ރައީސް ވަހީދު ގާނޫނު އިމުގެ ތެރެއަށް ވެންނެވުމަށް ގާސިމް ގޮވާލައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ގާނޫނުގެ އިމުގެ ތެރެއަށް ވެންނެވުމަށް ސަރުކާރު ކޮލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް މާމަގިލި ދާއިރާގެ މެމްބަރ ގާސިމް އިބްރާހީމް ގޮވާލައްވައިފި އެވެ.
ރައީސް ވަހީދު ތަސްދީގުނުކުރައްވާ މަޖިލީހަށް އަނބުރާ ފޮނުވާލެއްވި ދެ ބިލެއް ތަސްދީގުކުރުން ލާޒިމްކޮށް މަޖިލީހުން ފާސްކުރުމަށް ފަހު ރައީސް ވަހީދަށް ފޮނުއްވުމުން އެ ދެބިލް ތަސްދީގުނުކުރައްވާ ލަސްވާ މައްސަލާގައި މިއަދު މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގާސިމް ވިދާޅުވީ ގާނޫނުއަސާސީއާ ހިލާފަށް ނުވަތަ ގާނޫނުއަސާސީގެ މަތިން ހަމަ އެއްވެސް މިހަކަށް ނުހުރެވޭނެ ކަމަށެވެ.
" އެހެންކަމުން ރައީސް ޑރ.މުހައްމަދު ވަހީދުވެސް ގާނޫނުގެ އިމުގެ ތެރެއަށް ވެންނެވުމަށާއި މިއަދުން މިއަދަށް އެ ދެ ބިލް ތަސްދީގުކޮށް ގެޒެޓްގައި ޝައިއުކުރުމަށް އިލްތިމާސްކުރަން،" ޖުޑީޝަލް ސާވިސް ކޮމިޝަނުގައި ވެސް ހިމެނިވަޑައިގަންނަވާ ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ މީގެ ކުރިން ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައިވެސް މަޖިލީހުން ފާސްކުރި މާލިއްޔަތު ގާނޫނު ތަސްދީގުނުކުރި މައްސަލައެއް ފެންމަތިވެގެންދިޔަ ކަމަށާއި އެކަމާ ގުޅިގެން އެ މައްސަލަ ސުޕްރިމްކޯޓަށް ހުށަހެޅުމުން، ދެ ވަނަފަހަރަށް ރައީސަށް ފޮނުވާ ބިލްތައް ތަސްދީގުކުރަންޖެހޭނެކަމަށް ކޯޓުން ކަނޑައަޅާފައިވާކަމަށެވެ. އެހެންކަމުން މަޖިލީހުން މިހާރު ފާސްކޮށްފައިވާ ދެބިލް ތަސްދީގުނުކުރައްވާ ލަސްކުރެއްވުމަކީ ރައީސް ވަހީދަށް ލިބިވަޑައިގަންނަވާ ބާރެއްނޫންކަމަށް ގާސިމް ވިދާޅުވިއެވެ.
މިއަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރައްވަމުންގެންދަވާ ގާސިމް ވިދާޅުވީ ތަސްދީގުނުކޮށް ބާއްވާފައިވާ ދެބިލް މިއަދުން މިއަދަށް ތަސްދީގުކުރުމަށް ގޮވާލައި މަޖިލީހުގެ ރައީސް އިއްވެވި ބަޔާނަކީ ގާސިމުވެސް ބައިވެރިވެވަޑައިގެން ނިންމަވާފައިވާ ނިންމުމެއްކަމަށެވެ.
ޕާޓީތަކުގެ ބިލާއި އިމްތިޔާޒުގެ ބިލް ތަސްދީގުނުކުރުން ލަސްވާ މައްސަލާގައި މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާވެސް ވަނީ ހޫނުވެގެން ހުއްޓާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ