ޤައުމުގެ މުސްތަޤުބަލަށް ރަނގަޅު ގޮތެއް ހޯދައިދިނުމުގައި ޒުވާނުން މުހިންމު ދައުރެއް އަދާކޮށްދޭންޖެހޭ ކަމަށް ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޤާސިމް އިބްރާހިމް މިހެން ވިދާޅުވީ ޒުވާނުން މިހާރު ތިބީ ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާހީމާއި އެކުކަން ހާމަކޮށްދިނުމަށް ޖުމްހޫރީ ގުޅުމުން މިއަދު މަގުމަތީ ފެށި ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
ޤާސިމް އިބްރާހިމް ވިދާޅުވީ ޖުމްހޫރީ ގުޅުމުގައި ޒުވާނުން ބައިވެރި ކުރުމަކީ، އެ ގުޅުމުގެ ވަރަށް ބޮޑު އަމާޒެއް ކަމަށާއި، މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ޒުވާނުން ނިންމާ ނިންމުމަކީ ޤައުމުގެ ކުރިމަގު ބިނާވެގެން ދިއުމަށް ހުޅުވިގެންދާނެ ބޮޑު ދޮރަކަށް ވާނެ ކަމަށެވެ.
ރިޔާސީ އިންތިޚާބުގައި ޒުވާނުންގެ ވޯޓުގެ މުހިންމު ކަމާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން މިއަދުވެސް ޤާސިމް އިބްރާހިމް ވަނީ، ވޯޓުލުމަށް ރަޖިސްޓަރީ ކުރުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
އެމަނިކުފާނު ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީ ކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި، މިފަހަރުގެ އިންތިޚާބުގައި ލާ ވޯޓުގެ ސަބަބުން ޤައުމަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށެވެ.
"އެއް ބަދަލަށް ވާނެ މިނިވަންކަމާއި ދިނީ ކަންކަމަށް އަންނަ ބަދަލު. އެހެންވީމަ އަޅުގަނޑު ދަންނަވަން ބޭނުންވަނީ، ރަޖިސްޓްރީ ކުރައްވާށޭ ހުރިހާ ބޭފުޅުންވެސް އަދި މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓު ލައްވައިގެން ޤައުމަށް އަޅުގަނޑުމެން ގެންނަން ބޭނުންވާ ބަދަލުތައް ގެނައުމަށް އެހީތެރިވެދެއްވާށޭ" ޤާސިމް އިބްރާހިމް ވިދާޅުވިއެވެ.
ޖުމްހޫރީ ގުޅުމުގެ މަގުމަތީ ހަރަކާތްތައް ފެށުމުގެ ގޮތުން މިއަދު ވަނީ ގްރެފިޓީގެ "ޖީ"، "ކިއު" އަށް ބަދަލުކޮށް، "ގްރެފިޓީ" އާއެކު ޖުމްހޫރީ ގުޅުމުގެ ހަރަކާތްތައް ފުޅާކުރުމުގެ މަސައްކަތް ފަށާފައެވެ.
މި މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވާ ޖުމްހޫރީ ގުޅުމުގެ ޒުވާނެއް ކަމަށްވާ ޒޫޝާން ބުނީ މި ހަރަކާތްތަކުގައި އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ޖުމްހުރީ ގުޅުމުގެ މެނިފެސްޓޯއާ ބެހޭގޮތުން ޒުވާނުން މައުލޫމާތުދޭނެ ކަމަށެވެ. އަދި މި ހަރަކާތުން ޒުވާނުން ތިބީ ޤާސިމް އިބްރާހިމްގެ ފަހަތްޕުޅުގައި ކަން ހާމަވެގެންދާނެ ކަމަށްވެސް ޒޫޝާން ވަނީ ބުނެފައެވެ.
"މިއަދު މި ފެށި ހަރަކާތުގެ ދަށުން އަޅުގަނޑުމެން ހިންގާ ހަރަކާތްތަކުގައި ޖުމްހޫރީ ގުޅުމުގެ މެނިފެސްޓޯގައި ހިމަނާފައިވާ ކަންކަން ރައްޔިތުންނަށް އޮޅުންފިލުވައިދިނުމާއި ސޯޝަލް މީޑިޔާގައި ޖުމްހޫރީ ގުޅުން ޕްރޮމޯޓް ކުރުމަށް މަސައްކަތް ކުރާނަން،" ޒޫޝާން ބުންޏެވެ.
މިއަދު ބޭއްވި ހަރަކާތުގައި ޖުމްހޫރީ ގުޅުމުގައި ހިމެނޭ ހުރިހާ ސިޔާސީ ޕާޓީތަކުގެ އިސްވެރިންނާއި ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ބައިވެރިވެފައެވެ.
ގައުމުގެ ކުރިމަގު އޮތީ ޒުވާނުން ނިންމާ ގޮތަކަށް: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ