ޖޭޕީގެ ވެރިކަމެއްގައި މާލޭގެ ކޯޓްތަކުގައި މަސައްކަތް ކުރައްވާ ފަނޑިޔާރުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީ، ފްލެޓް މިލްކު ކުރެވޭނެ ނިޒާމެއް ގާއިމުކޮށްދެއްވާނެ ކަމަށް ޖޭޕީގެ ލީޑަރު އަދި ޖޭއެސްސީގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
މ. އަތޮޅަށް ކުރައްވާ ދަތުރުފުޅެއްގައި މުލަކަށް ވަޑައިގެން އެރަށުގައި ބޭއްވި ޖަލްސާއެއްގައި ރާއްޖޭގެ ޖުޑީޝަރީގެ މައްޗަށް އަލި އަޅުވައިލައްވާ ގާސިމް ވިދާޅުވީ ފަނޑިޔާރުން ކުރައްވާ ކަންކަން ރަނގަޅަށް ނުދާ ކަމަށާއި ރިޝްވަތު ހިއްޕަވާ ކަމަށް ބައެއް މީހުން ތުހުމަތުކުރާ ކަމަށާއި ފަނޑިޔާރުންނާއެކު ޖުޑިޝަރީ އާއި އެ ނިޒާމްގެ އެހެން މުވައްޒަފުން ބަދުނާމު ކުރަމުންދާ ކަމަށެވެ.
"އެގޮތަށް ވާހަކަ ދައްކާއިރު ސުޕްރީމް ކޯޓާއި ހައިކޯޓާއި ދަށު ކޯޓްތަކުގެ ފަނޑިޔާރުގެ ތިބި ގޮތް އެނގޭތޯ؟" ގާސިމް ސުވާލު ކުރެއްވި އެވެ.
ގާސިމް ވިދާޅުވީ ސުޕްރީމް ކޯޓާއި ހައިކޯޓާއި މާލޭގައިވާ އެހެން ދަށު ކޯޓްތަކުގެ ފަނޑިޔާރުން މާލޭގައި ދިރިއުޅެމުންދާ ގޮތާއި ލިބިވަޑައިގަންނަވާ މުސާރަ އާއި އިނާޔަތުގެ ވާހަކލަ ދައްކާއިރު މާލޭގައި ފަނޑިޔާރުން ދިރިއުޅުއްވުމާއި މަސައްކަތުގައި އުފުލާ ތަކުލީފު ބޮޑު އިރު ސަލާމާތާއި ރައްކާތެރިކަން އޮތީ ވަރަށް ދެރަކޮށް ކަމަށެވެ.
"ސަލާމާތާއި ރައްކާތެރިކަމުގެ ގޮތުން އެފަރާރަތްތައް [ފަނޑިޔާރުން] އުޅެނީ ވަރަށް ހާލުގައި. ސެކިއުރިޓީ ގޮތުން ބެލި ނަމަވެސް ނިކަމިތި ދަށު ދަރަޖައިގައި ތިބީ. އިންސާނުން ބޭނުންވާ ކަންކަން ފަނޑިޔާރުން ކަމަށް ވިޔަސް ބޭނުންވާނެ، އެބޭފުޅުންނަށް ސުލޫކީ މިންގަނޑާއި އުޅުއްވަންޖެހޭ ގޮތް ވަނީ ގާނޫނާއި ގަވައިދުގައި އިންޖަހައިދީފައި. މިކަން މިހެން އޮތް އިރު ދައުލަތުން އބޭފުޅުންނަށް ލިބިދޭ އިނާޔާތާ ރައްކާތެރިކަން ފުރިހަމަ ކުރުމުގައި ދޭ އަހައްމިއްޔަތުކަން ވަރަށް ކުޑަ. އެކަން [އޮތް ގޮތް] އަޅުގަނޑުމީ ހެކިވެ ދަންނަ މީހެއް،" ޖޭއެސްސީގެ މެންބަރު ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި މާލޭގައި ދިރިއުޅުއްވާ ހުރިހާ ފަނޑިޔާރުންނަށް ފްލެޓްގެ ނިޒާމެއް ގާއިމްކޮށްދެއްވާނެ ކަމަށެވެ. އަދި އެކަން ކުރައްވާއިރު ސަލަމާތީ ގޮތުން ފަނޑިޔާރުންނަށް ރައްކާތެރި ނިޒާމެއް ގާއިމް ކޮށްދެއްވާނެ ކަމަށެވެ.
"މިހާރު ވެސް އބޭފުޅުންނަށް ދިރިއުޅުމަށް އެލަވަންސެއްދޭ. އެ ދެއްކޭ ފައިސާއަކީ ފްލެޓް މިލްކު ކުރެވޭ ފައިސާއެއް ގޮތުގައި ހަމަޖައްސައިދީ ޝަރުއީ ނިޒާމް ވަރުގަދަ ކުރުމުގެ ފިޔަވަޅުތައް އަޅާނަން،"
މާލޭގެ ކޯޓްތަކުގެ ފަނޑިޔާރުންގެ ވާހަކައަށް އިޝާރާތް ކުރެއްވި ނަމަވެސް މެޖިސްޓްރޭޓް ކޯޓްތަކުގެ ފަނޑިޔާރުން އިސްތިސްނާ ނުކުރައްވާ ކަމަށާއި އެވާހަކަ ފަހުން ދައްކަވާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. އޭގެ ތަފުސީލެއް ނުދެއްވަ އެވެ.
ފްލެޓް މިލްކު ކުރެވޭނެ ނިޒާމާއެކު ގާޒީންނަށް ރައްކާތެރިކަން ހޯދައިދޭނަން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ