މިކޯޓުގެ ނިންމުމަކީ އެންމެފަހުގެ ނިންމުން: ސުޕްރީމް ކޯޓް

ސުޕްރީމް ކޯޓަކީ އަދުލު އިންސާފު ޤާއިމުކުރުމުގެ އެންމެ މަތީ ފަރާތް ކަމުގައިވާތީ އެކޯޓުގެ ނިންމުންތަކަށް ހުރިހާ ފަރާތްތަކަކުންވެސް ތަބާވުމަށް ސުޕްރީމް ކޯޓުން އިލްތިމާސްކޮށްފިއެވެ.
ސުޕްރީމް ކޯޓުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޝަރީއަތުން ބަލާ އެންމެހާ މައްސަލަތަކުގައި ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުން ކަމަށެވެ. އަދި އެކަން ގާނޫނުއަސާސީގައި ސާފު ބަހުން ބަޔާންކޮށްފައިވާ ކަމަށެވެ. އެހެންކަމުން ސްޕްރީމު ކޯޓުގެ ނިންމުންތަކަށް އަމަލުކުރުމުގައި ވަކި ފަރާތެއް އިސްތިސްނާ ނުވާނެހެން ހުރިހާ ފަރާތްތަކަކުން އަމަލު ކުރަން ޖެހޭނެ ކަމަށްވެސް މިބަޔާނުގައި ބުނެއެވެ.
ސުޕްރީމް ކޯޓުގެ ނިންމުންތަކާ އެއްގޮތަށް އެންމެހާ ކަންކަން ކުރުމަށާއި އަދި ދިވެހިރާއްޖޭގައި ގާނޫނުގެ ވެރިކަން ކަށަވަރު ކުރުމަށްޓަކައި ސުޕްރީމް ކޯޓުގެ ނިންމުންތަކަށް ހުރިހާ ފަރާތްތަކަކުން ބޯލެބުމަށްވެސް މިބަޔާނުގައި ވަނީ ގޮވާލާފައެވެ.
ސްޕްރީމު ކޯޓުގެ ނިންމުންތަކުން ނިކުންނަ އެންމެހާ ގާނޫނީ ނަތީޖާތައް ބަލައިގަންނަން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުގެ ބަޔާނުގައި ބުނެފައިވާއިރު، ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް މުހައްމަދު ފަހުމީ ހަސަން އެމަގާމުން ވަކިކޮށްފައިވަނީ ގާނޫނާ ޤާނޫނު އަސާސީއާއި ހިލާފަށް ކަމަށް ސްޕްރީމު ކޯޓުން ކަނޑައަޅާފައިވަނިކޮށް އެމަގާމަށް އެހެން މެމްބަރަކު އައްޔަން ކުރުމަށް މަޖިލީހުން އިއްޔެ ވަނީ ފާސްކޮށްފައެވެ. އަދި އެމަގާމަށް ކުރިމަތިލުމުގެ ފުރުސަތު މަޖިލީހުން މިއަދު ވަނީ އާންމުކޮށް ހުޅުވާލާފައެވެ.
އަދި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ އިތުބާރު ނެތް ކަމުގެ މައްސަލަތަކުގައި ސިއްރު ވޯޓެއް ނުނެގޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް އިއްވާފައިވަނިކޮށް މަޖިލީހުން ދަނީ އެހުކުމާއި ގުޅިގެން މަޖިލީހުގެ މަސައްކަތްތަކަށް ހުރަސް އެޅިފައިވާ ކަމަށް ބުނެ ސުޕްރީމް ކޯޓުގެ ހުކުމާއިމެދު އަމަލުކުރާނެ ގޮތެއް ކަނޑައެޅުމަށް މަޖިލީހުގެ އާންމު ކޮމިޓީގައި މަޝްވަރާ ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ