ދިވެހި ގައުމު މިއަދު މިއޮތް ހާލަތު އިތުރަށް ތަކުރާރުވާން ބޭނުން ނުވާ ކަމަށް ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު އަބްދުﷲ ކަމާލުއްދީން ވިދާޅުވެއްޖެ އެވެ.
އަބްދުﷲ މިހެން ވިދާޅުވީ ރޭ ވީއެފްއެމް އިން ގެނެސްދިން "ޖޭޕީން ރައްޔިތުންނާއި ގާތަށް" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.
އަބްދުﷲ ވިދާޅުވީ މިއަދު ގައުމު މިއޮތީ ވަރަށް ދަތި އުދަނގޫ ހާލަތެއްގައި ކަމަށާއި ރައްޔިތުންގެ ތެރޭގައި ބޮޑެތި ތަފާތުކުރުންތަކާއި ހިޔާލު ތަފާތުތައްވެސް އެބަހުރި ކަމަށެވެ. ހިޔާލު ތަފާތުވުންތަށް ހުރި ކަމުގައިވީ ނަމަވެސް ގައުމަށް މިހާރު ދިމާވެފައިވާ މައްސަލަ ހައްލު ކުރުމަށް އެންމެން އެކަތި ގަނޑަކަށް ވާން ޖެހޭނެ ކަމަށްވެސް ވިދާޅުވި އެވެ.
އަބްދުﷲ ކަމާލުއްދީން ވިދާޅުވީ މިއަދު މި ގައުމު މިއޮތީ ވަރަށް ދަށު ދަރަޖައަކަށް ވެއްޓިފައި ކަމަށާއި މިއީ ދިވެހި އެއްވެސް ރައްޔިތަކު ބޭނުންވާނެ ހާލަތެއް ނޫން ކަމަށެވެ.
"މި ލޮބުވެތި ދިވެހި ގައުމު މިހާރު ވެއްޓިފައި މިއޮތް ދަށު ދަރަޖައަށް ނުވެއްޓި އެކަކު އަނެކަކަށް އިހްތިރާމްކޮށް ގައުމެއްގެ ގޮތަށް ކުރިއަށްދެވޭނެ ގޮތްތަކަކީ ކޮބައިތޯ ބަލަން ހުރިހާ ރައްޔިތުން މިއަދު މަސައްކަތް ކުރަންޖެހޭނެ. ގައުމު އިސްލާހު ކުރުމަކީ ތިމަންނާ ކުރަންޖެހޭނެ ކަމެއް ނޫނޭ ކިޔައިގެން ނުތިބެ އެބަޔަކު ބޭނުންވާ ކޮޅެއް ނަގައި ގައުމު ކޮޅަށް ޖެހުމުގެ މަސައްކަތް ފެށުމުން ނޫނީ ގައުމުގައި ސުލްހަމަސަލަސްކަން ގާއިމެއް ނުވާނެ،" އަބްދުﷲ ވިދާޅުވި އެވެ.
މިއަހަރަކީ ރިޔާސީ އިންތިހާބު އޮތް އަހަރު ކަން ފާހަގަކުރައްވަމުން އަބްދުﷲ ކަމާލުއްދީން ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން އަމަލު ކުރަމުންދާ ގޮތުން ޖޭޕީއާއި އަދި ގުޅިފައިވާ އެހެން ޕާޓީތަކަށްވެސް ބޮޑެތި ތަކުލީފުތަކަކާއި އުދަނގޫތަކެއް ތަހައްމަލް ކުރަން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ސަރުކާރުގެ އެއްވެސް މުއައްސަސާއަކުން އެ މުއައްސަސާއަކާ އެއްވެސް ރައްޔިތަކާ އަދި އެއްވެސް ޕާޓިއަކާ ދެކޮޅުވެރިކަމުގެ ރޫހެއް އޮވެގެން ނުވާނެ ކަމަށެވެ.
ސަރުކާރަކީ އެންމެންވެސް ހިދުމަތް ކުރަން އޮތް ތަނެއް ކަން ފާހަގަކުރައްވަމުން އަބްދުﷲ ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުގެ ކަމަކަށް ވާން ޖެހޭނީ ހުރިހާ ސިޔާސީ ޕާޓީތަކާއި ރީތި ގުޅުމެއް އުފައްދާ އެ ގުޅުން ދަމަހައްޓަން މަސައްކަތް ކުރުން ކަމަށެވެ. ސަރުކާރުގެ ހުރިހާ މުއައްސަސާއަކުން މަސައްކަތް ކުރަން ޖެހޭނީ ރައްޔިތުންގެ މެދުގައި އެ މުއައްސަސާއަކާ މެދު އިތުބާރު އުފައްދައި އެ އިތުބާރު ދަމަހައްޓަން ކަމަށްވެސް ވިދާޅުވި އެވެ. ނަމަވެސް މިހާރު ދައުލަތުގެ މުއައްސަސާތަކުން އަމަލު ކުރަމުންދާ ގޮތުން ރައްޔިތުންގެ މެދުގައި އެ މުއައްސަސާތަކަށް އިތުބާރު ގެއްލިފައިވާ ކަމަށާ މުއައްސަސާތަކަށް ފާޑުކިޔުންތައް އަމާޒުވާނީ އެހެންވެގެން ކަމަށްވެސް ވިދާޅުވި އެވެ.
ކުރިން ވަޒީރުކަންވެސް ކުރައްވާފައިވާ އަބްދުﷲ ކަމާލުއްދީން ވިދާޅުވީ މީގެކުރިން ބޭރު ދުނިޔޭގައި ރާއްޖެ ސިފަވެފައިވަނީ ވަކި އަތަކަށް އަދި ވަކި ފަރާތަކަށް ނުޖެހި ހުރިހާ ކަމެއްގައިވެސް އެންމެ އެދެވޭ ސާފު ސީދާ ގޮތުގައި ކަންކަން ނިންމާ ގައުމެއްގެ ގޮތުގައި ކަމަށެވެ. އެހެންނަމަވެސް މިއަދު ފެނިގެންދަނީ މި ސަރުކާރުން ވަކި ގައުމުތަކަކާއި ގުޅުން ކަނޑާލައި ވަކި ވަކި ގައުމުތަކަކަށް ފައިދާ ހޯދައިދިނުމަށް މަސައްކަތް ކުރަމުން ގެންދާ މަންޒަރު ކަމަށްވެސް ވިދާޅުވި އެވެ.
އަބްދުﷲ ވިދާޅުވީ މިއަދުގެ ސަރުކާރުން ޗައިނާއަށް ފައިދާ ހޯދައިދިނުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށާއި މިއީ އެހެން ގައުމުތަކުން ރާއްޖެއަށް ލިބެން އޮތް އެހީ ނުލިބި ރައްޔިތުންނަށް އެކަމުގެ ގެއްލުން ލިބޭނެ ކަމެއް ކަމަށެވެ. އަދި ވިދާޅުވީ ކޮމަންވެލްތުގެ ގައުމުތަކުން ރާއްޖެ ވަކިވުމުން ރާއްޖޭގައި ތިބި ޒުވާން ކިޔަވާ ކުދިންނާއި ކުޅިވަރުގެ ތެރޭގައި އުޅޭ ޒުވާނުންނަށް އެތައް ފުރުސަތެއް ގެއްލިގެން ގޮސްފައިވާ ކަމަށެވެ.
އަބްދުﷲ އިތުރަށް ވިދާޅުވީ ރާއްޖެއާއި ގުޅުން ބާއްވަން ބޭނުން ހުރިހާ ގައުމަކާއި އެކު ވަކި ހަމަހަމަ ކަމެއް ގެންގުޅެން ޖެހޭނެ ކަމަށާއި އެގޮތަށް އަމަލުނުކުރެވޭނަމަ ވަކި ގައުމަކުން މި ރާއްޖެއަށް ބާރު ހިންގަން ފަށާނެ ކަމަށެވެ. އެއްވެސް ގައުމެއްގެ ދަށު ނުވާ ގޮތަށް ކަންކަން ސަރުކާރުން ބަހައްޓަން ޖެހޭނެ ކަމަށާ ނަމަވެސް މިހާރު ރާއްޖޭގެ ހާލަތު ހުރި ގޮތުން ރާއްޖޭގެ މިނިވަން ކަމާ އިސްތިގުލާލު ގެއްލިދާނެތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށްވެސް އަބްދުﷲ ވަނީ ވިދާޅުވެފަ އެވެ.
މިހާލަތު އިތުރަށް ތަކުރާރުވާކަށް ބޭނުމެއް ނޫން: އަބްދުﷲ ކަމާލުއްދީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ