އިދިކޮޅު ބައެއް މެމްބަރު ރާގު ބަދަލުވަނީ، އާދަމް ޝަރީފްގެ ތަޢުރީފު ރައީސް ނަޝީދަށް!

ރައްޔިތުންގެ މަޖިލިސްގެ އިދިކޮޅު މެމްބަރުން އަބަދު ވެސް މަޖިލީހުގެ ރައީސް، ރައީސް ނަޝީދުގެ "އޮފު" ކަނޑުވާލެވޭތޯ އެކި ބާވަތުގެ ވާހަކަ ދައްކަވައެވެ. ނަމަވެސް އިއްޔެ ފެނިގެން ގޮސްފައި ވަނީ އިދިކޮޅު ކޯލިޝަންގެ އިސް މެމްބަރެއްގެ ރާގު ބަދަލުވެ، ތަޢުރީފަށް ބަދަލުވިތަނެވެ.
މަޖިލިސްގެ އިދިކޮޅު މެމްބަރުން، އެ މެމްބަރުން ނިސްބަތްވާ ކުލައިގެ ރައްޔިތުންގެ ތާއީދު ހޯދުމުގެ ނިޔަތުގައި ނަމަވެސް އަބަދު ވެސް އެންމެ ބަހުގެ ހަމަލާ ރައްދުކުރާ އެއް ލީޑަރަކީ މަޖިލިސް ރައީސް، ރައީސް ނަޝީދެވެ. ރާއްޖޭގައި އެއް ސިޔާސީ ލީޑަރަކަށް އެންމެ ތާއީދު ބޮޑު އެއް ލީޑަރަކީ ރައީސް ނަޝީދު ކަމަށް ވިޔަސް އެމެމްބަރުން ދައްކަވަން އަބަދު ވެސް މަސައްކަތް ކުރަށްވަނީ ތަފާތު މަންޒަރެކެވެ.
އިއްޔެ މިފެނުނީ ވެސް ތަފާތު މަންޒަރެކެވެ. ކޮންކަމެއްގެ ކޮޅުމައްޗެއް ކަމަށް، އަދި ލަފާކޮށްލާކަށް ނޭނގެއެވެ. އެއީ ކަމެއްގެ ކޮޅުމައްޗަށް ނުވާނަމަ ހަޤީޤަތުގައި ވެސް އިދިކޮޅު ކޯލިޝަންގެ ޕީޖީ ލީޑަރު އާދަމް ޝަރީފް އުމަރުގެ ހިތްޕުޅުގައި ރައީސް ނަޝީދާއިމެދު ފިރުކާލައި، ބޭރުކޮށް ނުލެވި އޮތް ޝުޢޫރެއް އިއްޔެ ބޭރުކޮށްލެވުނީ ކަމަށްވެސް ވެދާނެއެވެ.
އިއްޔެ ކުރިއަށްދިޔަ މަޖިލީހުގެ 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 29 ވަނަ ޖަލްސާގައި ކޮރަޕްޝަން މަދު ކުރުމަށާއި އެފަދަ ހިޔާނާތްތަކުގައި ޒިންމާވާ ފަރާތްތަކާ މެދު އަވަހަށް ފިޔަވަޅުތައް އެޅުމަށް ގޮވާލައި، މަޑުއްވަރި ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހަޅުއްވާފައިވާ ކުއްލި މައްސަލައިގެ ބަހުސްގައި، އޭނާ ވާހަކަ ދައްކަވުން ވަނީ ރައީސް ނަޝީދަށް ތަޢުރީފު ކުރަށްވާފައެވެ.
އާދަމް ޝަރީފް އިއްޔެ މަޖިލިސްގެ ރައީސް، ރައީސް ނަޝީދަށް ތަޢުރީފު ކުރަށްވަމުން ވިދާޅުވީ، ރައީސް ނަޝީދަކީ މި ބާވަތުގެ ކަރަޕްޝަނުގެ މައްސަލަތަކާ ދެކޮޅަށް ވަކާލާތުކުރެއްވުމަށް އަދި މިކަމަށް، ކޮރަޕްޝަނަށް އޮތް މަގުތައް ބަންދުކުރުމަށްޓަކައި ވަރަށް ހީވާގިކަމާއެކު މަސައްކަތްކުރައްވަމުން ގެންދަވާ ބޭފުޅެއް ކަމަށެވެ.
ކުރީގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރުކަން ވެސް ކުރަށްވާފައިވާ އާދަމް ޝަރީފް ވިދާޅުވިއެވެ.
ކޮންމެއަކަސް އިދިކޮޅު ޕީޖީ ގްރޫޕްގެ ލީޑަރު އާދަމް ޝަރީފު އިއްޔެ ރައީސް ނަޝީދަށް ތަޢުރީފު ކުރަށްވައިފިއެވެ. މިއީ ފެށުމެއް ކަމަށް ވެސް އެކަށީގެން ވެއެވެ. އަދި ކުޑަކޮށް މަޑުކޮށްލަމާ ހިންގަވާށެވެ. މަންޒަރު ކުލަވާ ވަރަކުން މިވީގޮތެއް ވެސް އެނގިދާނެތާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ