މިނިވަންކަން ގެއްލުވާލުމަށް ފުރުސަތު ދެވޭކަށް ނެތް: ގާސިމް އިބްރާހިމް

އަމިއްލަ ފައިދާއާއި ސިޔާސީ ބޭނުމަށްޓަކައި ދިވެހި ޤައުމިއްޔަތާއި ދިވެހިންގެ މިނިވަންކަން ގެއްލުވާލުމަށް އެއްވެސް ފަރާތަކަށް ފުރުސަތު ނުދެއްވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ދިވެހި ރައްޔިތުންނަށް ގޮވާލައްވައިފި އެވެ.
އެމަނިކުފާނު މިކަމަށް ގޮވާލެއްވީ ޖުމްހޫރީ ޕާޓީން ހުކުރު ދުވަހުގެ ރޭ ޅ.އަތޮޅު ހިންވަރުގައި ބޭއްވި އެޕާޓީގެ އާންމު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް ވިދާޅުވީ ދައުލަތުގެ ކިތަންމެ އިސް މަޤާމެއްގައި ހުންނެވި ނަމަވެސް އަދި ސިޔާސީ ގޮތުން ބާރުވެރިކަމެއް ލިބިފައިވީނަމަވެސް ދިވެހި ޤައުމުގެ މިނިވަންކަމާއި އިޖުތިމާއީ އަދާލަތަށް ހުރަސް އެޅުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނޯންނާނެ ކަމަށެވެ.
ޤާސިމް އިބްރާހިމް ވިދާޅުވީ ދިވެހި ޤައުމުގެ ހާލަތު އޮތީ ކަންބޮޑުވާ ހިސާބެއްގައި ކަމަށާ، މިހާލަތުގައި ސަކަރާތާއި މަޖަލުގެ ތެރެއަށް ދިވެހި ޤައުމުގެ އެއްވެސް ކަމެއް ދޫކޮށްލެވެން ނެތް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރުކަންވެސް ކުރައްވަމުން ގެންދަވާ ޤާސިމް އިބްރާހިމް ވިދާޅުވީ ދިވެހިންގެ މިނިވަންކަމާއި ދިވެހި ޤައުމިއްޔަތު ކުރިއަށް އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ މިއަދު އަޅުގަނޑުމެން ކޮންމެ މީހަކަށްވެސް ވާޖިބުވެގެންވާ ކަމެއް ކަމަށެވެ. އަދި ދިވެހި ޤައުމުގެ މިނިވަންކަމާއި ދިވެހި ޤައުމިއްޔަތު ރައްކާތެރިކަމާއިއެކު މިއަދުގެ ޖީލުތަކަށް ފޯރުވައިދިނުމަށް ކާބަފައިން ބުރަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާ، އެކަމުން ދިވެހި ހުރިހާ ރައްޔިތުން އިބްރަތް ލިބިގަންނަންޖެހޭ ކަމަށްވެސް ޤާސިމް އިބްރާހިމް ވިދާޅުވި އެވެ.
ޤާސިމް އިބްރާހިމް އިތުރަށް ވިދާޅުވީ އިޖުތިމާއީ އަދާލަތާއި އިންސާފު ހުރިހާ ރައްޔިތުންނަށްވެސް ހަމަހަމަކަމާއިއެކު ލިބެންޖެހޭނެ ކަމަށާ، ވަކި މީހަކަށް ވަކި ގޮތެއް ހެދިގެން ނުވާނެ ކަމަށެވެ.
ނަމަވެސް ބައެއް ސިޔާސީ ފަރާތްތަކުން ޤާނޫނުތަކާއި ޚިލާފަށް ކުރަމުންގެންދާ ކަންކަމާއި ގުޅިގެން ދިވެހި ޤައުމަށް ލިބެމުންދާ ގެއްލުމާއިމެދު ހިތާމަކުރައްވާ ކަމަށްވެސް ޤާސިމް އިބްރާހިމް ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ