ނައިފަރު ދާއިރާގެ މެމްބަރުގެ ތާއީދު ޔާމީނަށް ދީފި

މިމަހުގެ 28 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޢަބްދުﷲ ޔާމީނަށް ތާއީދު ކުރަން ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ ޑީއާރުޕީ މެމްބަރު އަހުމަދު މުހައްދު ނިންމަވައިފި އެވެ.
ޕީޕީއެމް އިން މިއަދު ނަސަންދުރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު މުހައްދު ވިދާޅުވީ ޑީއާރްޕީން އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދަށް ތާއީދު ކުރަން ނިންމި ނަމަވެސް އެމްޑީޕީ ފިކުރަކީ މި ރާއްޖެއަށް އެހާ ރަނގަޅު ފިކުރެއް ނޫން ކަމަށެވެ. އެހެން ކަމުން ޔާމީނަށް ތާއީދު ކުރުމަށް ނިންމީ ގައުމާއި، ދީނަށްޓަކައި ގައުމާއި ދީން ސަލާމަތް ކުރަން މަސައްކަތް ކުރުމަށް ކަމަށެވެ.
އަހުމަދު ވިދާޅުވީ އޭނާ އަދި ވެސް ހުންނެވީ ޑީއާރްޕީގެ މެމްބަރެއްގެ ގޮތުގައި ކަމަށާއި، ޑީއާރްޕީން ވަކިވެ ވަޑައިގަތުމުގެ ވިސްނުންފުޅުއް އަދި މިވަގުތު ނުގެންގުޅުއްވާ ކަމަށެވެ. ނަމަވެސް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޔާމީނަށް ތާއީދު ހޯދައި ދިނުމަށް ޔާމީންގެ ކެންޕޭނުގައި ހަރަކާތްތެރި ކަމާއެކު މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ޅ. ނައިފަރުން ތިންބައިކުޅަ ދެބައި އަދި އެހެން ރަށްރަށުން ވެސް ބޮޑު މެޖޯރިޓީއެއް ޕީޕީއެމަށް ހޯދައިދިނުމަށް މަސައްކަތްކުރައްވާނެ ކަމަށް އަހުމަދު ވިދާޅުވި އެވެ.
"ރާއްޖެތެރޭގެ ވަރަށް ގިނަ ރަށްރަށާ ވެސް އަޅުގަނޑާ ގުޅުން އޮންނާނެ. އެ ރަށްރަށާ ގުޅައިގެން ވެސް އަޅުގަނޑު ބަލާނަން ވީހާ ވެސް ގިނަ އަދަދަކަށް ޕީޕީއެމްގެ ކެންޑިޑޭޓަށް ރަނގަޅު ވޯޓްކޮޅެއް ހޯދައިދެވޭތޯ،" އަހުމަދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ