ޖޭޕީން މަޖިލީހުގެ ރައީސްކަމާ އުޅުމުގެ ބޭނުމެއް ނެތް: ރިޔާޒު

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމު ހޯދަން ޖުމްހޫރީ ޕާޓީން މަސައްކަތް ކުރުމުގެ ބޭނުމެއް ނެތް ކަމަށް ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެ އެވެ.
19 ވަނަ މަޖިލީހުގެ ސުޕާ މެޖޯރިޓީ އެމްޑީޕީއަށް ލިބި، މަޖިލީހުގެ ރައީސްގެ މަގާމުގައި އިންނަންވާނީ އެމްޑީޕީގެ މެންބަރެއް ކަމަށް އެޕާޓީން ބުނަމުންދާއިރު، ސަރުކާރު ވެރިކަަމަށް އައުމަށް ހަދާފައިވާ ކޯލިޝަން އެއްބަސްވުމުގައިވާ ގޮތުން މަޖިލީހުގެ ރައީސްގެ މަގާމު ފުރަންވާނީ ޖުމްހޫރީ ޕާޓީންނެވެ.
މަޖިލީހުގެ މިހާރުގެ ރައީސް އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް އެމަގާމު މިހާރު ފުރުއްވަމުން ގެންދަވަނީވެސް އެ އެއްބަސްވުމުގެ ދަށުންނެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން 19 ވަނަ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ ގޮނޑި ކަމިޔާބު ކުރެއްވި އަބްދުﷲ ރިޔާޒު ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން ހަދާފައިވާ އެއްބަސްވުމުގައި ވާގޮތުން ނަމަ، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ލިބެންވާނީ ޖުމްހޫރީ ޕާޓީގެ މެމްބަރަކަށެވެ. ނަމަވެސް އެ މަގާމު ހޯދަން މިހާރު ޖުމްހޫރީ ޕާޓީން މަސައްކަތް ކުރުމުގެ ބޭނުމެއް ނެތް ކަމަށް ރިޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަޖިލިސް އިންތިޚާބުގައިވެސް ހަތަރު ޕާޓީ އެއްކޮށް ވާދަކުރުމަށް އެއްބަސްވުމެއް ހަދާފައިވާ ކަމަށާ އެ އެއްބަސްވުމުގައި މަޖިލީހުގެ ރައީސަކަށް ހުންނަންވާނީ ޖޭޕީގެ މެންބަރެއް ކަމަށް ބުނެފައިވާ ކަމަށެވެ. އަދި އެ އެއްބަސްވުމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުވެސް ސޮއިކުރައްވަފައިވާ ކަމަށް ރިޔާޒު ވިދާޅުވި އެވެ.
އެ އެއްބަސްވުމާ ޚިލާފަށް އެމްޑީޕީން ވަކިން މަޖިލިސް އިންތިޚާބުގައި ވާދަކޮށްފައިވާ ކަމަށާއި އެއްބަސްވުމަށް އަމަލުކުރާނެތޯ ނުވަތަ ނޫންތޯ ނިންމާނީ އެމްޑީޕީން ކަމަށްވެސް ރިޔާޒު ވިދާޅުވި އެވެ.
19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓި އެމްޑީޕީއަށް ލިބިފައިވާއިރު މިހާރުވެސް އެޕާޓީގެ މެމްބަރުން މަޖިލީހުގެ ރައީސްގެ މަގާމަށް ޝައުގުވެރިކަން ފާޅުކުރައްވަމުން ގެންދަވާކަން ރިޔާޒު ފާހަގަކުރެއްވި އެވެ. އެހެންވީމާ ޖުމްހޫރީ ޕާޓީންވެސް އަދި އެހެން ޕާޓިއަކުން ވިޔަސް އެ މަގާމު ހޯދަން މަސައްކަތްކުރުމުގެ ބޭނުމެއް މިހާރު ނެތް ކަމަށްވެސް ރިޔާޒު ވިދާޅުވި އެވެ.
19 ވަނަ މަޖިލީހުގެ ރައީސްގެ މަގާމަށް ވަޑައިގަތުމަށް އެމްޑީޕީގެ ފަސް ބޭފުޅަކު މިހާތަނަށް ވަނީ ޝައުގުވެރިކަން ފާޅުކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ