ރައީސުން ޕާޓީތައް ހިންގަވާނަމަ ރިޓަޔާމަންޓު ބެނެފިޓު ދިނުން ދެކޮޅު ނުޖެހޭ: މެމްބަރު ހުސެއިން

ކުރީގެ ރައީސުން ސިޔާސީ ޕާޓީތައް ހިންގަވާ ނަމަ ރިޓަޔާމަންޓު ބެނެފިޓު ދިނުމަކީ ދެކޮޅު ޖެހޭ ކަމެއް ނޫން ކަމަށް ބ. ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.
މެމްބަރު ހުސެއިން މިފަދައިން ވިދާޅުވެފައިމިވަނީ އިދިކޮޅު ކޯލިޝަނުން މިދިޔަ ހުކުރު ދުވަހު މާލޭގައި ބޭއްވި ސައިކަލް ބުރަށްފަހު ޕީޕީއެމް އޮފީސް ދޮރުމަތީގައި ހުންނަވައިގެން ކުރީގެ ރައީސް އަދި ޕްރޮގްރެސިވް ކޯލިޝަންގެ އެޑްވައިޒަރު ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވާ ވަގުތެއްގައެވެ.
މެމްބަރު އަލީ ހުސެއިން ކުރެއްވި ޓްވީޓުގައި ވަނީ ރިޓަޔާ ކޮށްފައި ތިއްބަވާ ކުރީގެ ރައީސުން އަމަލީ ގޮތުން ސިޔާސީ ޙަރަކާތްތަކުގައި ބައިވެރިވެ ސިޔާސީޕާޓީތައް ހިންގުމުގައި އުޅުއްވާނަމަ ދައުލަތުން ރިޓަޔަރމަންޓް ބެނެފިޓްގެ ގޮތުގައި އެއްވެސް ފައިސާއެއް ދިނުމަކީ ދެކޮޅުޖެހޭ ކަމެއްނޫން ކަމަށެވެ.
މާލޭސިޓީގައި ކުރިއަށް ގެންދިޔަ ސައިކަލް ބުރާއި ގުޅިގެން ޑރ. ވަހީދަށް ގިނަ ބައެއްގެ ފާޑުކިޔުންތަކެއް އަމާޒުވެފައިވާއިރު ޑރ. ވަހީދު ފުލުހަށް ހާޒިރުވުމަށްވެސް މިހާރު ވަނީ އަންގާފައެވެ.
ކުރީގެ ރައީސުންނަށް އިނާޔަތް ދިނުމާ ބެހޭ ގާނޫނުގައިވާ ގޮތުން އެއް ދައުރު ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ކޮންމެ މަހަކު 50،000 ރުފިޔާ ދޭން ޖެހެއެވެ. އެއް ދައުރަށް ވުރެ ގިނަ ދުވަސްވަންދެން ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ދެމުން އަންނަނީ 75،000 ރުފިޔާއެވެ. މީގެ އިތުރުން ދިރިއުޅޭ ތަނުގެ ހަރަދަށް ކޮންމެ މަހަކު 50،000 ރުފިޔާ ދޭން ޖެހެއެވެ. އަދި މުޖުތަމައުއަށް ފައިދާ ހުރި މަސައްކަތެއް ކުރީގެ ރައީސަކު ކުރައްވާ ނަމަ، އެކަމަށް އޮފީސް ހިންގުމުގެ ހަރަދަށް މަހަކު ގިނަވެގެން 175،000 ރުފިޔާއާ ހަމައަށް ލިބިވަޑައިގަންނަވާ ކަމަށް ގާނޫނޫން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ