ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެނޑިޑޭސީ ސައްހަތޯ ބަލަން ސުޕްރީމް ކޯޓަށް ހުށައަޅާފައިވާ މައްސަލަ އިންތިހާބުގެ ކުރިން ނިންމާ ރައްޔިތުންނަށް އެކަން ސާފު ކޮށްދިނުމަށް ތާއީދު ކުރައްވާ ކަމަށް ޖުމްހޫރީ ގުޅުމުގެ ކެންޕެއިން ޓީމުން ބުނެފި އެވެ.
މ. ކުނޫޒްގައި ދިން ނިއުސް ކޮންފަރެންސެއްގައި އެ ގުޅުމުގެ ކެންޕެއިން ސްޓިއަރިން ކޮމެޓީގެ ޗެއާމަން އުމަރު ނަސީރު ވިދާޅުވީ ރައީސް ނަޝީދުގެ ކެންޑިޑޭސިއާމެދު ސުވާލް އުފެދުމުގެ ފުރުސަތު އެބައޮތް ކަމަށާއި މުހިންމު އިންތިހާބަކަށް ނުކުންނައިރު އެކަންކަން ރައްޔިތުންނަށް ސާފުވެފައި އޮންނަން ޖެހޭނެ ކަމަށެވެ. ޖުމްހޫރީ ގުޅުމުން އެކަމަށް ތާއީދު ތާއީދު ކުރި ނަމަވެސް ވަކި ކެންޑިޑޭޓަކާއި ޖައްސާލައިގެން ކަންކަން ކުރުމަކީ އެ ގުޅުމުގެ އުސޫލެއް ނޫން ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
"ވައްޑޭގެ [ރައީސް ނަޝީދުގެ ކެންޑިޑޭސީ ބާތިލު ކުރަން ކޯޓަށް ވަޑައިގެންނެވި މުހައްމަދު ވަހީދު އިބުރާހިމްގެ] އެ މައްސަލައަށް އަޅުގަނޑުމެން ވެސް ތާޢިދު ކުރަން. ނަމަވެސް އެއީ ވަކި ސިޔާސީ މަގުސަދެއްގައެއް ނޫން އިނގޭތޯ؟ ކެންޑިޑޭޓަކާމެދު ސުވާލު އުފެއްދިއްޖެނަމަ ކެންޑިޑޭސީ ސައްހަ ކުރަން ޖެހޭނެ،" އުމަރު ވިދާޅުވި އެވެ.
މި ބައްދަލްވުމުގައި އަދާލަތު ޕާޓީގެ ނާއިބު ރައީސް ޑރ. މައުރޫފް ހުސައިން ވިދާޅުވީ ރައީސް ނަޝީދުގެ ކެންޑިޑޭސީއާމެދު އުފެދިފައިވާ ސުވާލް މުޅިން ސާފްވާންޖެހޭ ކަމަށް އަދާލަތު ޕާޓީން ވެސް ގަބޫލް ކުރާ ކަމަށެވެ. އަދި އެ މައްސަލަ މިހާރު ކޯޓަށް ހުށައެޅިފައިވާއިރު މިއީ މުނާސަބު ވަގުތު ނޫން ކަމަށް ބުނެ ދޫކޮށްލެވެން ނޯންނާނެ ކަމަށެވެ.
ރައީސް ނަޝީދުގެ ކެންޑިޑޭސީ އުމުރަށް ބާތިލު ކުރުމަށް މައްސަލައެއް ސުޕްރީމް ކޯޓަށް ވެއްދީ ރައީސް މައުމޫންގެ ގާނޫނީ ވަކީލު މުހައްމަދު ވަހީދު އިބުރާހިމް (ލޯޔަރުވައްޑޭ) އެވެ.
ނަޝީދުގެ ކެންޑިޑޭސީ ސައްހަތޯ ބަލަންޖެހޭނެ: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ