ހިތަދޫ މެދު ދާއިރާގެ އިންތިޚާބުގެ މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ އިންތިޚާބު ބާތިލްކޮށް ދިނުމަށް އެދި، އެ ދާއިރާއަށް ވާދަކުރި ޕީޕީއެމްގެ ކެންޑިޑޭޓް މުހައްމަދު ރަޝީދު(ހިޔަލީ) ހައި ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް އެ ކޯޓުން މިއަދު ނިންމާލައިފި އެވެ. މުހައްމަދު ރަޝީދާއި ވާދަކޮށް އެ ދާއިރާގެ އިންތިޚާބު ކާމިޔާބުކޮށްފައިވަނީ އެމްޑީޕީގެ ފަރާތުން ވާދަކުރި ރިޓަޔާޑް ބްރިގޭޑިއާ އިބްރާހިމް މުހައްމަދު ދީދީ އެވެ. އެ މައްސަލައިގެ ތެރެއަށް އޭނާ ވެސް ވަނީ ތަދައްޚުލްވެފަ އެވެ. އެ މައްސަލައިގެ އަޑުއެހުމެއް ކުރިން ވެސް ބާއްވާފައިވާއިރު މިއަދު ބޭއްވި ދެވަނަ އަޑުއެހުން ނިންމާލަމުން ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ އެ މައްސަލަ ދިރާސާ ކުރުމުގެ ތެރޭގައި އިތުރު ކަމެއް ސާފުކުރަން ޖެހިއްޖެނަމަ ނުވަތަ ހެއްކަކު ހާޒިރުކުރަންޖެހޭ ކަމަށް ފެނިއްޖެނަމަ އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށެވެ. އެހެން ނޫންނަމަ ދެން އޮންނާނީ ހުކުމްކުރުން ކަމަށް ބެންޗުން އިއުލާން ކުރެއްވި އެވެ. ދައުވާކުރާ މުހައްމަދު ރަޝީދުގެ ވަކީލް މުހައްމަދު ވަހީދު އިބްރާހިމް(ލޯޔަރު ވައްޑެ) މިއަދުގެ އަޑުއެހުމުގައި ވިދާޅުވީ ރިޝްވަތު ދިނުމަކީ އިންތިޚާބަށް އެކަށީގެންނުވާ ނުފޫޒު ފޯރުވުން ކަމަށާއި އެއީ އިންތިޚާބު ބާތިލްކުރަންޖެހޭ ސަބަބެއް ކަމަށެވެ. އަދި އެ މައްސަލައިގައި ހުށަހަޅާފައިވާ ހެކިން ބުނާ އެއްޗެއް ވެސް އެނގޭނީ އެ މީހުން ކޯޓަށް ހާޒިރު ކުރުމުން ކަމަށާއި އެހެންކަމުން އެ މީހުން ހާޒިރުކޮށް ދިނުމަށް އޭނާ ފަނޑިޔާރުންގެ ކިބައިން އެދުނެވެ. އަދި 2009 ގެ މަޖިލިސް އިންތިޚާބުގެ ތިމަރަފުށީ ދާއިރާ އިންތިޚާބުގެ މައްސަލައިގައި ވެސް ހައި ކޯޓުން އެގޮތަށް އަމަލުކޮށްފައިވާ ކަމަށް ވަހީދު ވިދާޅުވި އެވެ. އެ އިންތިޚާބަށް އެކަށީގެންނުވާ ނުފޫޒު ފޯރާފައިވާ ކަމަށް ބުނާ އިންޓެލިޖެންސް ރިޕޯޓެއް ފުލުހުންގެ އަތުގައި އޮތްކަން ނޭނގޭ ކަމަށް، ކުރިން ދުވަހުގެ ޝަރީއަތުގައި ވަހީދު ވިދާޅުވި ނަމަވެސް އޭނާ މިއަދު ވިދާޅުވީ އެފަދަ ރިޕޯޓެއް ފުލުހުންގެ އަތުގައި އެބައޮތް ކަމަށެވެ. އަދި އެ ރިޕޯޓް ދޫކުރެވޭނީ ކަމާބެހޭ ފަރާތަކުން އެންގުމުން ކަމަށް، ދައުވާކުރާ މުހައްމަދު ރަޝީދަށް ފުލުހުން އަންގާފައިވާ ކަމަށް ވެސް ވަހީދު މިއަދު ވިދާޅުވި އެވެ. މީގެ އިތުރުން ރިޔާސީ އިންތިޚާބުގެ މައްސަލަ ސުޕްރީމް ކޯޓުން ބެލިއިރު އެ އިންތިޚާބާ ބެހޭ އިންޓެލިޖެންސް ރިޕޯޓް ވެސް ހޯދީ ކޯޓުންކަން ވަހީދު ފާހަގަކުރެއްވި އެވެ. ހެކިވެރިން ހާޒިރުކޮށް ދިނުމަށާއި އިންޓެލިޖެންސް ރިޕޯޓް ކޯޓުން ހޯދުމަށް ވަހީދު އެދުނު ނަމަވެސް އެކަމާ މެދު ފަނޑިޔާރުން ބެންޗުން ވަކި އެއްޗެއް ވިދާޅެއް ނުވެއެވެ. މީގެކުރިން ބޭއްވި މަޖިލީހުގައި އިލެކްޝަންސް ކޮމިޝަންގެ ވަކީލުން ވަހީދުގެ ވާހަކަތަކަށް ރައްދު ދެއްވި ނަމަވެސް މިއަދު އަޑުއެހުމުގައި އެގޮތަށް ރައްދެއް ނުދެއެވެ. ސަބަބަކީ އެ މައްސަލައާ ގުޅިގެން ދައްކަން ބޭނުންވާ ވާހަކަތައް ކުރިން ބޭއްވި މަޖިލީހުގައި ދައްކާފައިވާތީ ކަމަށް އެ ކޮމިޝަންގެ ވަކީލް ހުސްނުއް ސުއޫދު މިއަދު ވިދާޅުވި އެވެ. ދައުވާކުރާ ފަރާތުން ހުށަހެޅި ހެކިވެރިންނާއި ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓާ ގުޅޭގޮތުން ވެސް ވަކި އެއްޗެއް ވިދާޅުނުވެ، އޭނާ އެދިވަޑައިގަތީ އެކަމާ މެދު ޝަރީއަތުން ގޮތެއް ނިންމައި ދިނުމަށެވެ. ކޮމިޝަނުން މިއަދު ރައްދު ނުދިން ނަމަވެސް އެ މައްސަލައިގެ ތެރެއަށް ތަދައްޚުލްވެފައިވާ އިބްރާހިމް ދީދީގެ ވަކީލް މުހައްމަދު ފަރީދު ވަނީ ވަހީދުގެ ވާހަކަތަކަށް ރައްދު ދެއްވައިފަ އެވެ. އޭނާ ވިދާޅުވީ އިންތިޚާބެއް ބާތިލްކުރަންޖެހޭނީ މައްސަލަ ޖެހިފައިވާ ވޯޓުގެ އަދަދާއި ދެ ކެންޑިޑޭޓުންގެ ވޯޓުގެ ފަރަގަށް ބަލާފައިވާ ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާ ކަމަށެވެ. އެގޮތުން ބަލާއިރު އިބްރާހިމް ދީދީ އާއި މުހައްމަދު ރަޝީދާ ދެމެދު ހުރީ 201 ވޯޓުގެ ތަފާތުކަން އޭނާ ފާހަގަކުރެއްވި އެވެ. އަދި އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ރިޝްވަތު ދިން ކަމަށް ބުނަނީ ތިން ހެކިވެރިން ކަމަށާއި އެ މީހުންނަކީ ވެސް ރިޝްވަތު ލިބުނު މީހުން ކަމަށްވާތީ އެ މީހުންގެ ހެކިބަސް ބަލައިގެނެވޭނެ ކަމާ މެދު އޭނާ ސުވާލު އުފެއްދެވި އެވެ. ބާކީ ތިބި ހެކިވެރިންގެ ބަޔާންތަކުގައިވާ ވާހަކަތަކަކީ މައްސަލައާ ގުޅޭ ވާހަކަތަކެއް ނޫން ކަމަށް ވެސް ފަރީދު ވިދާޅުވި އެވެ. އެކަންކަން ފާހަގަކޮށް، އޭނާ ވިދާޅުވީ އެ އިންތިޚާބު ބާތިލްކުރަންޖެހޭ ސަބަބެއް ނެތް ކަމަށެވެ. އަދި އިންޓެލިޖެންސް ރިޕޯޓް އޮތްކަން ނޭނގޭ ކަމަށް ކުރިން ދުވަހު ވަހީދު ވިދާޅުވި ނަމަވެސް މިއަދު އެއާ ތަފާތުކޮށް ވަހީދު ވާހަކަ ދެއްކިކަން ފަރީދު ވެސް ފާހަގަކުރެއްވި އެވެ. އެ މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތުގައި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އިންނަވާއިރު ބެންޗުގައި ދެން ތިއްބަވަނީ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ