ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ ކުރީގެ މެމްބަރު ހުސައިން މުހައްމަދުގެ އާއިލާ އަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ތައުޒިޔާ ފޮނުއްވައިފި އެވެ.
ރައީސް ސޯލިހް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކުރީގެ މެމްބަރު ހުސައިން މުހައްމަދު އަވަހާރަވި ހަބަރު އެއްސެވީ ފުން ހިތާމަޔާއެކު ކަމަށާއި އޭނާ އަކީ ދަތި އުނދަގޫ ވަގުތުތަކުގައިވެސް ހެޔޮ ލަފާ މަޝްވަރާ ދެއްވި އެކުވެރިއެއް ކަމަށެވެ.
"ހުސެން އަކީ ގައުމަށް ތަފާތު އެކި ދާއިރާތަކުން ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް. އަޅުގަނޑުގެ ގާތް ރަޙުމަތްތެރިއެއް." ރައީސް ސޯލިހްގެ ޓުއީޓްގައި ވިދާޅުވި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން ޙުސައިން މުޙައްމަދު އަވަހާރަވެފައިވަނީ ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް ރޭގެ ދަންވަރުގެ ވަގުތެއްގަ އެވެ. އަވަހާރަވީއިރު އުމުރު ފުޅުން 71 އަހަރެވެ.
އެމަނިކުފާނަކީ މަޖިލިސް މެންބަރުކަމުގެ އިތުރަށް ދިވެހިރާއްޖޭގެ ތައުލީމީ ދާއިރާއާއި މީޑިއާގެ ދާއިރާއިން ޓީވީ މޯލްޑިވްސްގެ އިސްމަޤާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން އީ.ޑީ.ސީ.ގެ އެކިއެކި މަޤާމުތަކާއި، އެޑިޔުކޭޝަން މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ކަމާއި، ޑެޕިއުޓީ މިނިސްޓަރކަން ކުރެއްވިއެވެ.
އަދި ޓެލެވިޜަން މޯލްޑިވްސްގެ ޑެޕިއުޓީ ޑިރެކްޓަރ، ކަމުގެ މަޤާމާއި ޑިރެކްޓަރ އޮފް ޕްރޮގްރާމްސްގެ މަގާމުގެ އިތުރުން ޓީވީއެމްގެ އެންމެ އިސްވެރިޔާގެ މަޤާމުވެސް ޙުސައިން މުޙައްމަދު އަދާކުރައްވާފައިވެއެވެ.
ކުރީގެ މެމްބަރު ހުސައިން މުހައްމަދުގެ އާއިލާ އަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ތައުޒިޔާ ފޮނުއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ