ޑަބްލިއުއެލްޓީ އަށް ފައިސާ ދެއްކީ ކުންފުނީގެ ބޯޑުން ފާސްކުރި ގޮތަށް: އޭޖީ

ވިލާ ގުރޫޕުގެ ކުންފުންޏެއް ކަމަށްވާ ވޯލްޑް ލިންކް ޓްރެވަލްސް (ޑަބްލިއުއެލްޓީ)އަށް ފައިސާ ދައްކަން ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމާ އެއްގޮތަށް 130 މިލިއަން ރުފިޔާ ދައުލަތުން ދެއްކީ، އެ ކުންފުނީގެ ބޯޑުން ފާސްކުރި ގޮތަށް ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ. ޑަބްލިއުއެލްޓީން ދައުލަތާ ދެކޮޅަށް ދައުވާކުރީ ސަރުކާރު ކުންފުނިތަކެއް ގުޅިގެން އުފެއްދި އެއާޕޯޓް އިންވެސްޓްމަންޓް މޯލްޑިވްސް (އެއިމްސް) ކުންފުނިން ރިސޯޓް ހެދުމަށްޓަކައި ޑަބްލިއުއެލްޓީ އަށް ތިން ރަށެއް ދޭން 2007 ގައި އެއްބަސްވުމަށް ފަހު، އެ ރަށްތައް ދީފައި ނުވާތީ ގެއްލުމުގެ ބަދަލު ހޯދުމަށެވެ. އެ މައްސަލައިގައި މިދިޔަ މާޗް 28 ގައި ސުޕްރީމް ކޯޓުން ހުކުމް ކުރީ، 29 މިލިއަން ޑޮލަރު ދައުލަތުން ޑަބްލިއުއެލްޓީއަށް ދައްކަން ޖެހޭ ކަމަށެވެ. ނަމަވެސް އެ އަދަދު ދައުލަތާއެކު ކޯޓުން ބޭރުގައި މަޝްވަރާކޮށް 15 މިލިއަން ޑޮލަރަށް ވަނީ ކުޑަކޮށްފަ އެވެ. އަދި މި މަހުގެ އަށް ވަނަ ދުވަހު ދައުލަތުން ވަނީ ވިލާ ކުންފުނީގެ ފަރާތުން ދައުލަތަށް ދައްކަން ހުރި ޓެކްސް ފައިސާ އާއި ޖޫރިމަނާ އުނިކޮށް ބާކީވާ، 5.6 މިލިއަން ޑޮލަރު ޑަބްލިއުއެލްޓީއަށް ދައްކައި ޚަލާސްކޮށްފައެވެ. ޑަބްލިއުއެލްޓީގެ މެނޭޖިން ޑައިރެކްޓަރު އަހުމަދު ޝަރީފް (ސައިރިކްސް ޝަރީފް) ވަނީ ދައުލަތާއި ޑަބްލިއުއެލްޓީ އިން އެއްބަސްވުމަކަށް އައީ ޑަބްލިއުއެލްޓީ އަށް އެނގުމަކާ ނުލައި ކަމަށް ބުނެފައެވެ. އެ ކުންފުނީގެ 90 ޕަސެންޓު ހިއްސާދާރަކީ ވިލާ ގްރޫޕުގެ ލީޑަރު ގާސިމް އިބްރާހީމެވެ. ޝަރީފްގެ ހިއްސާ އަކީ 10 ޕަސެންޓެވެ. ޝަރީފް އިއްޔެ ކުރި ޓުވީޓެއްގައި ވިދާޅުވީ ޑަބްލިއުއެލްޓީއަށް ދައުލަތުން ދޭންޖެހޭ ބަދަލާއި، އެޑްވާންސްގެ ގޮތުގައި ދެއްކި ފައިސާ ދެއްކުމަށް ކޯޓުން ހުކުމް ކުރީ ވިލާ ހޮޓެލްސް އިން ދައުލަތަށް ދައްކަން ޖެހޭ ފައިސާ ސެޓުލް ކުރާ ގޮތަށް ނޫން ކަމަށެވެ. "އެހެންކަމުން ޑަބްލިއުއެލްޓީ އަށް ދައްކަންޖެހޭ ފައިސާ ޑަބްލިއުއެލްޓީގެ އެކައުންޓަށް ޖަމާކޮށްދެއްވުން އެދެން. އަދި އެއީ ގާނޫނީ ވަކި ޝަހުސެއް،" ޝަރީފް ވިދާޅުވިއެވެ. އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު ޓެގު ކުރައްވައި ޝަރީފް ކުރެއްވި އިތުރު ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ސަރުކާރުން ޑަބްލިއުއެލްޓީގެ މައިނޯރިޓީ ލީޑަރަށް އެންގުމަކާ ނުލައި ވިލާ ހޮޓެލްސްގެ ޓެކްސް ބިލްތައް ހަމަޖެއްސުމަކީ ކަނޑައެޅިގެން ކޮށްފައިވާ ހުކުމާއި ކުންފުނީގެ ގާނޫނާއި ޚިލާފު އަމަލެއް ކަމަށެވެ. "އެހެންކަމުން އެކަން ކުށްވެރި ކުރަން،" އޭނާ ވިދާޅުވިއެވެ. ޝަރީފް ވަނީ ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައިވާ ފައިސާއާ ބެހޭ ގޮތުން ސަރުކާރުން އެ ކުންފުނީގެ ބޯޑާއެކު މަޝްވަރާ ކޮށްފައި ނުވާކަމަށެވެ. އެހެން ނަމަވެސް އޭޖީ އޮފީހުގެ މީޑިއާ ޑިރެކްޓަރު ހުސައިން ހަސަން މިއަދު 'ސަން' އަށް ވިދާޅުވީ ދައުލަތުން ޑަބްލިއުއެލްޓީ އަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން ވިލާ ޝިޕިން އިން ދައުލަތަށް ދައްކަންޖެހޭ ޓެކްސް އަދި ޖޫރިމަނާ ފައިސާ އުނިކޮށްފައި ވަނީ އެ ކުންފުނީގެ ބޯޑުން އެކަމަށް އިއުތިރާޒު ނުކުރާކަން އެންގުމުން ކަމަށެވެ. "ސުޕްރީމް ކޯޓުގެ ހުކުމުން ޑަބްލިއުއެލްޓީ އަށް ސަރުކާރުން ދައްކަންޖެހޭ ފައިސާގެ ތެރެއިން ވިލާ ޝިޕިން އިން ދައުލަތަށް ދައްކަންޖެހޭ ޓެކްސް އާއި ޖޫރިމަނާ ފައިސާ އުނިކޮށްފައި ވަނީ، އެގޮތަށް ކަނޑައެޅުމާ މެދު އިއުތިރާޒު ނުކުރާ ކަމަށް ޑަބްލިއުއެލްޓީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ގަރާރެއް ފާސްކޮށް، އޭޖީ އޮފީހަށް ހުށަހަޅުއްވާފައިވާތީ،" ހުސައިން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ