ދިރިއުޅުއްވަމުން ގެންދެވި އެޕާޓްމަންޓުން ފިސްތޯލައެއް ފެނުނު މައްސަލާގައި ޖަލަށްލުމަށް ހުކުމްކޮށްފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން މިރޭ ބާތިލްކޮށްފި އެވެ.
ނާޒިމު 11 އަހަރަށް ޖަލަށް ލުމަށް ކޮށްފައިވާ ހުކުމް މުރާޖައާކުރުމަށް ސުޕްރީމް ކޯޓުން ނިންމީ ނާޒިމު އެކަމަށް އެދިވަޑައިގެން ސުޕްރީމް ކޯޓަށް ހުށަހެޅުއްވުމުންނެވެ.
ނާޒިމުގެ މައްސަލަ މުރާޖައާކުރުމަށް ސުޕްރީމް ކޯޓުގައި ބޭއްވި ހަމައެކަނި އަޑުއެހުން ބާއްވާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހު އެވެ.
މުރާޖައާ ކުރުމުގެ މިމައްސަލާގައި ސުޕްރީމް ކޯޓުން ވަކިގޮތެއް ނިންމަންދެން ނާޒިމުގެ ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް މިދިޔަ މަހުގެ ހަތަރުވަނަ ދުވަހު ސުޕްރީމް ކޯޓުން ވަނީ އަމުރުވެސް ކޮށްފަ އެވެ.
ސުޕްރީމް ކޯޓުން މިއަމުރު ނެރުނު އިރު ނާޒިމު ހުންނެވީ ބޭސް ފަރުވާއަށް ރާއްޖޭން ބޭރުގަ އެވެ.
ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށުގައި 2015 ވަނަ އަހަރުގެ މާޗް މަހުގެ 27 ވަނަ ދުވަހުގެ ރޭ ކާނަލް ނާޒިމް 11 އަހަރަށް ޖަލަށް ލުމަށް ކުރިމިނަލް ކޯޓުން ހުކުމް ކުރީ، ނާޒިމް ދިރިއުޅުއްވި ގ. އެނިފްގެ ކޮޓަރިއަކުން ފެނުނު ހަތިޔާރާއި ގޮވާތަކެއްޗަކީ އޭނާގެ ތަކެތި ނޫންކަން ސާބިތުކޮށް ނުދެވުނު ކަމަށް ކަނޑައެޅުމަށްފަހު އެވެ.
ކާނަލް ނާޒިމްގެ މައްސަލާގައި ދަށު ކޯޓުންނާއި ހައިކޯޓުން ކުރި ހުކުމަށް ތާއީދުކޮށް ސުޕްރީމް ކޯޓަށް ފުރަތަމަ ހުށަހެޅި އިސްތިއުނާފު މައްސަލަ ބަލައި ނުގަތުމަށް އެކޯޓުން ނިންމީ 2016 ވަނަ އަހަރުގެ ޖޫން މަހުގެ 26 ވަނަ ދުވަހު އެވެ.
ސުޕްރީމް ކޯޓަށް އެމައްސަލަ ހުށަހެޅި އިރު އޭރު ނާޒިމްގެ ކޮޓަރިން ފެނުނު ފިސްތޯލައިން ކުރީގެ ނައިބް ރައީސް އަހްމަދު އަދީބުގެ ޑީއެންއޭ ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވާތީ އެކަންވެސް ނާޒިމްގެ ވަކީލުން ފާހަގަކޮށްފައިވެ އެވެ. އަދި އަދީބުވެސް ވަނީ ނާޒިމް ފުރޭމްކޮށްފައިވާ ކަމަށް ވިދާޅުވެ އެކަން ހިނގާދިޔަ ގޮތް ހާމަކޮށްދެއްވަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެ ސުޕްރީމް ކޯޓަށް އޭރު ސިޓީއެއް ފޮނުއްވާފަ އެވެ.
ނާޒިމުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން މިރޭ ބާތިލްކޮށްފައިވާއިރު ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭޭފާނު ޖަލަށްލުމަށް މީގެކުރިން ކޮށްފައިވާ ހުކުމްތައް ވެސް ސުޕްރީމް ކޯޓުން ވަނީ ބާތިލްކޮށްފަ އެވެ.
-- ތަފްސީލް އަންނަނީ --
ކާނަލް ނާޒިމުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާތިލްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ