ޖޭޕީގެ ވެރިކަމެއްގެ ފުރަތަމަ ދެމަސް ތެރޭ މާފިލާފުށީ ރައްޔިތުން ހުޅުމާލެއަށް ބަދަލު ކުރާނެ: ގާސިމް

ޖުމުހޫރީޕާޓީ (ޖޭޕީ) ގެ ވެރިކަމެއްގެ ފުރަތަމަ ދެމަސް ދުވަހުގެ ތެރޭގައި ޅ. މާފިލާފުށީ ރައްޔިތުން ހުޅުމާލެއަށް ބަދަލުކުރާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބުރާހިމް ވިދާޅުވެއްޖެ އެވެ.
ޅ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްގައ މިއަދު މާފިލާފުށީ ރައްޔިތުންނާއި ބައްދަލުކުރައްވާ ގާސިމް އިބުރާހިމް ވިދާޅުވީ މާފިލާފުށީ ރައްޔިތުން އުޅެމުންދާ ނިކަމެތިހާލު އެމަނިކުފާނަށް އިހުސާސް ކުރެއްވޭ ކަމަށާއި ޖޭޕީގެ ވެރިކަމެއްގައި އެ ރަށުގެ ރައްޔިތުންނަށް އިތުރު ނިކަމެތި ކަމެއް ލިބުނަ ނުދެއްވާނެ ކަމަށެވެ.
މިވަގުތު ވެސް މަދު ބަޔަކު ދިރިއުޅެމުން އަންނަ އެރަށަށް ގާސިމް އިބުރާހިމް ވަޑައިގަތުމުން އެރަށުގެ ރައްޔިތުން ވަނީ އެމީހުންނަށް ދިމާވެފައިވާ ދަތިތަކާއި ކަންބޮޑުވުން ހިއްސާ ކޮށްފަ އެވެ.
މައިގަނޑު ކަންބޮޑުވުންތަކުގެ ތެރޭގައި އެރަށުގައި އާބާދީ މަދުވުމުން އަސާސީ ހިދުމަތްތައް ނުލިބުމާއި ވަޒީފާގެ ފުރުސަތުތައް ނެތުމާއި ކާބޯތަކެތި ދުވަހުން ދުވަހަށް ނުލިބުމުގެ މައްސަލަ ހިމެނެ އެވެ.
މާފިލާފުށީގެ އިތުރުން ގާސިމް އިބުރާހިމް މިއަދު ވަނީ ޅ. އަތޮޅު ކުރެންދޫއަށާއި އޮޅުވެލިފުއްޓަށް ވެސް ވަޑައިގެންފަ އެވެ. މި ދެ ރަށަށްވަޑައިގެން އެ ދެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ކުރިމަތިވެފައިވާ ދަތިތައް ސާފުކުރެއްވި އެވެ. މީގެ އިތުރުން އެ ރަށްރަށަށް ކުރިމަތިވެފައި ހުރި ދަތިތަކުގެ ތެރެއިން ބައެއް ކަންކަން ހައްލުކޮށްދެއްވުމަށް އެމަނިކުފާނުގެ އަމިއްލަފުޅު ހައިސިއްޔަތުންނާއި ސަރުކާރުގެ ތެރެއިން ވެސް މަސައްކަތް ކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މީގެ އިތުރުން ޖޭޕީގެ މެނިފެސްޓޯ އެކުލަވާލުމަށްޓަކައި މެނިފެސްޓޯގައި ހިމެނުމަށް ރައްޔިތުން ބޭނުންވާ ކަންކަންވެސް ގާސިމް އިބުރާހިމްވަނީ އޮޅުންފިލުއްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ