ގައްދޫ ރަޝީދު އެދެނީ ދާއިރާގެ މުސްތަގުބަލު މަދު ފައިސާ ކޮޅަކަށް ނުވިއްކުމަށް!

ގައްދޫ ދާއިރާގެ މުސްތަގުބަލު މަދު ފައިސާކޮޅަކަށް ނުވިއްކުމަށް އެ ދާއިރާ މެމްބަރު އަދި އިދިކޮޅު ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީ (ޕީއެންސީ) ގެ އެ ދާއިރާ ކެންޑިޑޭޓު އަހްމަދު ރަޝީދު އެ ދާއިރާގެ ރައްޔިތުންނަށް އިލްތިމާސް ކުރައްވައިފިއެވެ. ގައްދޫ ދާއިރާއަށް ދެވަނަ ދައުރަކަށް ވާދަ ކުރައްވާ ރަޝިދު "ސަން"އަށް ވިދާޅުވީ، ބައެއް ކެންޑީޑޭޓުން ރިޝްވަރުގެ ހުތުރު އަމަލު ހިންގަމުންދާ ކަމަށާއި އޭގެ ޝިކާރައަކަށް ގައްދޫ ދާއިރާ ރައްޔިތުން ނުވުމަށް ރަޝީދު އިލްތިމާސް ކުރެއްވިއެވެ. "ދާއިރާގެ ރައްޔިތުންގެ ކިބައިން އެދެން ބޭނުންވަނީ، ދާއިރާގެ މުސްތަގުބަލު ވިއްކާ ނުލުމަށް. އިހުލާސްތެރިކަމާއެކު ދާއިރާގެ ތަރައްގީއަށްޓަކައި ރަޝީދުގެ ފަސް އަހަރު ކޮށްފައިވާ މަސައްކަތްތައް ބަލައިގަތުމަށް،" ރަޝީދު ވިދާޅުވިއެވެ. "މީހަކު ދިއްކޮށްލާ ފައިސާކޮޅަކަށް ނޫން ވިސްނަންވީ. ވިސްނަންވީ ދަރިންނާއި ދަރިންގެ މުސްތަގުބަލަށް. އެހެން ނޫންނަމަ ދާއިރާ ދާނީ އަނެއްކާވެސް 15 އަހަރު ފަހަތަށް،" ރަޝީދު ވިދާޅުވީ، ގައްދޫ ދާއިރާގެ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގާބިލު ކެންޑީޑޭޓަކީ އޭނާ ކަމަށާއި ކުރިއަށް އޮތްތަނުގައިވެސް ދާއިރާއަށް މަސައްކަތްތަކެއް ކޮށްދެވޭނީ އޭނާއަށް ކަމަށެވެ. "ރަޝީދަށް، ކެންޑިޑޭޓު ނަންބަރު ތިނަކަށް ފުރުސަތު ދެއްވާ. އަޅުގަނޑަށް ވޯޓު ދީގެން ދާއިރާ ތަރައްގީ ކުރެވެން އޮތީ. އަޅުގަނޑަކީ ސަރުކާރާ ގުޅިގެން މަސައްކަތް ކުރެވޭނެ މީހެއް،" ރަޝީދުގެ ފަހު ބަހެއްގެ ގޮތުން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ