ރާއްޖޭގެ ރިސޯޓުތަކަށް ރަލާއި އޫރުމަސް އެތެރެކޮށް އެތަކެތި ވިއްކުން މަނާކުރުމަށް ގޮވާލާ ގަރާރެއް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހަޅައިފި އެވެ.
އިއްޔެ އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ ޖަލްސާއަށް ޖާބިރު ހުށަހެޅި ގަރާރުގައި، ރަލާއި އޫރުމަސް އެތެރެކޮށް ވިއްކާ ފަރާތްތަކުގެ ހުއްދަ ވަގުތުން ބާތިލްކޮށް، އެތަކެތީގެ ވިޔަފާރި ކުރުމަކީ ރާއްޖޭގައި މަނާކަމެއްގެ ގޮތުގައި ކަނޑައެޅުމަށް ވަނީ ގޮވާލައިފަ އެވެ.
ރާއްޖެ އަކީ ސައްތައިން ސައްތަ މުސްލިމް ގައުމަކަށް ވީ ހިނދު، އިސްލާމް ދީނުގައި ހަރާމް ކަމަށް ކަނޑައަޅާފައިވާ އެއްވެސް ކަމެއް ގާނޫނު އަސާސީއާ ގާނޫނުތަކާ ހިލާފަށް ކުރުމަށް ހުއްދަ ދިނުމަކީ ކުރެވިގެންވާނެ ކަމެއް ނޫން ކަމަށް ޖާބިރުގެ ގަރާރުގައި ވެއެވެ.
އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް 40 އަހަރު ވީއިރު، ވިޔަފާރީގެ ނަމުގައި އެއްވެސް ފަރާތަކަށް ރަލާއި އޫރުމަސް ވިއްކުމުގެ ހުއްދަ ދިނުމަކީ ސަރުކާރަށް ކުރެވޭނެ ކަމެއް ނޫންކަމަށް އެ ގަރާރުގައި ވެއެވެ.
ޖާބިރު މިފަދަ ގަރާރެއް ހުށަހަޅާފައި މިވަނީ، ރަލާއި އޫރުމަސް ރާއްޖޭގެ ރިސޯޓްތަކުގައި ވިއްކާ އިރު ކެސީނޯއެއް ރާއްޖޭގައި އެޅުމުގެ ހުއްދަ ނުދެނީ ކީއްވެތޯ ދާދި ފަހުން ޓޫރިޒަމް މިނިސްޓަރާއި ސުވާލުކޮށްފައި ވަނިކޮށެވެ.
މިމަހުގެ ދިހަ ވަނަ ދުވަހު ޓޫރިޒަމް މިނިސްޓްރީގެ އިސްވެރިން ވަނީ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ހާޒިރުކޮށްފަ އެވެ.
ކޮމިޓީގައި ކާށިދޫ ދާއިރާގެ މެންބަރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ރާއްޖޭގެ ގާނޫނު އަސާސީގެ ދަށުން ރާއްޖޭއަކީ ސައްތައިން ސައްތަ މުސްލިމު ގައުމެއް ކަމަށާއި މިއަދުގެ ސަރުކާރުން ރާއްޖޭގައި ކެސިނޯ ނާޅާނެ ކަމަށެވެ.
ބަނގުރަލާއި އޫރު މަސް އިސްލާމް ދީނުގައި ހަރާމް އެއްޗަކަށް ވާއިރު، ރިސޯޓުތަކުގައި އެ އެއްޗެހި ވިއްކަނީ ކީއްވެގެންތޯ ޖާބިރު ސުވާލު ކުރެއްވުމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، އެކަން ކުރަނީ ގާނޫނުތަކުން އެކަން ކުރުމަށް ތަންދޭތީ ކަމަށެވެ.
ރާއްޖޭގައި ބަނގުރަލާއި އޫރުމަސް އަދި އޫރުމަހުން އުފައްދާ ތަކެތި އެތެރެކުރެވެނީ، ދިވެހިރާއްޖެ ގެނައުން މަނާ ތަކެތީގެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުގެ ދަށުން ދޫކުރާ ހާއްސަ ހުއްދައެއް ނަގައިގެންނެވެ. އެ ހުއްދަ ދޫކުރާ ފަރާތްތަކުގެ ތެރޭގައި ރިސޯޓުތަކާއި ސަފާރީތަކާއި ޑިއުޓީ ފްރީ ވިޔަފާރިތައް ހިމެނެއެވެ.
ރަލާއި އޫރުމަސް މަނާކުރުމަށް ގޮވާލާ ގަރާރެއް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ