މިއަދު ވެސް މޫސުން ގޯސް، ބޮޑު ސަރަހައްދަކަށް ވައިޓް އެލާޓް ނެރެފި

މިހާރު ރާއްޖެ އަށް ކުރަމުންދާ ވިއްސާރަ އަދިވެސް ރަނގަޅު ނުވެ މިއަދު އަނެއްކާވެސް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ބޮޑު ސަރަހައްދަކަށް ވައިޓް އެލާޓް ނެރެފިއެވެ.
މިއަދު ވައިޓް އެލާޓް ނެރެފައި ވަނީ ނ.އަތޮޅާއި ތ.އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާ އިން މިއަދު ހެނދުނު ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ ބައެއް ރަށްތަކަށް ކެރީގެއަސަރު ފޯރާނެ ކަމަށާއި އަދި ގުގުރުން ވެސް އެކަށީގެންވާ ކަމަށެވެ.
ހުޅަނގާއި ހުޅަނގު އުތުރުން މެދުތެރެއާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާ 25 މޭލާދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި އަދި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 20 މޭލު ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ. މީގެ އިތުރުން ކެރިގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލުބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވެއެވެ.
މިއަދާއި މިރޭ ވެސް ރާއްޖޭގެ ހުރިހާ ހިސާބެއްގެ ކަނޑުތައްވެސް އާއްމުގޮތެއްގައި ގަދަވާނެ ކަމަށް ލަފާކުރެވެއެވެ.
ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭތީ، އާއްމުކޮށް ހުރިހާ ފަރާތްތަކުން، ވަކިން ޙާއްސަކޮށް ކަނޑު ދަތުރުފަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ޙާއްސަ ސަމާލުކަމެއް ދެއްވުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން އިލްތިމާސް ކުރައްވައެވެ.
ދިޔަވަރު އެންމެ ބޮޑުވާ ގަޑީގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުމަކީ އެކަށީގެންވާކަމެއް ކަމަށް ވާތީ އެކަމަށް ސަމާލުވުމަށް ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން އެދިވަޑައިގަންނަވައެވެ.
މިރޭ ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ދިޔަވަރު އެންމެ ބޮޑުވާނެ ގަޑިތައް.
އުތުރުގެ ސަރަހައްދުތަކަށް   1234 ގައި
މެދުތެރޭގެ ސަރަހައްދުތަކަށް  1315 ގައި
ދެކުނުގެ ސަރަހައްދުތަކަށް  1351 ގައި
މިހާރު ރާއްޖެ އަށް ކުރަމުންދާ ވިއްސާރަ އަކީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ