ގާނޫނު އަސާސީއާ ގާނޫނުތަކުގައި ލިޔެފައިވާ އެއްޗަކަށް ބަލާލުމެއް ނެތި ތިމާ އަމިއްލަ އަށް ފަޟީހަތްވާ ގޮތަށް އެހެން މީހުންނަށް ރައްދު ނުދެއްވުމަށް ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް އިލްތިމާސްކުރައްވައިފި އެވެ.
ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި މިގޮތަށް ވިދާޅުވި ނަމަވެސް މި ޓްވީޓްގައި ރައްދު ދެއްވާފައިވަނީ ކޮން ފަރާތަކަށް ކަމެއް ވިދާޅުވެފައެއް ނުވެ އެވެ. އެކަމަކު ރައީސް މައުމޫންގެ ޓްވީޓްގައި ރައްދު ދެއްވާފައިވަނީ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީއަށް ކަމަށް ބެލެވެ އެވެ.
ޑރ. ޝައިނީ އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުރީގެ ރައީސެއް ނަމަވެސް ކޯޓު އަމުރުތަކުގެ ބާރު ކަނޑުވާލާއި ގާނޫނުގެ ނިވަލުގައި ފިލާ ނުހުންނެވޭނެ ކަމަށެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގާނޫނު ނަންބަރު ފާހަގަކުރައްވާ ޑރ. ޝައިނީ ވަނީ ބަޣާވާތެއް ކުރަން ގޮވާލުމަށް އެ ގާނޫނު ހުއްދަ ކުރޭތޯ ސުވާލުވެސް ކުރައްވަވާފަ އެވެ.
ޑރ. ޝައިނީ އިތުރަށް ވިދާޅުވީ އެއްވެސް މީހަކަށް ގާނޫނަށް ވުރެ މަތީގައި ނުހުރެވޭނެ ކަަމަށާއި އެކަން ކުރީގެ ރައީސުން ވެސް ދެނެވަޑައިގަންނަވަން ޖެހޭ ކަމަށެވެ.
ޝައިނީ އަށް ރައްދުދެއްވާ ރައީސް މައުމޫން ރޭގެ ވަގުތެއްގައި ކުރެއްވި ޓްވީޓްގައި ވިދާޅުވީ ހަގީގަތް ނުބަލާ ބައެއް ބޭފުޅުން އެމަނިކުފާނަށް އަމާޒުކޮށް ފާޑު ވިދާޅުވާތީ ހައިރާންވެވަޑަައިގަންނަވާ ކަމަށާއި އަމިއްލައަށް ފަޟީހަތް ނުވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ޑރ. ޝައިނީގެ ޓްވީޓްގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގާނޫނު ނަންބަރު ފާހަގަކުރައްވާފައިވާތީ އެކަމަށް ރައްދުދެއްވާ ރައީސް މައުމޫން ވިދާޅުވީ އެ ގާނޫނުގެ ވާހަކަ އެމަނިކުފާނު ނުދައްކަވާ ކަމަށެވެ. އޭގެ ބަދަލުގައި ރައީސް މައުމޫންގެ ޓްވީޓްގައި ފާހަގަކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާ ބެހޭ ގާނޫނުގެ ނަންބަރު 2/2009 ނަންބަރެވެ. ރައީސް މައުމޫންގެ ޓްވީޓްގައި ވަނީ މި ގާނޫނުގެ ނަން ފެންނަ ގޮތަށް ސްކްރީން ޝޮޓެއް ވެސް ހިމަނުއްވާފަ އެވެ.
އަމިއްލައަށް ފަލީހަތްވާ ގޮތަށް އެެހެން މީހުންނަށް ރައްދު ނުދެއްވުމަށް މައުމޫން އިލްތިމާސްކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ