މިނިވަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ޚިޠާބެއް ދެއްވާ، އެ ޚިޠާބުގައި މިނިވަން ދުވަހާއި ގުޅޭ ބައެއް މައުލޫމާތުތައް އޮޅުވާލައްވާ، އިތުރުފުޅު ހައްދަވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގައި ބައެއް ފަރާތްތަކުން ދޮގު ހަދާކަމަށް ވިދާޅުވެ އެމައްސަލަތައް ނަޝީދުގެ އަމުރަށް ތަޙްޤީޤު ކުރަމުންދާ ދަނޑިވަޅެއްގައި ނަޝީދު ދެއްވި ޚިޠާބުގައި ވިދާޅުވީ "މިއަދުގެ ޤާނޫނު އަސާސީގައި މިދުވަސް މިނިވަން ދުވަހުގެ ގޮތުގައި މިއޮތީ ސާފު އިބާރާތުން ކަނޑައެޅިފައި" ކަމަށެވެ.
މިނިވަން ދުވަސް ޤާނޫނު އަސާސީގައި ކަނޑައެޅި ލިޔެވިފައި އެބައޮތް ކަމަށް ނަޝީދު ވިދާޅުވި ނަމަވެސް ޤާނޫނު އަސާސީގައި މިނިވަން ދުވަހަކީ ކޮބައިކަން ބަޔާން ކޮށްފައެއް ނޯވެއެވެ. ޤާނޫނު އަސާސީގައި ބަޔާން ކޮށްފައި އޮންނަ ހަމައެކަނި ދުވަހަކީ ގައުމީ ދުވަހެވެ. ގައުމީ ދުވަސް ކަމަށް ޤާނޫނު އަސާސީގެ 15 ވަނަ މާއްދާގައި ބުނެފައި އޮންނަނީ ރަބީއުލްއައްވަލް މަހުގެ އެއްވަނަ ދުވަހެވެ.
ނަޝީދުގެ ޚިޠާބުގައި ވިދާޅުވީ މިނިވަން ދުވަސް ރާއްޖެ އިން ފާހަގަ ކުރަމުން އަންނަނީ އިނގިރޭސިވިލާތުގެ "ހިމާޔަތުގެ އެގްރީމެންޓަށް" ބަދަލުތައް ގެނައި ދުވަސްތައް ފާހަގަ ކުރުމުގެ ގޮތުން ކަމަށެވެ.
މިނިވަން ދުވަހުގެ ގޮތުގައި ރާއްޖެ އިން ފުރަތަމަ ފާހަގަ ކުރީ 24 އޭޕްރީލް 1948 ކަމަށާއި އެއީ ހިމާޔަތުގެ އެގްރީމެންޓަށް ބަދަލުތަކެއް އައި ދުވަހެއް ކަމަށް ނަޝީދު ވިދާޅުވިއެވެ. އެދުވަހުގެ ބަދަލުގެ ސަބަބުން އިނގިރޭސިވިލާތަށް ރާއްޖެ އިން ދައްކަމުން އައި ޖިޒީ ކަނޑާލެވުނު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
1976 ގައި 29 މާޗް އެއީ މިނިވަން ދުވަސް ކަމަށް ފާހަގަ ކުރަން ފެށި ކަމަށާއި ނަމަވެސް 1978 ވަނަ އަހަރު މައުމޫން ވެރިކަމަށް އައިސް އަނެއްކާވެސް ޖުލައި 26 ވަނަ ދުވަހަކީ މިނިވަން ދުވަސް ކަމަށް ނިންމި ކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ މިއަދު ފާހަގަ ކުރަނީ ސިޔާސީ މިނިވަންކަން ކަމާއި އެހެން ގައުމެއްގެ އިސްތިއުމާރުގައި ރާއްޖެ ނެތުން ކަމަަށެވެ.
"އެނގިވަޑައިގަންނަވާނެ މި ދުނިޔެއަކީ ލާމެހިފައިވާ ދުނިޔެއެއް. މިއަދުގެ ދުނިޔޭގައި އެއް ގައުމާއި އަނެއް ގައުމާ ގުޅިގެން ނޫނިއްޔާ ގައުމެއްގެ ރައްޔިތެއްގެ ތަރައްގީ ހޯދަން ވަރަށް ދަތިވާނެ. ދިވެހިރާއްޖެއަކީ އދ. ގެ މެމްބަރެއް. އަދި ދިވެހިރާއްޖޭގެ އެހެންވެސް އެތައް ބައިނަލްއަގުވާމީ ޖަމާއަތެއްގެ މެމްބަރެއް. އެހެންވީމާ އޭގެ ސަބަބުން އެހެން ގައުމުތަކާ ގުޅެން ޖެހޭ މިންވަރާއި ގުޅޭ ގުޅުން، އެއީ އަޅުގަނޑުމެންގެ މިނިވަންކަން މިނެކިރުމުގައި މިއަދު ބޭނުންކުރާ އަސްލެއް ނޫން،" ނަޝީދު ވިދާޅުވިއެވެ.
ރާއްޖޭގެ މިނިވަން ދުވަސް ޤާނޫނު އަސާސީގައި ލިޔެފައި އެބައޮތް ކަމަށް ވިދާޅުވެ ނަޝީދު އިތުރުފުޅު ހެއްދެވިއިރު އެމަނިކުފާނު ވަނީ މީގެ ކުރިން ވެސް ވަރަށް ފާޅުކަންބޮޑުކޮށް ފެންނަން ހުރި ކަންކަމުގައި އިތުރުފުޅު ހައްދަވާފައެވެ.
މިނިވަން ދުވަހާއި ގުޅޭ ގޮތުން ނަޝީދު އިތުރުފުޅު ހައްދަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ