ތިން ރަށަކުން ޑުރަގާއެކު ފަސް މީހަކު ހައްޔަރު ކޮށްފި

އަތޮޅުތެރޭގެ ތިން ރަށެއްގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ފަސް މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ށ. ފުނަދޫ އާއި ނ. ކުޑަފަރީގެ އިތުރުން ހދ. ކުޅުދުއްފުށީގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މިދިޔަ ހޯމަ އަދި އަންގާރަ ދުވަހު މަސްތުވާތަކެއްޗާއެކު ފަސް މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެގޮތުން އޮޕަރޭޝަންތަކުގައި ހައްޔަރުކޮށްފައިވަނީ ފުނަދޫން 35 އަހަރުގެ މީހަކާއި 36 އަހަރުގެ މީހެއްގެއިތުރުން 26 އަހަރުގެ މީހެކެވެ. މި ތިންމީހުން ހައްޔަރުކޮށް އެރަށުގެ ތިން ސަރަހައްދެއް ބަލައި ފާސްކޮށް މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ސެލޯފިންކޮޅާއި 32 ކަރުދާސްކޮޅު ހޯދާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ކުޑަފަރީގައި ހިންގި އޮޕަރޭޝަނުގައި އެ ރަށު ބަނދަރު ސަރަހައްދުން 24 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް ބަލައި ފާސްކުރި ކުރުމުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާއިރު ކުޅުދުއްފުށީގައި ހިންގި އޮޕަރޭޝަނުގައި އެ ރަށު ބަނދަރު ސަރަހައްދުން 33 ގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް ބަލައި ފާސްކުރިކުރުމުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި އޮޕަރޭޝަންތަކަކީ ޑްރަގް އިންޓެލިޖެންސް ޑިޕާޓްމެންޓާއި އަތޮޅުތެރޭގެ ފުލުހުން ބައިވެރިވެގެން ހިންގި އޮޕަރޭޝަންތަކެއް ކަމަށާއި މި މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ