ކޮވިޑްގެ އިޖުތިމާއީ މައްސަލަތައް ހައްލު ކުރުން މައުމޫން ހަމީދުގެ ބިލެއް
ރާއްޖޭގައި ހަލުވިކަމާ އެކު، ކޮވިޑް-19 ފެތުރެން ފަށާފައިވާއިރު އެކަމުގެ ސަބަބުން ދިމާވެފައިވާ ބޮޑެތި އިޖުތިމާއީ މައްސަލަތަކަށް ހައްލެއް ހޯދުމަށް ބާ ކައުންސިލްގެ ރައީސް މައުމޫން ހަމީދު ބިލެއް ފަރުމާ ކުރައްވައިފި އެވެ. ތޭރަ ބާބެއްގެ މައްޗަށް އެކުލެވޭ ބިލަށް ދީފައިވާ ނަމަކީ "މުޖުތަމައުގެ މަސްލަހަތަށް އަޅާ ހާއްސަ ފިޔަވަޅުތަކުގެ ގާނޫނު" އެވެ. އެ ބިލް ފާސްވެ ގާނޫނަކަށް ވުމުން މިހާރު ކުރިމަތިވެފައިވާ ގިނަ އިޖުތިމާއީ ކަންތައްތަކަށް ހައްލު ލިބިގެންދާނެ ކަން މައުމޫން ހަމީދު ވަނީ ފާހަގަކޮށްފަ އެވެ. އަދި ބައެއް ކަންކަން އުނިވެފައި ހުރެދާނެ ކަމަށާއި އެހެން ކަމުން ބިލަށް ބަހުސްކޮށް އިތުރަށް ފުރިހަމަ ކުރުމުގެ ފުރުސަތު އޮތް ކަންވެސް މައުމޫން ހަމީދު ވަނީ ފާހަގަކުރައްވައިފަ އެވެ. https://twitter.com/maanhameed/status/1259442393344086019 ބިލް ގާނޫނަކަށް ވުމުން ހާސިލްވާނެ ކަންތައްތައް: އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ކޮންމެ މީހެއްގެ އަސާސީ ހައްގުތަކާއި ޒަރޫރީ ބޭނުންތައް ފުއްދައި ދިނުން ކަށަވަރު ކުރުން ކޮވިޑް-19 އާ ގުޅިގެން ބޯހިޔާވަހިކަން ގެއްލިފައިވާ ފަރާތްތަކަށް ކުއްލި ހާލަތުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ފަހިކޮށްދިނުން ކާބޯތަކެތި ލިބުން ދަތިވެފައިވާ ފާރަތްތަކަށް ކުއްލި ހާލަތުގައި ކާބޯތަކެތި ފޯރުކޮށްދިނުމަށް ފަހިކޮށްދިނުން ހާއްސަ ހިމާޔަތާއި ރައްކާތެރިކަމަށް ބޭނުންޖެހިފައިވާ ފަރާތްތަކަށް ބޭނުންވާ ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް ފަހިކޮށްދިނުން ކޮވިޑް-19 ރާއްޖޭގައި ފެތުރުން ކޮންޓްރޯކް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އާއްމު ރައްޔިތުންގެ ދިރިއުޅުމާއި އަމްދަނީއަށް ކުރިމަތިވަމުންދާ ދަތިތަކަށް ހައްލު ހޯދައިދިނުން ކޮވިޑް-19އާ ގުޅިގެން ގެއްލުންވަމުންދާ ވަޒީފާތައް ހިމާޔަތް ކުރުން ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އިގްތިސާދަށް ކުރިމަތިވެފައިވާ މަޑުޖެހުމަށް ހައްލު ހޯދައިދިނުން އެ ބިލް ގާނޫނަކަށްވުމުން އޭގައިވާ މަގުސަދުތައް ހާސިލްކުރަން ފަހިކުރުމުގެ ގޮތުން ހާއްސަ ފިޔަވަޅު އެޅުމުގެ މުއްދަތެއް ކަނޑައެޅޭނެ އެވެ. އެ މުއްދަތު ކަމުގައި ބަލާނީ މާޗް އެއް ވަނަ ދުވަހުން ފެށިގެން ކޮވިޑް-19އާ ގުޅިގެން އިއުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު ނުވަތަ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު ކަމަށް ވަނީ ބުނެފަ އެވެ. އަދި މިއަހަރު ނިމެންދެން ހާއްސަ ފިޔަވަޅުގެ ގަރާރުގެ މުއްދަތު ދެމި އޮންނާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ. އެގޮތުން، ހާއްސަ ހިމާޔަތް ލިބިދިނުމުގެ މުއްދަތުގައި، ދިރިއުޅުމަށް ކުއްޔަށް ދޫކޮށްފައިވާ އެއްވެސް ތަނެއްގެ ކުލި ބޮޑުކުރުން؛ ނުވަތަ ދިރިއުޅޭ ތަނެއްގެ ކުލީ ގެ އެއްބަސްވުން ކުއްޔަށްދޭ ފަރާތުން ބާތިލުކުރުމަކީ މަނާކަމެކެވެ. އެ ބިލްގައިވާ ގޮތުން ދިރިއުޅުމަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ ކުލީގެ 20 އިންސައްތަ އަށް ވުރެން ބޮޑު މިންވަރަކަށް ކުލި ކުޑަކުރަން ޖެހެއެވެ. އެކަން ކުރުމަކީ ކުއްޔަށްދޭ ފަރާތުގެ ޒިންމާއެކެވެ. އަދި ލުއި ލިބިގަތުމަށް އެއްވެސް ފަރާތަކުން އެދޭކަށް ނުޖެހޭނެ އެވެ. ކޮވިޑް -9 އާ ގުޅިގެން، ދިރިއުޅުމަށް ތަންތަން ކުއްޔަށް ހިފާފައިވާ ފަރާތްތަކަށް އެހީ ތެރިވެދިނުމުގެ ގޮތުން ކުލި ކުޑަކޮށްދޭ ނުވަތަ ކުލި މައާފުކޮށްދޭ ކޮންމެ ފަރާތަކަށްމެވެސް ޓެކްސް ކްރެޑިޓް ހައްގުވާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ. މި ހާލަތުގައި މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ދިރިއުޅުމަށް އަމިއްލަ ފަރާތްތަކުން ކުއްޔަށްދޫކޮށްފައިވާ ފްލެޓްތަކުގެ މަހު ކުލި އެއްކޮށް ނުދެއްކުނު ނަމަވެސް، އެތަންތަނުން ނުނެރެވޭ ގޮތަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދުގެ "ކޮވިޑް19 އެހީތެރިިކަމުގެ ބިލު" ގެ ނަމުގައި ފަރުމާކުރި ބިލް މަޖިލީހަށް ހުށަހަޅަން ފުރުސަތު ދީފައެއް ނުވެ އެވެ. އެއީ، ދައުލަދުގެ ހަރަދާއި އާމްދަނީއާ ގުޅޭ ކަންތައްތައް އެ ބިލްގައި ހިމެނޭތީ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފަ އެވެ. މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ދައުލަތުގެ އާމްދަނީއާ ގުޅޭ ކަންކަން ހިމެނޭ ބިލްތައް ހުށަހެޅޭނީ ސަރުކާރަށް ނުވަތަ ސަރުކާރު ހިންގާ ޕާޓީގެ މެންބަރުންނަށް އެކަންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ