ގާނޫންތަކާއި ޚިލާފަށް ފާރިސް މައުމޫން މާފުށީ ޖަލަށް ބަދަލުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތުދިންކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން ދޫނިދޫ ޖަލުން މާފުށީ ޖަލަށް ބަދަލުކޮށްފިއެެވެ.
ފާރިސް މައުމޫން ދޫނިދޫ ޖަލުން މާފުށީ ޖަލަށް ބަދަލުކޮށްފައިވަނީ މިއަދު ހަވީރު 4:30 ގައެވެ.
ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ފާރިސް މައުމޫންގެ ގާނޫނީ ވަކީލު އަލްއުސްތާޒު މައުމޫން ހަމީދު ވިދާޅުވީ ފާރިސް މައުމޫން ދޫނިދޫ ޖަލުން މާފުށީ ޖަލަށް މިއަދު ބަދަލުކޮށް އެކަން އަންގާފައިވާކަމަށެވެ.
ނަމަވެސް ފުލުހުންގެ އެ އަމަލަކީ ގާނޫންތަކާއި ޚިލާފު އަމަލެއްކަމަށާ ކުށެއްގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހަކު ކަރެކްޝަނަލް ސާރވިސްއިން ބަލަހައްޓަމުންދާ ކުށްވެރިން ތިބޭ ޖަލަކަށް ބަދަލުނުކުރެވޭނެކަމަށެވެ.
ޖަލުތަކާއި ޕެރޯލްގެ ގާނޫނުގައި ޖަލުތައް ގިންތިކޮށްފައިވާކަމަށާ އަދި އެ ޖަލުތަކުގައި ބޭއްތިއްބޭނީ ކޮންކޮން ބައެއްކަން ބަޔާންކޮށްފައިވާކަމަށެވެ.
މައުމޫން ވިދާޅުވީ ކްރިމިނަލް ކޯޓުން ފާރިސް މައުމޫން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށްކުރި އަމުރުންވެސް އެއީ އަދި ތަހުގީގުކުރަމުންދާ މައްސަލައެއްކަން ސާފުކޮށް އިނގޭކަމަށާ އެހެންކަމުން މާފުށީ ޖަލަށް ފާރިސް މައުމޫން ބަދަލުނުކުރެވޭނެކަނަށް މައުމޫން ވިދާޅުވިއެވެ. މައުމޫން ވިދާޅުވީ ފާރިސް މާފުށި ޖަލަށް ބަދަލުކުރާތީ އެކަން މިއަދު ހެނދުނު ކްރިމިނަލް ކޯޓްގެ އިސް ގާޒީގެ ސަމާލުކަމަށް ގެނެސްފައިވާނެކަމަށާ ނަމަވެސް އެކަމުގައި ކޯޓުން އިންސާފު ގާއިމްކޮށްދީފައިނުވާތީ ކަންބޮޑުވެ ހިތާމަ ކުރާކަމަށެވެ.
ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގައި ބުނެފައިވަނީ ތަހުގީގަށް ބަންދުކުރެވޭ މީހުން ބައިތިއްބާނީ ކަސްޓޯޑިއަލް ޖަލެއްގައިކަމަށާ، ތަހުގީގުނިމި ޝަރީއަތް ފެށުމުގެ ކުރިން، ނުވަތަ ޝަރީއަތް ފެށި ހުކުމްކުރުމުގެ ކުރިން، ކޯޓް އަމުރެއްގެ ދަށުން ބަންދުކުރާ މީހުން ރިމާންޑް ޖަލެއްގައި އަދި ޝަރުއީ ހުކުމެއް ތަންފީޒުކުރަމުންދާ މީހުން ބައިތިއްބަންވާނީ އާންމު ޖަލެއްގައިކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ